އަހަރެންގެ ވިންދު: ބޭންކާ އެކު ވެލިދޫ އަށް ތަރައްގީގެ މުޅިން އާ ސޮފުހާއެއް ހުޅުވޭނެ!

ރަށުގައި ގާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރުތީބުކުރާނަމަ ބޭންކެއްގެ ހިދުމަތަކީ ނ. ވެލިދޫ ރައްޔިތުން އަބަދު ވެސް އެދިގެން ތިބި މުހިއްމު ހިދުމަތަކެވެ. އަތޮޅުގެ އެންމެ އާބާދީ ބޮޑު، ތަފާތު އެންމެ ގިނަ ވިޔަފާރި ހަރަކާތްތައް ހިންގާ އެއްރަށަކީ ވެލިދޫ އެވެ. މި ނ. އަތޮޅުގައި ބޭންކެއްގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށަކީ ވެލިދޫ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހިދުމަތް ވެލިދޫ އަށް ނުލިބި އެތައް އަހަރެއް ވަނީ ފާއިތުވެފަ އެވެ.

އެންމެ ފުރަތަމަ ބޭންކެއްގެ ހިދުމަތުން މަހުރޫމްވީ އަތޮޅުވެރިކަންކުރާ ރަށަކަށް ވެލިދޫނުވުމުންނެވެ. އެކަމަކު އިގްތިސޯދީ ނަޒަރަކުން ބަލައިފިނަމަ ވެލިދޫ އަކީ ބޭންކެެއްގެ ހިދުމަތް މުޅި އަތޮޅުގައި ވެސް ދޭން އެންމެ އައުލާކަން ބޮޑުވެގެންވާ ރަށެވެ. ނަމަވެސް ދެވަނަ އަށް ނ. އަތޮޅަށް އައި ބޭންކް ވެސް ވެލިދޫ އަށް ލައްވާނުލައި އެ ބޭންކްގެ ހިދުމަތްފެށީ އަތޮޅުގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ހޮޅުދޫގަ އެވެ. ވެލިދޫ އަށް ލައްވާލީ އޭޓީއެމް މެޝިނެކެވެ.

ވެލިދޫގައި އޭޓީއެމް މެޝިނެއް ބެހެއްޓުމާ އެކު ވެލިދޫ އަށް ބޭންކެއް މުހިއްމު މިންވަރު ހުދު ބީއެމްއެލް އަަށް ވެސް އެނގޭނެ އެވެ. ސަބަބަކީ ވެލިދޫ އޭޓީއެމް އިން ލާރިހުސްވުމުގެ މައްސަލަ ދިމާނުވަނީ ވެލިދޫ ވިޔަފާރިވެރިންނާއި ބިދޭސީ މަސައްކަތްތެރިން އަދި ރައްޔިތުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އޭޓީއެމް މެދުވެރިކޮށް ޖަމާކުރާތީ އެވެ.

ރަށުގައި އޭޓީއެމް މެޝިނެއް ބެހެއްޓުމުގެ ސަބަބުން އެތައް ފަސޭހައެއް ރައްޔިތުންނަށް ލިބުނެވެ. ކުރިންނަމަ، ހިތާ ދެކޮޅަށް ނަމަވެސް ލާރީނަގަން އެހެން ރަށަކަށް އަމިއްލަ އަށް ނުދެވޭނެނަމަ ކާޑު މީހެއްގެ އަތަށްދީ ޕިން ނަންބަރުބުނެ ފޮނުވަން މިޖެހެނީ އަތޮޅުގެ އެހެން ރަށަކަށެވެ. މިއީ ސެކިއުރިޓީގެ ގޮތުން ބަލާއިރު ވެސް އެހާ ރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް އޭޓީއެމް މެޝިން ބެހެއްޓުމާ އެކު، ބޮޑު ހަރަދާ އެކު އެހެން ރަށްރަށަށް ދަތުރުކޮށް، ކޭޝް ކާޑު ހިފައިން ގޮސް ލާރިނެގުން ނިމުމަކަށް އައެވެ. އަދި އޭގެ ސަބަބުން ވިޔަފާރިތަކަށް ވެސް ބޮޑު ލުޔެއް ލިބިގެންދިޔަ އެވެ.

މިހާރު ގައުމީ ބޭންކް ބީއެމްއެލް އިން މި ވަނީ ވެލިދޫ ބޭންކަށް ކުދިން ނެގުމަށް އިއުލާންކޮށްފަ އެވެ. އެއާ އެކު ވެލިދޫ ވަޒީފާގެ ބާޒާރަށް އިތުރު ވަޒީފާތަކެއް އިތުރުވެގެންދިޔައީ އެވެ. ރަށުގައި ތިބެ ވަޒީފާ އަދާކުރުމުގެ އިތުރު ފުރުސަތެއް ލިބުނީ އެވެ. އަދި ބޭންކްގެ ހިދުމަތް ވެލިދޫގައި ފެށުމާ އެކު ބޮޑު ހަރަދުކޮށްގެން ފައިސާ ނެގުމަށް އެހެން ރަށްރަށަށް ދިއުން ނިމުމަކަށް އަންނާނެ އެވެ.

ރަށުގައި ތިބެ އަމިއްލަ އަަށް އެކައުންޓް ހުޅުވުމުގެ ހިދުމަތް ލިބިގެންދާނެ އެވެ. އަދި މިހާރު އެކައުންޓް ނުހުޅުވާ ހުރި ބައެއް ވިޔަފާރިތަކުން ވެލިދޫ ބްރާންޗްގައި އެކައުންޓްހަދާނެ އެވެ. މީގެ އިތުރަށް ވެލިދޫ ކައިރީގައި ހިންގާ ރިސޯޓްތަކުގެ އެކައުންޓްތައް ވެސް ވެލިދޫ ބޭންކަށް ބަދަލުވެގެންދާނެ އެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމަށާއި ގެދޮރު އެޅުމަށް ބޭނުންވާ ލޯނުގެ މައުލޫމާތު ސީދާ ރަށުންލިބި، އިމާރާތްކުރުމުގެ ސިނާއަތް ވެސް އިހުނަށް ވުރެ ދުވެލި އިތުރުވެގެންދާނެ އެވެ.

ވެލިދޫ ބޭންކާ އެކު ސީދާ ގޮތުންނާއި ނުސީދާގޮތުން ރަށުގެ ތަރައްގީ އަށް ދުޅަހެޔޮ ބަދަލެއް އަންނާނެ އެވެ. އަދި ރަށުގެ ތަރައްގީގެ މުޅިން އާ ސޮފުހާ އެއް ހުޅުވި މުޅިން އެހެން ތަސައްވަރެއް ފެނިގެންދާނެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • JoneySunday 28th July 2019

    USD hodhunathu mahroo. Koffa Inna bankeu keekkura bankeh Bank of Maldives ge baeh hidhunaiytgag libey bankeh Velidhoo ah beynumeh nuvey

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST