ފަޔާ ސްޓޭޝަނެއް ވެލިދޫ އަށް މުހިއްމު، ވަރަށް އަވަހަށް އަލިފާން ނިއްވާ ލޮރީއެއް ލިބޭނެ: މާރިޔާ

ނ. ވެލިދޫ އަކީ ފަޔާ ސްޓޭޝަނެއް ހުންނަން މުހިއްމު ރަށެއް ކަމަށާއި ވަރަށް އަވަހަށް އަލިފާން ނިއްވާ ލޮރީއެއް ވެލިދޫ އަށް ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ ވެލިދޫ އަށް ޑިފެންސް މިނިސްޓްރީން ހަދިޔާކުރި އަލިފާން ނިއްވާ އާލަތް ރަސްމީކޮށް ހަވާލުކުރުމަށް ވެލިދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާރިޔާ ވިދާޅުވީ މިހާރު ހަދިޔާކުރި އާލަތަކީ ކުޑަ އާލަތެއް ނަމަވެސް އަލިފާން ނިއްވުމުގައި އެ އާލަތް ބޭނުކުރުމުން އެއީ ކިހާވަރެއްގެ އާލަތެއްކަން އިނގޭނެ ކަމަށެވެ.

މާރިޔާ ވަނީ ވެލިދޫގައި ފަޔާ ސްޓޭޝަނެއް ގާއިމުކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވާފަ އެވެ. އަދި އެފަދަ ދުވަހެއް އައުމުން އެމްއެންޑީއެފްގެ ފަޔާމަނުން ވެލިދޫގައި ތިބޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ވެލިދޫ އަކީ އަލިފާނުގެ ހާދިސާތައް ތަކުރާރުކޮށް ހިނގާފައިވާ ރަށެއް ކަމަށާއި، އެތައް އާއިލާ އެއް އުމުރުދުވަހުކުރި މަސައްކަތް ހިނދުކޮޅެއް ތެރޭ އަލިފާން ރޯވުމުގެ ސަބަބުން ނެތި ގޮސްފައިވާ ކަމަށް ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޖައުފަރު ވިދާޅުވި އެވެ. އަދި 11،000 އަކަފޫޓްގެ ބިމެއް ފަޔާ ސްޓޭޝަނެއް އެޅުމަށް ކައުންސިލުން ސާފުކޮށް ބަލަހައްޓަމުން އަންނަ ކަމަށާއި ނ. އަތޮޅު ސަރަހައްދުގައި ހުރި އަގު ބޮޑު ރިސޯޓްތަކުގައި ދިމަވެދާނެ އަލިފާނުގެ ހާދިސާއަކަށް ވެލިދޫގަައި ފަޔާ ސްޓޭޝަނެއް ހުރެއްޖެނަމަ ގާތުން ހިދުމަތް ދެވޭނެ ކަމަށް ޖައުފަރު ފާހަގަ ކުރެއްވެވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST