ރާއްޖޭގައި ފިހުނު އެންމެބޮޑު އުޅާލި ނ.ވެލިދޫގައި!

މިއަހަރުގެ ޒުވާނުންގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ނ.ވެލިދޫގައި ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުންނާއި ބޮޑުއީދުގެ އުފާ ފާޅުކުރުމުގައި ބައިވެރިވުމުގެ ގޮތުން ރާއްޖޭގައި ހެދި އެންމެބޮޑު އުޅާލި ނ.ވެލިދޫގައި ހަދައިފިއެވެ.

ވެލިދޫގެ އާއިލާއެއް ކަމަށްވާ ޤާސިމްސް ފެމެލީގެ ފަރާތުން "ބޮޑުއީދު ބޮޑުއުޅާލި" މި ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފިހުނު ބޮޑު އުޅާލީގެ ބަރުދަނުގައި 110 ޕައުންޑް ހުރިއިރު މި އުޅާލި އޮޅާފައިވަނީ 28 ފަށުންނެވެ. އަދި ވަށަމިނުގައި،ފުޅާކޮށް 6 ފޫޓު 7 އިންޗި ހުރި މި އުޅާލި ފިހުމަށް ދޮޅުގަޑިއެއް ހާއިރު ހޭދަވެފައިވެއެވެ.

ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހަށް ވެލިދޫއަށް ވަޑައިގެންނެވި ޝަރަފްވެރި މެހުމާން އ.ދ ގެ ޖެނެރަލް ސެކްރެޓަރީގެ ވަފްދު، ޖަޔަތުމާ ވިކްރަމަނަޔަކެ އާއި ޒުވާނުންގެ މިނިސްޓަރ އަޙުމަދު މަހުލޫފް އާއި އެ ވަފްދުގެ ހުރިހާ ބޭފުޅުންނަށް ދައުވަތުދީގެން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށްގެންދިޔައީ އާއްމުންގެ ގިނަބަޔަކަށް ފެންނާނޭފަދައިން ވެލިދޫގެ ބަނދަރާއި ކައިރި ސަރަހައްދެއްގައެވެ.

މިފަހަރުގެ ބޮޑުއީދު ސަޤާފީގޮތަށް ވެލިދޫގައި ފާހަގަކުރަމުންދާއިރު އެންމެ ސަގާފީ ރެސިޕީ ހިމެނޭހެން ހަދާފައިވާ މި އުޅާލި ވެސް ހަދާފައި ވަނީ އެވޭލާ ޒަމާނުގައި އެންމެ ފުރަތަމަ އުޅާލި ހަދަންފެށިގޮތަށް ނާށި އަނގުރުން ފިހެގެންނެވެ.

ސަޤާފީ ގިނަ ތަކެއްޗާއި ކަންކަން ދައްކުވައިދޭ ފަދަ ގޮތަކަށް އުޅާލި ފިހުމުގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވާއިރު، އެ ބޮޑުއުޅާލި ފިހުމަށްފަހު، އ.ދ ގެ ޒުވާނުންނާ ބެހޭ ސަފީރު ޖަޔަތުމާ ވިކްރަމަނަޔަކެ އާއި ޒުވާނުންގެ މިނިސްޓަރ އަޙުމަދު މަހުލޫފް އަށް ޤާސިމްސް ފެމެލީގެ ފަރާތުން ވަނީ ވެދުމަށް އަރުވާފައެވެ.

ޤާސިމްސް ފެމެލީ އަކީ ނ.ވެލިދޫގައި އީދުގެ ގިނަހަރަކާތްތަކެއްގައި ބައިވެރިވެ، އާއިލީރޫހު ދިރުވާ އާލާކޮށް އީދުގެ އުފާ ކުލަގަދަކޮށް ފާޅުކުރުމަށް ހަރަކާތްތެރިވާ އާއިލާއެކެވެ.

"ބޮޑުއީދު ބޮޑު އުޅާލި" ހަރަކާތް ބައްލަވާލެއްވުމަށް ވަޑައިގެންނެވީތީ އެކަމުގެ ހަނދާނަކަށް އ.ދ ގެ ޖެނެރަލް ސެކްރެޓަރީގެ ވަފްދު، ޖަޔަތުމާ ވިކްރަމަނަޔަކެ އާއި ޒުވާނުންގެ މިނިސްޓަރ އަޙުމަދު މަހުލޫފް އަށް ޤާސިމްސް ފެމިލީގެ ފަރާތުން އެފެމެލީގެ މިހާރު އެންމެ އިސް މެންބަރު މަރިޔަމް މުޙައްމަދު ވަނީ ހަނދާނި ފިލައެއް އަރުވާފައެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ