އަހަރެންގެ ވިންދު: ވެލިދޫ ފަސްގަނޑުން ފެންނަ ފިތުރޯނު ގަސްތަކުގެ ހަގީގަތް އެނގޭތަ؟

  ނ. ވެލިދޫގެ  ހިއްކި ސަރަހައްދު މަލަމަތިން ފެންނަ ފިތުރޯނު ގަސްތައް ހަމަ ފެންނަ ކޮންމެ ފަހަރަކު ހިތަށް އުފާވެރިކަން އިހުސާސްކުރެވެ އެވެ. އެ ގަސްތަކުން އެތައް ބަޔަކު ހިޔާ ހޯދަ އެވެ. އެތައް ބަޔެއްގެ ހަނދާންތަކުގައި އެ ގަަސްތައް ރައްކާ ކޮށްފި އެވެ. އެތައް ފޮޓޯއަކުން އެގަސްތައް ޖާގަ ހޯދައިފި އެވެ. ދީނީ ދަރުސްތަކާއި ތަފާތު އެކި ހަރަކާތްތައް އެގަސްތަކުގެ ނިވަލުގައި ބާއްވައިފި އެވެ. މިއީ ހައްތާ ވެސް ހިތަށް އުފާވެރިކަން ގެނެސްދޭ ކަންކަމެވެ.

މިގަސްތަކުގެ ފެށުން އައީ މީގެ ފަސް އަހަރުކުރިން ކޮފީ މޭޒެއްގައި ދެއްކި ވާހަކައަކުން ކުރިފަޅައިގެންނެވެ. އެދުވަހު މޭޒުގައި ދެއްކި ވާހަކައަކީ ފަސްގަނޑު ފެހިކުރުމަށް މަސައްކަތްކުރި ވާހަކަ އެވެ. ކޮންމެ ބަޔަކު ވެސް ތިމާވެށި ދުވަސް ނޫނީ ކޮންމެވެސް ގަސް އިންދުމުގެ ދުވަހެއްގައި ގޮސް ފަސްގަނޑުގައި ގަސް އިންދަ އެވެ. އެކަމަކު އެ ގަސްތައް ނުހެދޭ ވާހަކަ އެދުވަހު ކޮފީ މޭޒުގައި ދެއްކި އެވެ.

އަޅުގަނޑަށް ވިސްނުނީ ފަސްގަނޑުގައި ގަސް ނުހެދުމުގެ އެންމެ ބޮޑު އަަސްލަކީ ފަސްގަނޑަކީ ހިއްކާފައިވާ ތަނަކަށްވެފައި ފަސްގަނޑުގައި އެ ވަރަށް ކާނާ ނެތްތަނެއްގައި ގަހެއް އިންދާފައި ދޫކޮށްލިއަސް އޭގެ ޒާތުގައި އަޅާނުލައި ނުހެދޭނެ ކަމެވެ. އެހެންވެ، އެދުވަހު ތަނުން ތަނަށް ފަސްގަނޑު ފެހިކުރުމުގެ މަސައްކަތް ކުރަން ނިންމީމެވެ. ބޮޑު ޗެލެންޖަކާ އެކު އެވެ. އެއީ އެއްގަސް ނަމަވެސް އެތަނުގައި ހެެއްދުމުގެ ނިޔަތުގައި އެވެ.

މަސައްކަތަށް އަމަލީ ސިފަ ގެނައުމަށް އަޅުގަނޑުމެން ކުންފުނި ރެސްޓް ބްލޮކްސް (އާރުބީ) ގެ ޑިރެކްޓަރުންނާ މަޝްވަރާކުރީމެވެ. އެއީ 2014 ވަނަ އަހަރެވެ. އޭރު އަޅުގަނޑުމެން ކުންފުނީގެ ޅަފަތުގެ ދުވަސްވަރަށްވެފައި އެފަދަ ކަމެއް ކުރުމަށް ހުސް އެކަނި މެނޭޖިންގް ޑިރެކްޓަރު ހައިސިޔަތުން އަޅުގަނޑަށް ނުނިންމޭނެތީވެ، ކުންފުނީގެ ޑިރެކްޓަރުން އެއްބަސް ކުރުވީ ކުންފުނީގެ ނަން ރީތި ކުރުމަށާއި އިޖްތިމާއި ޒިންމާގެ ދަށުން ކަންކަން ކުރުމަކީ މުހިއްމު ކަމެެެއް ކަމަށް ވިސްނައިދީގެނެވެ. އަދި އެކަމަށް ހުރިހާ ޑިރެކްޓަރުންގެ އެއްބާރުލުން ވެސް އެންމެ ފުރިހަމަ އަށް ލިބުނެވެ.

ވެލިދޫ ފަސް ގަނޑު ފެހިކުރުމުގެ މަސައްކަތެއް އާރުބީން ކުރަން އުޅޭކަމުގެ ވާހަކަ ކައުންސިލާ އެކު މަޝްވަރާ ކުރީމެވެ. މަޝްވަރާކޮށް ނިންމީ ކޮންމެ 50 ފޫޓަކުން ފިތުރޯނު ގަހެއް އިންދާށެވެ. އަދި ކޮންމެ ދެ ފިތުރޯނު ގަހެއް ދެމެދުގައި ރުކެއް އިންދުމަށް އޭރު މަޝްވަރާ ކުރީމެވެ. އަދި ގަސް އިންދުމުގެ ހުއްދަ އެއް ކައުންސިލުން ހޯދީމެވެ.

ގަސް އިންދުމަކީ އެންމެ ކުޑައިރުން ފެށިގެން އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެހެންވެ ފަސް ގަނޑުގައި ގަސް އިންދުމަށް ގެނައި ފިތުރޯނު ގަސްތައް ހަންބުރިތަކެއްގައި އެންމެ ފުރަތަމަ ރުވީ ގެކައިރި އޮތް ހުސްބިމެއްގަ އެވެ. އެގަސްތަކަށް ކާނާ އަޅައި ގަސްތައް 3 ފޫޓަށް ހެދެންދެން ގަސްތައް ގެންގުޅުނީ މި ބިމުގަ އެވެ. މިގަސްތައް މާލެއިން ގެނައީ އާރުބީގެ ޗެއާމަން ހާލިދު އިބްރާހިމާއި އަޅުގަނޑާއި ޑިރެކްޓަރު އިބްރާހިމް ރިއްފަތާއި ޑިރެކްޓަރު މުހައްމަދު ރާއީ އެވެ.

ފަސް ގަނޑުގައި ގަސް އިންދުމުގެ ދުވަހެއް ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ނިންމާ، ކްލަބް ޖަމިއްޔާތަކަށް ދައުވަތީގެން ގަސް އިންދުމުގެ ހަރަކާތް ކުރިޔަށް ގެންދިޔައީ 26 އޯގަސްޓް 2014 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރަކާ އެކު އެވެ. ކޮންމެ ކައުންސިލަރަކަށް ގަހެއް އަދި ޖަމިއްޔާތަކުން އަންނަ ކޮންމެ މީހަކަށް ގަހެއް އެ އުސޫލުން އިންދަން ރޭވި ނަމަވެސް ހިތާމައަކީ މި ކަމަށް އެއްބާރުލުން ލިބުނީ ވަރަށް މަދު ޖަމިއްޔާ އަކުންނެވެ.

މީގެ ފަސް އަހަރުކުރިން 2014 ވަނަ އަހަރު ވެލިދޫ ކައުންސިލު މެމްބަރުންނާ އެކު ރެސްޓް ބްލޮކްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ރިޝާން ފިތުރޯނު ގަސް އިންދަނީ- ފޮޓޯ/އެންޑީ

އެދުވަހު ގަސްތައް އިންދުމަށް ތައްޔާރުވުމުގެ ކުރިން ކާނަ އަޅަައި ގަސް އިންދުމަށް ބޭނުންވާ ވަޅުތަކަށް ކަޅުފަސް އަޅައި އޭގެ އެއްދުވަސް ކުރިން ނިންމީ އަޅުގަނޑުމެން ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ރާއީ އާއި އަޅުގަނޑުގެ ބެލުމުގެ ދަށުން ކުންފުނީގެ ބިދޭސީ މަސައްކަތު މީހުންގެ އެހީއާ އެކު އެވެ. ކޮންމެ ވަޅެއް ދެ ފޫޓް ފުޅާމިނުގައި އަދި ތިން ފޫޓް ފުން މިނުގައި ކޮނެ ވަޅުތައް ތައްޔާރު ކުރެވުނީ ހަފުތާ އެއްހާ ދުވަހުގެ މަސައްކަތުންނެވެ. ސަބަބަކީ މަސައްކަތު މީހުން އެ މަސައްކަތް ކުރަމުން އައީ އެ މީހުންގެ އާންމު މަސައްކަތް ނިންމާ އޯޓީ މަސައްކަތެއްގެ ގޮތުގަ އެވެ. އަދި ވަޅުތައް ކޮންނަން ޖެހުނީ ކައްޓި އާއި ދަނގަނޑު ބޭނުންކޮށްގެނެވެ. ފަސްގަނޑުގައި ހުރި އޮށް އަކިރީ އާއި ގަލުގެ އިތުރަށް ރިވެޓްމަންޓް ޖެހުމަށް ގެނެސްފައި ހުރި ހިލަ ބުރިބުރި ވެސް ވަޅުކޮންނަން އުޅުނުއިރު ޖެހުމުން މަސައްކަތް ލަސްވެ ދިގުދެމިގެންދިޔަ އެވެ.

ގަސްތައް އިންދައި ގަސްތަކަށް ފެންދެމުން އައީ ގެއިން ކަޅުހަމަކަށް ފެންއަޅައިން ގާޑިޔަގައި ފަސްގަނޑަށް ފެން އުފުލައިގެންނެވެ. ފަސްގަނޑުގައިވާ އޮއްއަކިރީގައި ފަޅާފައިވާ ކުދި ވިނަތަކު މަތިން ގާޑިޔާ ދުއްވުމަކީ ވެސް ބޮޑު ތަކުލީފެކެވެ. އެކަމަކު ފޫހި ކަމެއް ނެތި ބިދޭސީ މަސައްކަތު މީހުން އެކަންކުރީތީ އެ ފަރާތްތަކަށް ޝުކުރުވެރިވަމެވެ. އަޅުގަނޑު ރަށުގައި ނެތް ދުވަހެެއް ދިޔަނަމަވެސް ހުއްޓުމެއް ނެތި ފެންދިނުމުގެ މަސައްކަތް އެ މީހުންވެސް ކުރީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެންނެވެ. އަދި ޖޯކު ޖަހަމުން މި ގަސްތައް ހެދުމުން ގަސްތައް ދޮށުގައި ފޯނުކޮށް އަރާމު ކުރުމަށް ބިދޭސީން ވެސް ތިބޭނެ ކަމަށް އަޅުގަނޑު އެމީހުން ކައިރި ބުނީމެވެ.

އެވަރުން ބަލަހައްޓަމުން ދިޔައިރު ވެސް ބައެއް ގަސްތައް ވަނީ މަރުވެފަ އެވެ. ސަބަބަކީ ފަސް ގަނޑުގައި ހޫނު ގަދަވެފައި، ހަމަކަށް ފެންއަޅައިން އެހާ ބައިވަރު ގަސްތަކަށް ފެންދޭއިރު އެންމެ އެދެވޭ މިންވަރަށް ފެން ނުލިބުމެވެ. އަދި ބިންގަނޑުގައި އެވަރު ބާރެއް ނެތުމެވެ. މަރުވާ ގަސް ގަހަށް ގަސް ޖެހުމަށް އަޅުގަނޑުމެން އައީ އިތުރު ގަސްތައް ގޭދޮށުގައި ހަންބުރީގައި ހައްދާ ތައްޔާރުވަމުންނެވެ. އަދި މަރުވި ގިނަ ގަސްތަކުގެ ބަދަލުގައި ގަސް ޖަހާފައި ވަނީ ޗެއާމަން ހާލިދު އިބްރާހިމްގެ ބެލުމުގެ ދަށުންނެވެ. އަދި ސީދާ ޗެއާމަން ޖީބުން ހަރަދުކޮށް އެ ގަސް ގަހަށް ގަސް ކާނާ އެތައް ފަހަރެއް މަތިން އަޅާފައިވެ އެވެ. އަދި މި މަސައްކަތުގައި އަޅުގަނޑަށް ކުންފުނީގެ ހުރިހާ ޑިރެކްޓަރުންނާއި ބިދޭސީ އަދި ދޭސީ މުވައްޒަފުންދިން އެއްބާރުލުމަށް ފަށްފަށުން ޝުކުރުވެރިވަމެވެ.

މިހާރު ފެންނަން އެހަރަ ފިތުރޯނު ގަސްތަކަކީ މުސްތަގުބަލަށް ބަލައި ރަށުގެ ލޭންޑު ޔޫސްޕްލޭންގައިވާ ރަށްބޭރު މަގުގެ ކާނުގަނޑަށްވާ ގޮތަށް ޖަހަފައިި ހުރި ގަސް ގަހެެވެ. ކޮންމެ ގަހެއް ޖަހާފައި އެވަނީ ވެލިދޫ ކައުންސިލުން އަތޮޅު ކައުންސިލުން މީހަކު ގެނެސް ޖަހަފައިވާ މިންތަކަކަށް ޖަހަފައިހުރި ކޮންމެ ދަނގަޑަކަށް ގަހެއްގެ މަގުންނެވެ. އަދި ކޮންމެ ދެގަހެއް ދެމެދުގަައި އިންދި ކުދި ރުއްތައް ވަނީ ކުރިގަނޑު ކަލާފަ އެވެ. ސަލާމަތުން ހެދިފައި ވަނީ ކަނދުގަނޑާ އެކު ޖެހި ދެ ރުކެވެ.

- ފޮޓޯ/ޝަހުދާން އިބްރާހިމް

ބައެއް ފަރާތްތަކުން ދެކުނީ އެއީ ބޭކާރު މަސައްކަތެއްގެ ގޮތުގަ އެވެ. އަދި ތަކުރާރުކޮށް، ތިކުރަނީ ބޭކަރު މަސައްކަތެެއް ކަމަށާއި އެތަނުގައި އެެއްޗެއް ފަސޭހައިން ނުހެދޭނެ ކަމަށާއި ފައިދާ އެއް ނެތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ވިސްނައިދިނުމަށް މަސައްކަތް ކުރުމުންދިޔަ އެވެ. ތެދެކެވެ. މަސައްކަތް ބުރަ އެވެ. އެކަމަކު އެއީ ފައިދާ އެއް ނެތް ކަމެއް ނޫނެވެ. އަދި އެކަމަަށް ހިތްވަރުދިން އެތައް ބަޔަކު މި ފަސްގަނޑުގައި އެބަ ތިއްބެވެ. އަޅުގަނޑު ދުނިޔޭގައި ހުއްޓާ އެގަސްގަހުން ފޮނިމީރުކަން ބަޔަކު ހޯދާތަން ފެނުމުން އެ ލިބޭ ހިތްހަމަ ޖެހުން އެއީ ކިހާ ބޮޑު ފައިދާއެއްތޯ އެވެ؟

* "އަހަރެންގެ ވިންދު" މި ކޮލަމަކީ އަޅުގަނޑުގެ ހިޔާލައި އަޅުގަނޑު ކޮށްފައިވާ ތަޖުރިބާ ހިއްސާ ކުރުމަށް ލިޔާ ކޮލަމެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • އަލިމަނިކުSunday 12th May 2019

    ލިޔުން ރަނގަޅަށް ކިޔާލީމަ އެނގޭނެ އެތަނުގަައި އެހެން މީހުން ވެސް ގަސް އިންދިކަން. އެކަމަކު އަޅާނުލާތީ ނުހެދުނީކަން. މިހާރު ފެންނަން އެހެރީ ރެސްޓްބްލޮކްސް އިން އިންދައިން ވަރަށް ވަރުން ހައްދާފައި ހުރި ގަސްކަން އެމަސައްކަތް ފެނުނު ވެލިދޫ ރަައްޔިތުން ހެކިވާނެ.

  • މަނިކުSaturday 11th May 2019

    ބޮޑުބެރު ގުރޫޕަކުން ވެސް ފިތުރޯނު އިންދި

  • އަސްލު މީހާFriday 10th May 2019

    ރެސްޓް ބުލޮކްސްގެ މަސައްކަތަށް ހަމަ ސާބަސް. އަދި ރިޝާންގެ ދުރު ވިސްނުން ވަރަށް ސަޅި

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST