މުޅި ނ. އަތޮޅުން އެންމެ ގިނަ ވޯޓު ލިބުނީ އެސްޕީ މޯޑަށް!

ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މުޅި ނ. އަތޮޅުން އެންމެ ގިނަ ވޯޓު ހޯދީ ވެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އަބްދުﷲ ޝަފީގް (އެސްޕީ މޯޑް) އަށް ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

ރައްޔިތުން މަޖިލީހުގައި ނ. އަތޮގެ ހަތަރު ގޮނޑިއެއް ތަމްސީލު ކުރާއިރު، ހަތަރު ދާއިރާ ވެސް ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެސްޕީ ވެލިދޫ ދާއިރާގެ ގޮނޑި ކަށަވަރު ކުރައްވާފައި ވަނީ 1276 ވޯޓުންނެވެ. އަދި މުޅި ނ. އަތޮޅުން ދެވަނަ އަށް އެންމެ ބޮޑު ފަރަގަކުން ގޮނޑި ކާމިޔާބު ކުރެއްވީ ވެސް މުހައްމަދު އަބްދުﷲ ޝަފީގް އެވެ. އެބޭފުޅާ ވަނީ ވާދަވެރި ކެންޑިޑޭޓަށް ވުރެ އިތުރަށް 206 ވޯޓު ހޯއްދަވާފަ އެވެ.

ނ. އަތޮޅުން ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައި ވަނީ މަނަދޫ ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ހާރޫން އެވެ. އެ ބޭފުޅާ އަށް ލިބިވަޑައިގަންނަވާފައި ވަނީ 1267 ވޯޓެވެ. އަހުމަދު ހާރޫން އަކީ މުޅި ނޫނު އަތޮޅުން އެންމެ ބޮޑު ފަރަގަކުން ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓެވެ. ވާދަވެރި ކެންޑިޑޭޓަށް ވުރެ، 674 ވޯޓު އިތުރަށް ހާރޫން އަށް ލިބިވަޑައިގެންނެވި އެވެ. ތިންވަނަ އަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވީ ކެނދިކުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި، އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އީސާ އަށެވެ. އީސަ އަށް ލިބިވަޑައިގަންނަވާފައި ވަނީ 1241 ވޯޓެވެ. ވާދަވެރި ކެންޑިޑޭޓަށް ވުރެ އިތުރަށް އީސަ އަށް ލިބިވަޑައިގަންނަވާފައި ވަނީ 142 ވޯޓެވެ. ނ. އަތޮޅު ދާއިރާތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ބޮޑު ފަރަގަކުން ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އީސަ އެވެ.

ހޮޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޔޫނުސް އަލީ އަށް ލިބިވަޑައިގަންނަވާފައި ވަނީ 963 ވޯޓެވެ. ވާދަވެރި ކެންޑިޑޭޓަށް ވުރެ އިތުރަށް ޔޫނުސް އަށް 92 ވޯޓެވެ.

ނ. އަތޮޅުން މަޖިލީހަށް ނުހޮވުނު ކެންޑިޑޭޓުންނަށް ބަލާއިރު އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވާފައި ވަނީ ކެނދިކުޅުދޫ ދާއިރާ އަށް ކުރިމަތިލެއްވި އެމްޑީއޭ ކެންޑިޑޭޓް އަލީ މައުރޫފަށެވެ. އެ ބޭފުޅާ އަށް 1099 ވޯޓު ލިބިވަޑައިގެންނެވި އެވެ. ނުހޮވުނު ކެންޑިޑޭޓުންނަށް ބަލާއިރު، ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވާފައި ވަނީ ވެލިދޫ ދާއިރާ އަށް ކުރިމަތި ލެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު އައްބާސް އަަށެވެ. އެ ބޭފުޅާ އަށް 1070 ވޯޓު ލިބިވަޑައިގެންނެވި އެވެ. ނުހޮވުނު ކެންޑިޑޭޓުން ތެރެއިން ތިންވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ހޮޅުދޫ ދާއިރާ އަށް ކުރިމަތި ލެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބްދުއްސައްތާރު މުހައްމަދަށެވެ. އެ ބޭފުޅާ އަށް 904 ވޯޓު ލިބިވަޑައިގެންނެވި އެވެ.

މުޅި އަތޮޅުން އެންމެ މަދުން ވޯޓު ލިބުނީ މަނަދޫ ދާއިރާ އަށް ކުރިމަތި ލެއްވި އެމްޑީއޭގެ ކެންޑިޑޭޓް އިބްރާހިމް އަސްލަމަށެވެ. އެ ބޭފުޅާ އަށް ލިބިވަޑައި ގެންނެވީ އެންމެ ފަސް ވޯޓެވެ. ދެ ވަނަ އަށް އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވީ ހޮޅުދޫ ދާއިރާ އަށް އެމްޓީޑީން ކުރިމަތި ލެއްވި މަރިޔަމް ސިއާނާ އަށެވެ. ސިއާނާ އަށް ލިބިވަޑައިގެންނެވީ 32 ވޯޓެވެ. މުޅި އަތޮޅުން ތިން ވަނަ އަށް އެންމެ މަދުން ވޯޓު ލިބިވަޑައި ގެންނެވީ ވެލިދޫ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި މުސްތަފާ އާދަމް އަށެވެ. އެބޭފުޅާ އަށް ލިބިވަޑައިގަންނަވަފައި ވަނީ 69 ވޯޓެވެ.

މިނަތީޖާ އަކީ ވަގުތީ ނަތީޖާ އަށްވުމުން އިލެކްޝަން ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާން ކުރާއިރު ކޮންމެ ވެސް ވަރެއްގެ ފަރަގެއް އައުން އެކަށީގެންވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ