ބަނޑޮސް ވޮލީޓީމުން ވެލިދޫގައި ތިން ދުވަހުގެ ޓްރޭނިންގ ކޭމްޕެއް ބާއްވައިފި

މުހައްމަދު ހަލީމް ފައުންޑޭޝަން ( އެމްއެޗް ) ގެ ހާއްސަ ދައުވަތަކަށް ނ. ވެލިދޫ ވޮލީ ކޯޓްގައި 03 ދުވަހުގެ ތަމްރީނު ކޭމްޕެއް ބަނޑޮސް އައިލެންޑް ރިޒޯޓްގެ ވޮލީޓީމުން ހިންގައިފި އެވެ.

ބަނޑޮސް ޓީމް ވެލިދޫ އަށް އައިސްފައި ވަނީ މިދިޔަ ހުކުރު ހެނދުނު އެވެ. އެ ޓީމަށް އެމްއެޗްގެ ފަރާތުން ވަނީ ހާއްސަ މަރުހަބާ އެއް ކިޔާފަ އެވެ.

މި ތިންދުވަހުގެ ވޮލީ ކޭމްޕްގައި ވެލިދޫ ވޮލީޓީމާ އެކު އެކުވެރިކަމުގެ ވޮލީ މެޗެއް ވަނީ ކުޅެފަ އެވެ. މި މެޗުގައި ވާދަވެރި ކުޅުމެއް ފެނުން ނަމަވެސް 03 ސެޓް އިން މެޗު ކާމިޔާބު ކޮށްފައި ވަނީ ބަނޑޮސް ވޮލީ ޓީމެވެ.

ބަނޑޮސް އަދި ގައުމީ ވޮލީ ޓީމްގެ ކޯޗު މުހައްމަދު ސާޖިދު ވިދާޅުވީ ވެލިދޫ ވޮލީ ކޯޓް އެންމެ ފުރަތަމަ ފެނުނީ ސޯޝަލް މީޑިއާޔާއިން ކަމަށެވެ. އަދި މިއީ ރަށުފެންވަރުގައި އަޅާފައިވާ ފުރިހަމަ ކޯޓެއް ކަމަށާއި ސޯޝަލް މީޑިއާ އިން ފެނުމުން އެމްއެޗް އަށް ތައުރީފުކޮށް ކޮމެންޓްކޮށްފައި ވާނެ ކަމަށް ވެސް ސާޖިދު ވިދާޅުވި އެވެ. ސާޖިދު އިތުރަށް ވިދާޅުވީ މިފަދަ ކޯޓެއް ރަށުގައި ހެދުމުގެ ހަގީގީ ފައިދާ ނިކުންނާނީ ރަށުފެންވަރުގައި އެކި މުބާރާތްތައް ބާއްވާ ގައުމީ ޓީމުގައި ވެލިދޫ ވޮލީ ކުޅުންތެރިން ފެނިގެންދާ ދުވަހަކުން ކަމަށެވެ.

މުހައްމަދު ހަލީމް ފައުޑޭޝަން ( އެމްއެޗް ) އަކީ މިހާރު ރަޖިސްޓާކޮށް އިޖުތުމާއީ ގޮތުން ތަފާތު ހަރަކާތްތައް ހިންގަމުން އަންނަ ފައުންޑޭޝަނެކެވެ. އަދި ވެލިދޫ ވޮލީ ކޯޓަކީ އެމްއެޗްގެ ހަދިޔާ އެކެވެ. މީގެ އިތުރުން ވެލިދޫ ނަހުޒާ ޕްރީސްކޫލާއި، ގުރުއާން ކްލާސްތައް ހިންގަމުން އަންނަނީ އެމްއެޗްގެ ފަރާތުން ހިލޭ ސާބަހަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST