ފޮއްދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: ކައުންސިލް

ނ. ފޮއްދޫ ޖެޓީ ސަރަހައްދު ގިރަމުންދާތީ އެ ސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އެންޑީއާ ވާހަކަ ދައްކަމުން ފޮއްދޫ ކައުންސިލް ރައީސް އަބްދުﷲ ސާމީ ވިދާޅުވީ ސީދާ މަސައްކަތް ފަށާނެ ތާރީހު އެމްޓީސީސީން އަދި ކައުންސިލާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ގިރާ ސަރައްހަދު ހިމާޔަތް ކުރުމަށް ބޭނުންވާ "ޖިއޯ ބޭގްސް" ވަނީ މިހާރު ފޮއްދޫ އަށް ގެނެސްފަ އެވެ. "ޖީއޯ ބޭގްސް" ރަށަށް ގެނެސްފައި ހުންނަތާ މިހާރު ހަފްތާއެއް ވެދާނެ އެވެ.

އެމްޓީސީސީން ވަނީ މީގެ ކުރިން އެ ސަރަހައްދު ހިމާޔަތްކުރުމާ ބެހޭ ގޮތުން ފޮއްދޫ ކައުންސިލާ މަޝްވަރާ ކޮށްފަ އެވެ. އޭރު މަޝްވަރާކުރިއިރު ފޮއްދޫ ކައުންސިލުން ބޭނުންވީ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހިލަ ޖެހުމުގެ ބަދަލުގައި "ޖީއޯ ބޭގްސް" ޖަހާށެވެ. ކައުންސިލުން އޭރު ބުނީ އެގޮތަށް ނިންމީ ފޮއްދޫ އަކީ ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށަކަށް ވާއިރު ރަށަށް އަރާދިމައިގައި ހިލަ ޖެހުމުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭނެތީ ކަމަށެވެ.

ފޮއްދޫ ޖެޓީ ސަރަހައްދު ގިރުމުގެ ސަބަބުން ޖެޓީއާއި އެއްގަމާ ދޭތެރެއިން ވެލިގަނޑު ދަމައިގަތުމުގެ ސަބަބުން މިހާރު ޖެޓީ ބޭނުންކުރަނީ ބަސްތާ ޖަހައި ވެލި އަޅައިގެނެވެ. އަދި ޖެޓީއާ ދިމާ ގޮނޑުދޮށް ދެ ފަރާތުން ގިރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގަސްތައް ވެސް ވަނީ ވެއްޓިފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ