ޅޮހީ ސްކޫލްގެ ދެބުރި އިމާރާތުގެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި

ނ. ޅޮހީ ސްކޫލްގެ ދެބުރި އިމާރާތުގެ މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލާ ގެޒެޓްކޮށްފި އެވެ.

ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޝެއާކުރައްވާފައި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި އިމާރާތަކީ ޅޮހީ ސްކޫލް އެއްދަންފަޅި އަށް ބަދަލު ކުރުމަށް ބޭނުންވާ އިމާރާތެއް ކަމަށެވެ. އަދި އެއްދަންފަޅި އަށް ޅޮހީ ސްކޫލްގެ ކިޔެވުމުން ބަދަލުކުރުމަކީ ޅޮހީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް އެމްޕީ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި މި މަޝްރޫއު ފުރަތަމަ ފެށުމުގެ ގޮތުން ސްކޫލުން ބިން ކަނޑައަޅައި މިހާރު ވަނީ ބިންގާ ވެސް އަޅާފަ އެވެ. އެމްޕީ މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޅޮހީ ރައްޔިތުންނެކޭ އެއްފަދައިން މި އިމާރާތުގެ މަސައްކަތް އަވަހަށް ނިމި، އެކަމުގެ ފަސޭހަލިބިގެން ދިއުމަކީ އެމްޕީގެ އުންމީދެއް ކަމަށް ވެސް ވިދާޅުވި އެވެ.

މުޅި ނ. އަތޮޅުގައި ވެސް އެއްދަންފަޅި އަށް ބަދަލުނުކުރާ ހަމައެކަނި ސްކޫލަކީ ޅޮހީ ސްކޫލެވެ. މި އިމާރާތުގެ މަސައްކަތްކުރަނީ އިންޑިޔާސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ