ކުނިކޮށްޓާ އެކު ރައްޔިތުންގެ ޝަކުވާ ބަންޑުންވަނީ!

ކަމެއް ނުބައިކޮށް ކުރެވުމުން އެއިން ފިލާވަޅެއްލިބި، ދެންކުރާ ކަންކަމުގައި އެފަދަ ކުށެއް ތަކުރާރު ނުވާނޭހެން ފިޔަވަޅު އެޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ނަމަވެސް ނ. ވެލިދޫ ކުނިކޮށީގެ މައްސަލައިގައި ފެނިގެން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ.

ބައެއް ރައްޔިތުން ބުނާ ގޮތުން ވެލިދޫ ކުނިކޮށި އާޓިފިޝަލް ބީޗު އިރުދެކުނަށް ބަދަލުކުރުމަކީ ވެލިދޫ ކައުންސިލުން ކުރި "އުނބަށް ޖެހުން" ކަހަލަ ކަމެކެވެ. ސަބަބަކީ އަލަށް ގާއިމުކުރި ކުނިކޮށްޓާ 200 ވަރަކަށް ފޫޓް ދުރުގައި މީގެ ކުރިން ކުނިކޮށްޓެއް އޮތުމުން އެކަމުގެ އުނދަގޫ ފޯރައިން އެ ސަރަހައްދުން ކުނި ކޮށި ސިލްޕްވޭ ސަރަހައްދަށް ބަދަލުކުރިކަން މިހާރުގެ ކައުންސިލަށް ނުވިސްނުމެވެ.

"އެ ސަރަހައްދުގައި ކުރިން ގާއިމުކުރި ކުނިކޮށި އޮތް ސަރަހައްދު ސާފު ނުވެގެން އުޅެނިކޮށް އަނެއްކާ އެ ސަރަހައްދުގައި މިހެދީ އަނެއް ކުނިގޮނޑު. ރެސްޓް ބީޗު ބުޑަށް ކުނިގޮނޑު ގެނައިއިރު އެ މީހުންނަށް ނުވިސްނުނު މި ބީޗު ސަރަހައްދަކީ ކުޑަކުދިންނާއި ރަށަށް އަންނަ މެހެމާނުން ޒިޔާރަތްކުރާ ތަނެއް ކަމެއް. އަނެއްކާ ކުނިކޮށި މި އޮންނަނީ ބީޗަށް އަންނަ މީހުންނަށް ފެންނަ ގޮތަށް ހާމައަަށް. ކިހާ ޗާލު މަންޒަރެއް،" ނަން ނުޖެހުމަށް އެދި އަލަށް ކުނިކޮށިހެދި ސަރަހައްދުގައި ދިރިއުޅެމުންދާ މީހަކު ބުންޏެވެ.

ވެލިދޫ ކައުންސިލުން ބުނީ މިހާރު ގާއިމުކުރި ކުނިކޮށްޓަކީ ކުނި ނާންދާ ކުނިކޮށްޓެއް ކަމަށެވެ. އަދި އެތަނުން ރ. ވަންދޫ އަށް ވެމްކޯއިން ކުނި ގެންދާނެ ކަމަށާއި އެކުނިކޮށީގައި ކާދުހެދުން ފަދަ މަސައްކަތްކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

"ކައުންސިލަރުންނަކަށް ނުވިސްނޭތަ އެ ސަރަހައްދުގެ ރައްޔިތުންނަށް ކިހާ އުނދަގުލެއް ވާނެކަން. އަދި ކުނިއަޅަންފެށިތާ ހަފުތާއެއްނުވޭ މިހާރު ވެސް ކާޅު ގިނަވެއްޖެ. ދެން މެއްސާއި މީދަލާއި މަދިރިއާއި ބުޅާ ވެސް ގިނަވާނެ. އަނެއްކާ ވެލިދޫގެ މާޒީ އަށް ބަލާއިރު އަބަދު ކުނިގޮނޑުގައި ރޯވެގެން އެބައުޅެންޖެހޭ. މިތާ ރޯވެއްޖެނަމަ މުޅި ރަށަށް ދުމުގެ އަސަރުކުރާނެ. ކުނިކޮށި ވަށިގެން ދެ މަގުގައި މީހުންދިރިއުޅޭ ގެތަށް އެބަހުރި. ތިބުނާ ވެމްކޯއަކުން ކުނި ނުގެންގޮސްގެން ގޮނޑުގައި ކުނި ގިނަވި ހަދާން ކައުންސިލަރުން ނެތީތަ؟ ދެން ތިބުނާ ކާދު ހަދާ މެޝިނާއި އަނެއް މެޝިނެއް ބެހެއްޓުން އެއީ ބިލާހެއް. އެހެން ނޫންނަމަ އެކަންކަން މިހާރު ކޮށްފައި ހުންނާނީ،" ޝަކުވާތަށް ފަށްޗަށް ބަންޑުންކޮށްލަމުން އެހެން މީހަކު ބުންޏެވެ.

ވާހަކަ ދައްކާލި ކޮންމެ މީހަކު ވެސް ބުނަނީ ވެލިދޫ ކުނިކޮށި މިހާރު ބަދަލުކުރިތަން ރަނގަޅު ނޫން ކަމަށެވެ. ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ދެކެމުން އަންނަނީ އެއީ ވެލިދޫ ކައުންސިލުން އެޅި "ޅަ އެއްޗެއް" ކަމަށެވެ. އަދި މިތަން ބަދަލުކުރުމަށް ޕެޓިޝަނެއް ތައްޔާރުކުރުމަށް ވެސް ބައެއް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST