ވެލިދޫ ސްޕޯޓްސް ކައުންސިލްގެ ޗެއާމަން އަނީސް އިސްތިއުފާ ދެއްވައިފި

ނ. ވެލިދޫ ސްޕޯޓްސް ކައުންސިލްގެ ޗެއާމަން މުހައްމަދު އަނީސް ހޯމަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.

އަނީސް ސްޕޯޓްސް ކައުންސިލްގެ މެމްބަރު ކަމަށް ހުށަހަޅާފައި ވަނީ ބައޯކަލޯގެ ފަރާތުންނެވެ. އެނާ އިސްތިއުފާ ދެއްވީ ބައޯކަލޯގެ ބޯޑުން ސްޕޯޓްސް ކައުންސިލަށް ހުށަހަޅާފައި ތިބި މެމްބަރުންގެ ނަން ނެގުމަށް ނިންމުމާ ގުޅިގެންނެވެ. އަނީސްގެ އިތުރުން ސްޕޯޓްސް ކައުންސިލަށް ބައޯކަލޯގެ ފަރާތުން ހުށަހަޅާފައިވާ އަބްދުﷲ އާދަމް ވެސް ސްޕޯޓްސް ކައުންސިލްގެ މެމްބަރުކަމުން ވަކިކުރުމަށް ބައޯކަލޯ އިން ވަނީ ހުށަހަޅާފަ އެވެ.

އެންޑީ އަށް މައުލޫމާތު ދެއްވަމުން ސްޕޯޓްސް ކައުންސިލްގެ ވައިސް ޗެއާމަން އަހުމަދު ރިޝާން ވިދާޅުވީ ސްޕޯޓްސް ކައުންސިލް އެކުލަވާލާފައިވާ ގޮތުން ވެލިދޫގެ ހާލަތަށް ބަލާއިރު، އެންމެ އެކަށީގެންވާ ގޮތަށް ހިންގުމަށް ދަތިތަކެއް ހުރިކަމަށެވެ. އަދި ސްޕޯޓްސް ކައުންސިލް ރަނގަޅު ގޮތުގައި ހިންގުމަށް ކައުންސިލް ރިފޯމްކޮށް ރަނގަޅަށް ހިންގޭނެ ގޮތަކަށް އަލުން އެކުލަވާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޕޯޓްސް ކައުންސިލް އެކުލަވާލާފައި ވަނީ ޖަމިއްޔާތަކުން ހުށަހަޅާ މެމްބަރުންގެ މައްޗަށް. އެކަމަކު ޖަމިއްޔާތަކުން އެބަހުރި ރަށުގެ ނޫޅޭ މެމްބަރުން ވެސް ހުށަހަޅާފައި. މީގެ ސަބަބުން އެކަށީގެންވާ ވަރަށް ބައްދަލުވުންތަކަށް މެމްބަރުން ހާޒިރު ނުވާތީ ކޯރަމް ހަމަނުވެގެން ބައްދަލުވުންތައް ނުބޭއްވި ކަންކަން ނިންމުމުގައި ދިގުލައި މުޅި ސްޕޯޓްސް ކައުންސިލް އޮތީ ކޯމާއެއްގައި،" ރިޝާން ވިދާޅުވި އެވެ.

ސްޕޯޓްސް ކައުންސިލް އުފައްދާފައި ވަނީ ވެލިދޫ ކައުންސިލްގެ ގަރާރަކުން ކަމަށާއި އެ ގަރާރަށް ބަދަލު ގެނެސް ކަންކުރާހިތުންކުރާ މީހުންތަކެއް ސްޕޯޓްސް ކައުންސިލްގެ މެމްބަރުންގެ ގޮތުގައި ތިބެގެން ނޫނީ ސްޕޯޓްސް ކައުންސިލް ނުހިނގާނެ ކަމަށް ވެސް ރިޝާން ވިދާޅުވި އެވެ.

"މި ފުރުސަތުގަ ފަހާގަ ކޮށްލަން ބާރާބަރަށް ޖަލްސާތަކަށް އެޓެންޑްވާ މަދު މެމްބަރުންތަކެއް އެބަތިއްބެވިކަން. އެކަމު ނާންނަ މެމްބަރުންގެ ނަން ބަދަލުކޮށްދިނުމަށް އެދި ސިޓީ ވެސް ޖަމިއްޔާތަކަށް ފޮނުވިއްޖެ. އެޔަށް އެކަށީގެންވާ ޖަވާބެއް ނުލިބޭ. އެހެންވީމަ މިހާރު ޖަމިއްޔާތަކަށް ހުރި ސްލޮޓް މަދުކޮށް ކުޅިވަރަށް ލޯބިކުރާ ބަޔަކަށް ވަދެވޭނެ މަގު ފަހިކޮށް ސްޕޯޓްސް ކައުންސިލްގެ ކޯރަމް ހަމަވާ ވަރަށް ކުޑަކުރަން އެބަޖެހޭ،" ރިޝާން ވިދާޅުވި އެވެ.

ރިޝާން ވިދާޅުވީ ސްޕޯޓްސް ކައުންސިލް ރިފޯމް ނުވާނަމަ، މަގާމުގައި ދެމި ހުރުމުގެ ވިސްނުން އޭނާ ނުގެންގުޅުއްވާ ކަމަށެވެ. އަދި އެބަދަލު ގެނައުމަށް ސްޕޯޓްސް ކައުންސިލްގެ ބެލެނިވެރި ފަރާތް ވެލިދޫ ކައުންސިލާ މަޝްވަރާ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ