މަޖިލިސްގެ ރައީސް ކަމަށް ތާއިދުކުރާނީ އަސްލަމަށް، ނައިބު ރައީސް ކަމަށް އީވާ އަށް: މުހައްމަދު އަބްދުﷲ ޝަފީގު

ކުރިޔަށް އޮތް 19ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ތާއިދު ކުރައްވާނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ކަމަށާއި ނައިބު ރައީސް ކަމަށް ތާއިދު ކުރައްވާނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ކަމަށް ވެލިދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު  މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު އަބްދުﷲ ޝަފީގު ރަސްމީ ފޭސްބުކް އެކައުންޓްގައި ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ ކުރިން އަމަލުކުރި ނޫޤާނޫނުއަސާސީގައި އޮތްގޮތުން ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 8 މެންބަރުންނާ އެކު ކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބްރައީސް އައްޔަންކޮށް، ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އެޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ކަމަށާއި މިކަން މިހެން އޮތުން ކަމުނުދާތީ، ‏މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީގައިވަނީ މިކަންކަން ބަދަލުކޮށްފައި ކަމަށެވެ. އަދި ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި ޝަރީޢަތް ހިންގުމުގެ ބާރު، އެއްބާރުން އަނެއްބާރަށް ނުފޫޒް ނުފޯރުވޭނޭ ގޮތަށް ހަމަތަކާއި އުސޫލުތައް ގާއިމް ކޮށްފައިވަ ކަމަށް ވެސް މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.

މުހައްމަދު އަބްދުﷲ ޝަފީގު އިތުރަށް ވިދާޅުވީ މިބަދަލުތައް ޤާނޫނުއަސާސީގައި ހިމެނުމަށް އެންމެބޮޑު މަސައްކަތެއް ކުރި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

"މިހަގީގަތް މިހެން އޮއްވާ އަދި މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ލިބިފައި ވަނިކޮށް، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ މައްޗަށް ސަރުކާރު ހިންގުމުގެ ބާރުން ނުފޫޒު ހިންގަން މަސައްކަތް ކުރުމަކީ އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއްނޫން. އަޅުގަޑު މިހުރީ މިސަރުކާރު ދެމެހެއްޓުމަށާއި އެއްބާރުލުން ދިނުމާއެކު ސަރުކާރު ޒިންމާދާރު ކުރުވުމުގެވެސް އަޒުމާއެކު. އެޖެންޑާ19 ގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިދިނުމަށް ހަދަންޖެހޭ ޤާނޫނުތަކާއި އިތުރު ޤާނޫނުތައް ހެދުމުގައާއި މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަނުކުރުމުގައި މަހުޖަނުންނާއި ނާޖާއިޒް ފައިދާތައް ނަގަން މަސައްކަތްކުރާ ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ ހުރެ މަސައްކަތް ކުރުމުގެ އުންމީދުގައި. މި އަޒުމާއި އުންމީދަާއެކު، މަޖިލިސް ރައީސް އިންތިޚާބްކުރުމުގައި އަޅުގަނޑު ތާއީދުކުރަނީ އަސްލަމަށް. މަޖިލިސް ނައިބްރައީސް އިންތިޚާބްކުރުމުގައި އަޅުގަނޑު ތާއީދުކުރަނީ އީވާއަށް،" މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގައި ހޮވާފައިވާ އާ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް މަޖިލިހުގެ އިދާރާ އިން ވަނީ އެޖެންޑާ ކޮށްފަ އެވެ. އޭގެ ކުރިން ވިޕްލައިން ނެރުމަށް އެމްޑީޕީން ގޮތެއް ނިންމާނެ އެވެ.

މަޖިލީހުގެ ރިޔާސަތަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެެރެއިން އެންމެ ވާދަވެރީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފްގެ ނަމެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި އޮތް އެންމެ ބޮޑު ބަހުސަކީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް ކަނޑައަޅާނެ ބޭފުޅަކާ މެދު އޮތް ބަހުސެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނަގާ އެ ވޯޓުން ކާމިޔާބު ހޯއްދަވާ ބޭފުޅަކަށް ގާތްގަނޑަކަށް އެ މަގާމު ކަށަވަރުވީ އެވެ. އެއީ، މަޖިލިހުގައި އެމްޑީޕީ އަށް 65 ގޮނޑި ލިބިފައި، އެންމެ ފަހު ބަސް ބުނުމުގެ ބާރު ވެސް މެމްބަރުންނަށް އޮތީމަ އެވެ

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ