ޔާމިންގެ ހިޔާލު: ހިތް ދޫވި ނިޒާމު، އަތުން ދޫވެއްޖެ!

ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ އެވެ؟ ރައްޔިތުން ވެރިޔަކު ހޮވަނީ ކީއްކުރަންތޯ އެވެ؟ މި ދެ ސުވާލުގެ ޖަވާބު ގުޅި ލާމެހިފައި ވަނީ، ހެޔޮވެރިކަމެވެ. ރައްޔިތުން ވެރިޔަކު ހޮވަނީ، ރައްޔިތުންގެ އަސާސީ ހައްޤުތައް ތަރުތީބުކޮށް، ފަހިކުރުމަށެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދުމުގެ ނިޒާމެއް އެކަށައެޅުމަށެވެ. ތާރީޚުގެ ދިގު މާޒީއަށް ބަލާލާއިރު، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ޓަކައި، ރައްޔިތުންގެ މާބޮޑު ތެދުވުމެއް ވާތަނެއް ނުފެނެވެ. މި މަންޒަރު، މިހެން ފެނުނު ނަމަވެސް، އެކި ދުވަސްވަރު ހައްޤުތަކަށް ވާކާލާތުކުރި ބަޔަކުވެސް ފެނިފައިވެއެވެ. މިއިން ކޮންމެ ފަހަރަކުވެސް، ކާމިޔާބަށް ވާސިލްވެވިފައި ވަނީ، ނާދިރު ފަހަރަކު އެވެ.

ރައްޔިތުން ތަރުތީބެއް ނެތި ހައްޤު ހޯދުމަށް ނިކުމެއްޖެ ނަމަ، ޤައުމުގައި އެއްވެސް ފާލެއް ނޯންނާނެ އެވެ. އޮންނީ ހަމަ ނުޖެހުމާއި، ތަޅާފޮޅުމާއި، ޖަޒުބާތު ފިލުވުމެވެ. އެ މަގުން ދާއިމީ ހައްލެއް އެއްވެސް މައްސަލައަކަށް ނާންނާނެ އެވެ. މި ސަބަބަށް ޓަކައި ވެރިކަމުގެ ތަފާތު ނިޒާމުތަކެއް ދުނިޔޭގެ އެކި ފަލްސަވާފެރިން ވަނީ ގެނެސްފަ އެވެ. މި ނިޒާމުތަކުގެ ތެރޭގައި ޑިމޮކްރަޓިކް، ޕްރޮގްރެސިވް އަދި ކޮމިއުނިސްޓް ފަދަ ނިޒާމްތައް ހިމެނެ އެވެ. މީގެއިން ކޮންމެ ނިޒާމަކީ ވެސް ރައްޔިތުން ހަމައަށް ފެއްތުމާއި، ދިރިއުޅުން ތަރުތީބުކުރުމާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އެކަށައަޅާފައިވާ އުސޫލުތަކެކެވެ. ތަފާތު އިންސާނުންގެ ފިކުރު ތަފާތުވާނެ ފަދައިން، އެ ފަލްސަފާވެރިންގެ ފަލްސަފާތައް ވެސް ތަފާތެވެ. ބައެއް ނިޒާމްތައް ކަނޑައަޅާފައި ވަނީ، ރައްޔިތުން ކޮންޓްރޯލްކޮށްގެން ސަރުކާރަށް މަސައްކަތްކޮށްދިނުމުގެ ނިޒާމެކެވެ. އަނެއް ނިޒާމްތައް ކަނޑައަޅާފައި ވަނީ، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ލާބަކުރާނެ ގޮތްތަކެއް ކަނޑައާޅާދީ، ހަޤީޤީ ވެރިންނަކީ ނިކަމެތި އާއްމު ރައްޔިތުންކަމުގައި ހެދުމުގެ ނިޒާމެކެވެ.

މީގެއިން އެންމެ ފަހި ނިޒާމަކީ އަޅުގަނޑު އެނިޒާމަކަށް ހިތްދޫވި ނިޒާމެވެ. އެއީ ޑިމޮކްރަޓިކް ނިޒާމެވެ. ރައްޔިތުންގެ އަސާސީ ހައްޤުތަކަކީ މި ނިޒާމުގައި އެންމެ އިސްކަމެއްދީފައިވާ ކަމެވެ. ރައްޔިތުންނަށް ރައްޔިތުންގެ ބަސް ބުނުމުގެ އެތަކެއް ގޮތެއް އެ ނިޒާމުގައި ފަހިކޮށްދީފައިވެ އެވެ. އެގޮތުން އިހްތިޖާޖުކުރުމާއި، މިނިވަން މާހައުލެއްގައި ވޯޓުލުމުގެ ހައްޤަކީ، ޑިމޮކްރަސީގައި ސައްލާކުރާނެ ޖާގައެއް އޮތް ކަމެއް ނޫނުނެވެ. އެއީ ކަނޑައެޅި ނިމިފައިވާ ކަންކަމެވެ. ދިވެހިން މިހާރު މިވަނީ، ރަސްކަމުން ފެށިގެން ޑިމޮކްރަސީ ދެކިފައެވެ.

ރަސްކަމުގެ ހިތްދަތި ދުވަސްތަކަށް ފަހު، ދިވެހިން ދެކުނީ ރިޔާސަތެކެވެ. ޖުމްހޫރިއްޔާއެކެވެ. އެ ޖުމްހޫރިއްޔާގެ ވެރިކަން ފެށި ތާރީޚް ފަސްދީ ގޮސް ދިގު ތިރީސް އަހަރު ރައްޔިތުން އަނިޔާ ތަހައްމަލުކުރިތަން ވެސް ހަރު ބޭފުޅުން ދެކެފިއެވެ. އެ ވެރިކަމުގައި ދިވެހިންގެ ތަރައްޤީ ދިގު މުއްދަތަކަށް މަޑުޖެހިގެން ދިއައެވެ. އިންސާނީ ހައްޤުތަކަށް ފައިން އަރާ، މެދުއިރުމަތީގެ ހުދުމުޚްތާރު ވެރިކަމުގެ ހަން މި ދީބުގައި ފެތުރިތަން ވެސް މި ޤައުމުގެ ބަޔަކު ދެކެފި އެވެ. އެ ވެރިކަމާ ދެކޮޅަކަށް، ނިޒާމް އިސްލާހުކުރުމަށް ދިވެހިންގެ ތެރެއިން ޤައުމީ ލޯބީގައި ތެދުވެ، ސިޔާސީ ޕާޓީގެ ނިޒާމު ބުރަ މަސައްކަތުން ގެނައި ތަންވެސް ބަޔަކު ދެކެފިއެވެ. އެ ނިޒާމްގެ ދަށުން ކަންކަން ތަރުތީބުކޮށް ހެޔޮވެރިކަމެއް ކުރިތަންވެސް އިއްޔެ ދިވެހިން ދެކެފިއެވެ. ހެޔޮވެރިކަމެއް ނިމުން ބަޣާވާތަކުން ވައްޓާލި މަންޒަރު އަދިވެސް ދިވެހިންގެ ލޮލަށް ފެންނަ ކަހަލައެވެ. އެއަށް ފަހު، ދިވެހިންގެ ތެރޭން ތިބި ބަޔަކު ނިކުމެ، އިހު އޮތް ނިޒާމަށް ރާއްޖެ ގެންދާ މަންޒަރު މިއަދު މިދަނީ ފެންނަމުންނެވެ. މި ކަންކަމުގެ ވާހަކަ ތަފްސީލުކޮށް ނުދެއްކި ނަމަވެސް، ދިވެހި ތާރީޚްގައި ކޮންމެވެސް ބަޔަކު، ކޮންމެވެސް ދުވަހަކުން ލިޔާނެ އެވެ.

ރަނގަޅުގޮތް ދެއްކުމުން، އެމަގުން ނުހިނގާންވީ ސަބަބެއް އޮންނާނެ ހެއްޔެ އެވެ؟ އާދޭހެވެ! އަމިއްލަ އެދުން އިސްވާނަމަ، އެބަޔަކު ކޮންމެ މަގަކުންވެސް ހިނގާފާނެއެވެ. ދިވެހިންގެ ވެރިކަމުގެ ނިޒާމު މިއަދު މިއޮތީ ހަރާބުގެ ތެރެއަށް ބަޔަކު ރާވައިގެން ވައްޓާލާފައެވެ. އަދުގެ ތަޢުލީމީ ދަރިން މިކަން އެބަ ބަލަ އެވެ. އަޅުގަނޑުމެން އެބަ ބަލަމުއެވެ. އަޅުގަނޑުމެންގެ ދަރިން މި މަންޒަރު ސިފަކުރާނެ އެވެ. އެ ކުދިން އަޅުގަނޑުމެންނަކީ ނާގާބިލް ބައެއް ކަމުގައި ދެކޭނެ އެވެ. އަޅުގަނޑުމެންނަށް ނަފްރަތު ކުރާނެ އެވެ. އަޅުގަނޑުމެން މި އިހްމާލުގައި ދެމި މިތިބެނީ ކީއްވެގެންތޯ އެވެ؟ ކަށިން ހިތްވަރު ނެރެ، އިސްލާހުގެ މަގަށް ވެރިކަމުގެ ނިޒާމް ގެންދަން ތެދުވާކަށް ނުވޭތޯ އެވެ؟ އެ އަޑު އުފުލާން ނުވޭތޯ އެވެ؟ ޖަވާބަކީ ސާދާ ޖަވާބެކެވެ. އަޅުގަނޑުމެން އަދި ވެސް އެވެރިން ދެކެ ޖެހިލުންވެ އެވެ.

* މި ކޮލަމަކީ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދުގެ ހިޔާލުތައް އެބޭފުޅާގެ ގަލަމުން ގެނެސްދޭނެ ކޮލަމެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • އަހުމަދު ވެލިދޫMonday 7th July 2014

    ރަނގަޅު ވާހަކައެއް...

މި ލިޔުމަށް ކޮމެންޓްކުރަށްވާ