• އަލިފާން ނިތްވާ އާލަތް ހަދިޔާ ކުރިކަމުގެ ލިޔުން ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސެއިނާ ހަވާލު ކުރަނީ. ފޮޓޯ/އެންޑީ

އެމްއެންޑީއެފް އިން އަލިފާން ނިއްވާ އާލަތެއް ވެލިދޫ އަށް ހަދިޔާ ކޮށްފި

ނ. ވެލިދޫ އަށް އަލިފާން ނިއްވަން ބޭނުންކުރާ އާލަތެއް އެމްއެންޑީއެފް އިން ހަދިޔާ ކޮށްފި އެވެ.

އެންޑީ އަށް މައުލޫމާތު ދެމުން ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޖައުފަރު މިއަދު ވިދާޅުވީ މިއީ ރަށުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު ވަސީލަތެއް ކަމަށެވެ. އަދި ވެއަތުވިތާ ދިމާވެފައިވާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލްކުރުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ޖައުފަރު ވިދާޅުވި އެވެ.

"މި ފަހުން އެންމެ ގިނައިން ރޯވެފައި ވަނީ ކުނިގޮނޑުގައި. އެތަނުގައި އަލިފާން ނިއްވުމަށް ކޮންމެ ފަހަރަކު ވެސް ޕަންޕްޖަހައިން ފެންހިއްކުމުގެ މަސައްކަތް އެކިފަހަރު މަތިން ވަނީ ކޮށްފައި. އެކަމަކު އެ މަސައްކަތް ކުރަން ގެންގުޅޭ ހޮޅި ވެސް އޮންނަނީ ފަޅައިން ގޮސް ޕްރެޝަރުގައި ފެން ދިނުމުން އެތަން މިތަނުން ފެން ލީކްވެ، އެހެންވީމާ މިހާރު މި ލިބުން އަލިފާން ނިއްވާ ސިސްޓަމްގެ ސަބަބުން މަސައްކަތް އަވަސްވެ، އަލިފާން ނިއްވުމަށް ފަސޭހަވާނެ،" ޖައުފަރު ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލުން ބުނީ އެމްއެންޑީއެފް އިން ދިން އަލިފާން ނިއްވާ އާލަތަކީ މޯބައިލްކޮށް ބޭނުންކުރެވޭ އާލަތެއް ކަމަށެވެ. އަދި މި އާލަތުން މޫދުން ފެންނަގައިގެން ޕްރެޝަރުގައި ފެންޖެހުމަށް ވެސް ފަސޭހަވާނެ ކަމަށް ވެލިދޫ ކައުންސިލުން މައުލޫމާތުދެ އެވެ. އަދި އަންނަ ހަފްތާ މިކަމަށް ކުދިން ޓްރޭން ކުރުމަށް އެމްއެންޑީއެފް އިން ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ