"ޓްރެފިކް ޖޭމް" އަދި "ގްރެވިޓީ" ވެސް ވެލިދޫ އަށް!

އަންނަ ބޮޑު އީދުގައި "ޓްރެފިކް ޖޭމް" އަދި "ގްރެވިޓީ" ވެސް ނ. ވެލިދޫގައި ޕަފޯމް ކުރާނެ ކަމަށް ވެލިދޫ އީދު ކޮމެޓީން މިރޭ ބުނެފި އެވެ.

ވެލިދޫ އީދު ކޮމެޓީއާ އެކު މި ދެ ގުރޫޕުން ވެސް މިހާރު ވަނީ އެގްރިމެންޓް ގާއިމުކޮށްފަ އެވެ. ގްރެވިޓީއަކީ މެޓަލް މިއުޒިކަށް ހާއްސަ ބޭންޑަކަށްވި ނަމަވެސް ޝޯތައް ކުރިޔަށް ގެންދިއުމުގައި ދިވެހިން ލޯބިކުރާ ލަވަތަކުގެ ރަހަތަކަށް އެ ބޭންޑް އިން ސަމާލުކަންދެ އެވެ. އަދި ރާއްޖޭގެ އެންމެ ހުނަރުވެރި ގިޓަރިސްޓުންގެ ތެރޭގައި ހިމެނޭ ޝަހީދު ލެގަސީ އާއި މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކެއްގެ ގަދަ 10 އާ ހަމައަށް ދަތުރު ކުރި އެއް ބައިވެރިޔާ މުހައްމަދު މުއައްޒިން ވެސް ހިމެނެ އެވެ.

ޓްރެފިކް ޖޭމް އަކީ ރޮކް މިއުޒިކަށް ރާއްޖޭގައި އެންމެ ކުޅަދާނަ އެއް ބޭންޑް އެވެ. މި ބޭންޑަކީ 2005 ގައި ވުޖޫދަށް އައި ބޭންޑެކެވެ. އަދި ބޭންޑުން ވަނީ މިހާތަނަށް ވަރަށް ވަރުގަދަ ލަވަތަކެއް ވެސް ގެނެސް ދީފަ އެވެ. "ޓްރެފިކް ޖޭމް" އަކީ ރާއްޖޭން ބޭރުގައި ވެސް މަޝްހޫރު ބޭންޑެކެވެ.

މި ދެ ބޭންޑްގެ އިތުރު ހަބޭސް ބޮޑު ގުރޫޕް ވެސް އަންނަ އީދުގައި ވެލިދޫގައި ޝޯދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ހަބޭސް ބޮޑުބެރު ގުރޫޕުން ޝޯގެ އިތުރުން މަގުމަތީ ސަގާފީ ކުޅިވަރު ވެސް ވެލިދޫގައި ކުޅޭނެ އެވެ. މީގެ އިތުރުން ޝޯދިނުމަށް ނަށާ ގުރޫޕެއް ގެންނާނެ ކަމަށް ވެސް ވެލިދޫ އީދު ކޮމެޓީން މައުލޫމާތުދެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ