"ވިޝަން ކޮއްތު" ވެލިދޫ ބަނދަރަށް ގެނެސްދިން އިތުރު ފުރިހަމަ ކަމެއް!

"މިހާރު ވެސް މިތަނުން އައިސް ކްރީމާއި ތަފާތު ވައްތަރުގެ ބުއިންތައް ލިބޭނެ. އަދި އެކިވައްތަރުގެ ހެދިކާ އާއި ކޮފީވެސް ލިބޭނެ،" ނ. ވެލިދޫ ބަނދަރުގައި އަލަށް ހުޅުވި ގާޑިޔާ ނުރަސްމީކޮށް ހުޅުވާލި ގަޑީގައި އެތަނަށް ދިއުމުން ގާޑިޔާގެ ވެރިފަރާތް އާމިރު އަބްދުއް ރަހުމާން ބުންޏެވެ.

ވެލިދޫ ކައުންސިލުން ވަނީ ގާޑިޔާ ވިޔަފާރި ކުރުމަށް ފަސް ގާޑިޔާއެއް ބެހެއްޓުމަށް އެކި ސަރަހައްދުން ހުއްދަ ދީފަ އެވެ. ނަމަވެސް އަދި ގާޑިޔާ ނިންމާ ހިދުމަތްދޭން ފަށާފައި ވަނީ އާމިރު އެކަންޏެވެ. ގާޑިޔާ ހިދުމަތް މިއަދު ހެނދުނު ނުރަސްމީކޮށް ފެށިއިރު އަންނަ ކޮންމެ ބަޔަކަށް ކޮފީ އާއި ދުފާ އެއްޗެހި ހިލޭ ބެހި އެވެ.

ބަނދަރުގައި އަލަށް ހަދާ ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި އާމިރު ގާޑިޔާ އޮންނައިރު، ކަނޑުތޮއްޓާއި ބަނދަރު ގުޅުވައިދޭ ބުރިޖު ސަރައްދުގައި ގާޑިޔާއެއް އަދި ލޯންޗުފެރީ ލަފާ ސަރައްހައްދުގައި ގާޑިޔާއަކާއި، ރެސްޓް ބީޗު ސަރަހައްދުގެ އިތުރުން ބޮޑުމަގުކޮޅު ނިކަގަސްދަށުގައި ވެސް ގާޑިޔާއެއް ބެހެއްޓުމަށް ވެލިދޫ ކައުންސިލުން ވަނީ ހުއްދަދީފަ އެވެ.

"ވިޝަން ކޮއްތު" ނަމުގައި އާމިރު ހުޅުވި މި ގާޑިޔާގެ ޑިޒައިން ވެސް ބަލާލަން ހިތްގައިމެވެ. އަދި ކަސްޓަމަރުން އައިސް މަޑުކޮށްލާ ސަރަހައްދުގައި ކުޑަޖަހާފައިވާއިރު، އިށީންނަން ހުރީ ދިވެހިވަންތަ ގޮތަކަށް ރުއްގުޅި ގޮނޑިތަކެކެވެ. ގާޑިޔާ އަށް ކަރަންޓްލާ ވަކި މީޓަރެއް ހަރުކޮށްފައިވާއިރު، ގާޑިޔާއިން ފިނި ބުއިންތައް ފޯރުކޮށްދިނުމަށް ފުރިޖެއް ބަހައްޓާފައި ހުއްޓެވެ.

"މިހާރު ވެސް ޕޭސްޓްރީގެ އެކި ބާވަތްތައް ލިބޭނެ. އަދި މުސްތަގުބަލުގައި ކުރުނބަލާއި ވަގުތުން ބާބަކިއު ހެދުމުގެ ވިސްނުން ވެސް އެބަހުރި،" ބާބަކިއު ގްރިލްއާއި އުނދުން ބަހައްޓަން ތައްޔާރުކޮށްފައި ހުރިތަން ދައްކާލަމުން އާމިރު ބުންޏެވެ.

މިހާރު ވެސް ތަފާތު ވައްތަރުގެ މިލްކްޝޭކް ވެސް އާމިރު ގާޑިޔާއިން ލިބޭނެ އެވެ. އަދި އެކިވައްތަރުގެ ތައްޔާރީ ބުއިންތަކާއި ސޭންޑްވިޗްފަދަ ތަކެތި ވެސް އެތަނުން ލިބެން ހުއްޓެވެ.

މީގެ ކުރިން ވެލިދޫގައި ގާޑިޔާގެ ހިދުމަތް ދީފައި ވަނީ އީދުފަދަ މުނާސިބަތަކާ ގުޅިގެން ހާއްސަ ހުއްދައެއްގެ ދަށުން އީދަށް ތައްޔާރުކުރާ ގާޑިޔާއެއްގެ ގޮތުގަ އެެެވެ. މިއީ މިހާތަނަށް ދިގުމުއްްދަތެއްގައި ގާޑިޔާ ހިދުމަތްދޭން ހުޅުވާލި ފުރަތަމަ ފަހަރެވެ.

ވެލިދޫގައި ބޭކަރީގެ ހިދުމަތް ވެސް ދެމުން އަންނަ އާމިރު ހުރީ އެންމެ ފުރަތަމަ ގާޑިޔާ ނިންމާ ހިދުމަތްދޭން ފެށުމުން ވަރަށް އުފަލުންނެވެ. އަންނަ ހުރިހާ ކަސްޓަމަރުންނާ ވެސް އޭނާ ބައްދަލުކުރީ ހިނިތުންވުމާ އެކު އެވެ. އަދި ވެލިދޫގައި ކާމިޔާބުކަމާއެކު ގާޑިޔާ ހިންގޭނެކަމުގެ ފޮނި އުންމީދުގައި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • so sadSunday 21st April 2019

    ruh gulhi tah dhivehi vantha v iru thimaaveshi kobaaheyyeve

  • AliFriday 19th April 2019

    Varah rangalhah liyefaivaa habareh

މި ލިޔުމަށް ކޮމެންޓްކުރަށްވާ