ވެލިދޫގައި ގާޑިޔާގެ ވިޔަފާރިއާ އެކު މުޅިން އެހެން ޝަކުވާތަކެއް؟

ނ. ވެލިދޫ ކައުންސިލުން ވަނީ ގާޑިޔާ ވިޔަފާރި ކުރުމަށް  ފަސް ގާޑިޔާއެއް ބެހެއްޓުމަށް އެކި ސަރަހައްދުން ހުއްދަ ދީފަ އެވެ. ނަމަވެސް އަދި ގާޑިޔާ ނިންމާ ހިދުމަތްދޭން ފަށާފައިވަނީ ކުޑަކުދިންގެ ބަގީޗާ ސަރަހައްދުން ދިން ގާޑިޔާ އެކަންޏެވެ. އެތަނުގެ ހިދުމަތާ އެކު ބަނދަރު މައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ނަމަވެސް މިހާރު އަޑުއިވެނީ މުޅިން އެހެން ޝަކުވާތަކެއްގެ ވާހަކަ އެވެ.

"ވެލިދޫ ކައުންސިލުން އެވަނީ ގާޑިޔާ ކޮންސެޕްޓް މުޅިން އޮޅުވާލާފައި. ކެފޭ އަކުން ލިބޭ ހުރިހާ ހިދުމަތެއް ގާޑިޔާއިން ލިބެންވީމަ އެއީ އެންމެ ރަނގަޅުގޮތްތޯ އެބަ ވިސްނަންޖެހޭ. އެންމެ 300 ރުފިޔާ މަހު ކުއްޔަށް ކައުންސިލަށް ދައްކާފައި ކެފޭ އަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނަމަ، ކައުންސިލަށް އެއީ އެންމެ ފައިދާ ހުރި ގޮތްތޯ އެބަ ބަލަންޖެހޭ،" ވެލިދޫ ކައުންސިލުން ކުއްޔަށް ދީފައި ހުންނަ ކެފޭ، ޔޫތް ސްކޯޔާގައި ބަޔަކު ވާހަކަ ދައްކަމުން އޭގެ ތެރެއިން އެކަކު ބުންޏެވެ.

އެ ވާހަކަ އެގޮތަށް ދެއްކި ފަރާތުން ބުނީ ވެލިދޫ ކައުންސިލުން ބަނދަރުގައި ބޮޑު އަގުގައި ޔޫތު ސްކޮޔާ ކުއްޔަށް ދީފައި ހަމަ ޔޫތް ސްކޮޔާއިން ލިބޭ ހުރިހާ ހިދުމަތެއް މަހަކު އެންމެ 300 ރުފިޔާ ދައްކައިގެން ދެވޭނަމަ، ބޮޑު އަގުގައި ޔޫތް ސްކޮޔާ ނަގައިން ހަތް ވަރަކަށް ސްޓާފުންނަށް މޫސާރަދީގެން ހިންގުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ދެ މީހުންލައިން ކުޑަ ހަރަދެއްގައި ގާޑިޔާއެއް ހިންގުން ވެސް މާ ބުއްދުވެރި ކަމަށް އެ ފަރާތުން ސުވާލު އުފެއްދި އެވެ. އެ ސުވާލާ އެކު މޭޒުގައި ދެން އިން ފަރާތުން ބުނީ އިމްޕޯޓް މުދަލާއި ކާބޯތަކެތި ވިއްކާނަމަ އެކަން ކަމަށް ބޭނުންވާ ހާއްސަ ހުއްދަ ނުނަގައި ގާޑިޔާގައި އެފަދަތަކެތި ނުވިއްކޭނެ ކަމަށެވެ.

"މިސާލަކަށް އެހެން ވިޔަފާރިއަކަށް ނަގާފައިވާ ހުއްދައިގެ ދަށުން ގާޑިޔާގައި އިމްޕޯޓް މުދަލެއް ނުވިއްކޭނެ. ސިނގަރޭޓާއި ދަޅުފުޅި ވިއްކާނަމަ، ގާޑިޔާ އަށް ވަކިން ހުއްދަ ނަގަންޖެހޭނެ. ގާޑިޔާގެ ނަން ވެސް ވަކި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަކީ އޭގައި އެންމެ ރަނގަޅު ގޮތް،" ގާނޫނުގައި އިމްޕޯޓް މުދާ ވިއްކުމާ ބެހޭ އުސޫލާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހަމަ އެމޭޒުގައި ދެން އިން މީހާ ބުނީ ބަނދަރު ސަރަހައްދުން ގާޑިޔާ ދިނުމަކީ މައްސަލަ އެއް ނޫން ކަމަށާއި ގާޑިޔާ ވިޔަފާރީގެ ސަބަބުން ކެފޭތަކަށް އޭގެ އަސަރުކުރާނަމަ ކަސްޓަމަރުން ހިފަހައްޓަން އެހެން ގޮތް ގޮތަށް ކެފޭތަކުން ވިޔަފާރި ބައްޓަން ކުރެވިދާނެ ކަމަށެވެ. އަދި އިހުޒަމާނުގައި ގާޑިޔާ ހުންނަ ގޮތަށް ގާޑިޔާ ހުރުން މަޖުބޫރު ނޫން ކަމަށާއި ގާޑިޔާ އެކު ބާބަކިއު ހަދާފައި ހުންނަ ސާމާނު ވެސް ވިއްކުމަކީ މިޒަމާނުގެ ގާޑިޔާތަކުގައި އެކުލެވިގެންވާ އެއްސިފަ ކަމަށެވެ. އެތަނުގައި ކަރަންޓާއި ފެން ހުރުން ވެސް މުހިއްމު ކަމަށާއި ކައުންސިލުން އުންމީދުކުރި ވަރަށްވުރެ ފުރިހަމަކޮށް މިހާރު ގާޑިޔާގެ ހިދުމަތް ވެލިދޫގައި ފެށިފައިވާ ކަމަށް އެފަރާތުން ފާހަގަކުރި އެވެ.

ކެފޭން ދޭ ހިދުމަތްތައް ގާޑިޔާއިންދޭތީ ވާހަކަ ދެއްކި މީހާ އެއަށް ޖަވާބު ދެމުން ބުނީ ޖެހިޖެހިގެން ހުންނަ އަމިއްލަ ގޯތީގައި އެއް ވިޔަފާރިއެއް ކުރުމާއި ކައުންސިލުންކުރާ ކަންކަން ތަފާތުވާނެ ކަމަށެވެ. އެގޮތުން ވެލިދޫ ކައުންސިލަށް އެންެމެ ގިނަ ލާރި ވަންނަ އެއްތަނަކީ ޔޫތް ސްކޮޔާ އަށްވާއިރު، އެއީ ރައްޔިތުންގެ އިމާރާތެއް ކަމަށާއި އެއީ ރައްޔިތުންނަށް ކެފޭގެ ހިދުމަތްދޭން ކައުންސިލުން ދޫކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެ ވިޔަފާރި ލިބޭ ހިދުމަތްތައް އަގު ހެޔޮކޮށް ހަމަ އެ ސަރަހައްދުން ލިބޭ ގޮތަށް ވެލިދޫ ކައުންސިލުން ދިނުމަކީ އެހައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ފަރާތުން ތަކުރާރުކޮށް ބުންޏެވެ.

"ރައްޔިތުންނަށް ގާޑިޔާ ރަނގަޅުވާނެ. އެމީހުން ބެނުން ވާނީ ގިނަ ތަންތަނުން ހިދުމަތް ލިބުން. މީގައި މައްސަލައަކީ ކައުންސިލުން އެވެސް ބެލުމެއްނެތި މިންގަނޑެއް ނެތި ގާޑިޔާ ވިޔަފާރި އަށް ހުޅުވާލުން،" އޭނާ ފާހަގަކުރި އެވެ.

މޭޒުގައި ވާހަކަ ދެއްކި އެންމެން ވެސް އެއްކަމަކަށް އެއްގަލަކަށް އެރި އެވެ. އެއީ ގާޑިޔާގެ ހިދުމަތް ވެލިދޫގައި ދިނުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ސުވާލު އުފެދިގެން އުޅެނީ ކެފޭ އިން ލިބޭ ގިނަ ހިދުމަތްތަކެއް ގާޑިޔާއިން ދޭތީ އެވެ. އަދި ވެލިދޫ ކައުންސިލުން ވަނީ ގާޑިޔާގައި އުނދުން ބަހައްޓާއިގެން ނުކެއްކޭނެ ކަމަށް އަންގަފާ އެވެ. ގާޑިޔާގެ ހިދުމަތަކީ އޭގެ ޒާތުގައި ރަނގަޅު ހިދުމަތަކަށްވާއިރު، ބައެއް މީހުންގެ ޝަކުވާ ބޮޑުވެގެން އުޅެނީ ގާޑިޔާ ކުޑަ ކެފޭއެއްގެ ގޮތުގައި އެމީހުންނަށް ސިފަވެގެން ދާތީ އެވެ. މިކަމުގައި ތިބޭފުޅުންގެ ހިޔާލަކީ ކޮބައިތޯ އެވެ؟

ކިޔުންތެރިންގެ ކޮމެންޓް

 • AsmaMonday 29th April 2019

  ethan veeraanaave dhaan dhookohlan v tho? Husaiin maniku ehves maraamaatheh nukoh

 • HanguSunday 28th April 2019

  Hidhumeh shalhi gaadiyaa vareh neh neh

 • ކަޓޫރާSunday 28th April 2019

  ގާޑިޔާ ވިޔަފާރި ހަބޭސް. އެނޫންގޮތަކަށް މިހާރު ގާޑިޔާ ވިޔަފާރި ކުރުން ރަނގަޅެއްނޫން

 • ހަލީލުބެSaturday 27th April 2019

  ގާޑިޔާގެ ފުރިހަމަކަމާމެދު ހައިރާންވެއްޖެ. ވަރަށް ހަބޭސް.

 • އިބުރާހިމްSaturday 27th April 2019

  އެއީ މިހާރު ގާޑިޔާ ހުންނަންވާނެގޮތް. ވަރަށްބަރާބަރު

 • ފަރިކޮަSaturday 27th April 2019

  ގާޑިޔާ ވިޔަފާރި ވެލިދޫގައި ހިންގަން ހުއްދަދިނުމާައިއެކު ހުޅުވިގެންދިޔަ ފުރަތަމަ ގާޑިޔާއިން ލިބެމުންދާ ހިދުމަތާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ... އަދިވެސް އެހެން ގާޑިޔާތަކުގެ އިންތިޒާރުގައި....

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST