ތާޅަފިލި: އޯލެވަލް ހަދާފަތިބި ކުދިންނަށް ފޯމެއް ފުރަންވެސް ނޭނގުނު!

ނަމާދުން ފައިބައިގެން މަޑުކޮށްލައިގެންހުރީ ތައްޚާނުބޭ އާއި ދިމާނުވާތާ ގިނަދުވަސް ވީމަ އެވެ. ތައްޚާނުބެ ނަމާދުންފޭބި ގޮތަށް އަހަރެންނާދިމާލަށް އަތުވެއްޖެ އެވެ. ދިމާނުވެ ގިނަދުވަސް ވީމާ ތައްޚާނުބެ ހުރީ ވަރަށް އުފަލުންނެވެ. ތައްޚާނުބެ އަހަރެންނާ ސަލާންކޮށްލި އެވެ. އަދި އަތުގައި ހިފައިގެން ހޮޅުއަށްޓާ ދިމާލަށް ހިނގަންފެށި އެވެ. "މިރާއްޖޭގައި މިހާރު ޖީސީ ހަދާކުދިންނަށް ލިޔަންކިޔަން ނޭންގޭ ނޫންހޭ" ހިތްތަމަ ނުޖެހިފަ ހުރެ ތައްޚާނުބެ ބުންޏެވެ.

ތައްޚާނުބޭގެ ވާހަކަ ފެށިއްޖެ އެވެ. ޖީސީހަދާ ކުދިންނަށް ލިޔަންކިޔަންނޭންގެނީ ކީއްވެތޯ އަހަރެން އެހީމެވެ. ތައްޚާނުބެ ހީވީ ރުޅިއައިސްގެން ފަޅައިގެން ހިނގައިދާނެހެންނެވެ. "މިހެން ނުބުނާވަރެއް ނޫނޭ" ތައްޚާނުބެ ބުންޏެވެ. ތައްޚާނުބޭގެ ވާހަކަ ވަރުގަދައަށް އަޑުގަދަކޮށް ދަންކަން ފަށައިފި އެވެ. ކިޔަވާ ލޯނު މިފަހަރު ލިބުނު ކުއްޖަކު މިރާއްޖޭގައި ނޫޅޭ ބުންޏެވެ. އެހާވެސް މަދު ކަމަށް ތައްޚާނުބެ ބުންޏެވެ. އެކަމެއް މިވީ ގޮތެއް ކަމަށް މިވަނީ ހުށަހެޅި ކުދިންނަށް ފޯމް ފުރަން ނޭންގިގެންކަމަށް އެމިނިސްޓްރީ ބުނިކަމަށްވެއެވެ. ތައްޚާނުބޭގެ ދަރިފުޅުވެސް އެލޯނަށް އެޕްލިކޭޝަން ލިއެވެ. ނަމަވެސް ނުހޮވެ އެވެ.

މިވެގެން އުޅޭގޮތެއް ބެލިއިރު ތައްޚާނުބެ މިދެއްކީ އެކަމަކާމެދު ވިސްނާލައިފިނަމަ ވަރަށް ބޮޑު ތެދުވާހަކައެކެވެ. ކިޔަވަންދާން ބޭނުންވާކުދިން ނެތީއެއް ނޫނެވެ. ހުށަހެޅި ކުދިން ފަހެ މަދީކީވެސް ނޫނެވެ. ފޯމްފުރުމުގައި އުޅޭ މައްސަލައަކުން ލޯން ލިބުނު ކުދިންގެ އަދަދު މިފަހަރު ބޮޑުތަނުން މަދީކަމަށް އެކަމާގުޅޭ ވުޒާރާއިން ހާމަކުރެއެވެ. މިއީ މިކަން ހިނގައިގެންވާނެ ގޮތެއް ނޫނެވެ. އަލުން މިކަން ބަލާ ލުއިފަސޭހަގޮތަކަށް ގިނަކުދިބަޔަށް ކިޔަވަން ލޯނު ލިބޭނެގޮތް ހަމަޖެއްސުމަކީ ކަމާގުޅޭ ވުޒާރާއިން ކުރަންމުހިންމު އެހާމެ ބޭނުންތެރި ކަމެކެވެ. ކިޔަވާލޯނުގައި ކިޔަވަންދާންތިބި ކުދިންގެ ހައްޤުގައެވެ. އެދަރިންގެ މައިންބައިފައިންއެކުދިންނާ މެދު ކުރާއުއްމީދާވެސް އެކުއެވެ.

* ތާޅަފިލި މިއީ ރައްޔިތު އަލިފު ލިޔާ ކޮލަމެކެވެ. މި ކޮލަމުގެ ލިޔުންތައް ބައްޓަންކޮށްފައި ހުންނާނީ ރައްޔިތު އަލިފުގެ ވިސްނުމާއި ފިކުރުގެ މައްޗަށެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST