އަންހެނުންގެ މައުރަޒުގެ ތަރިއަކީ "ވަހީދާ"

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސިބަތުގައި ނ.ވެލިދޫގައި އިއްޔެ ބޭއްވި ކާބޯތަކެއްޗާއި އަތްތެރިކަމުގެ މައުރަޒުގެ އެންމެ ގިނަ ވަނަތައް ހާސިލްކޮށް މައުރަޒުގެ ތަރިއަކަށް މުގުރިގޭ ވަހީދާ ޔޫސުފް ހޮވިއްޖެ އެވެ.

ވެލިދޫ އަންހެނުންގެ ކޮޮމެޓީން އިންތިޒާމުކޮށްގެން ސްޓޭޖް ސަރަހައްދުގައި ބޭއްވި މި މައުރަޒުން ވަހީދާ ވަނީ ހަތަރު ވަނައެއް ހާސިލްކޮށްފަ އެވެ. ދެބަޔަކަށް ބަހާލައިގެން ގެންދިޔަ މި މައުރަޒުގެ އަތްތެރިކަމުގެ މަސައްކަތުގެ ބައިގައި ވަހީދާ ހުށަހެޅި ކަސަބު ލިބާސް، އެއްވަނަ އަށް ހޮވުނުއިރު އެއްވަނައިގައި ޕެރިސްގެ އާބިދާ މުހައްމަދު ހުށަހެޅި ނާށި ވާސް ވެސް ވަނީ ހިމެނިފަ އެވެ.

ވަހީދާ ހުށަހެޅި ރޯނު ފުރޭމަށް ދެވަނަ އަދި ފޮތި ފުޅި އަށް ތިންވަނަ ލިބުން އިރު، ވަހީދާ ހުށަހެޅި ފުޅި ވާސް ވެސް ވަނީ ތިންވަނައިގައި ހިމެނިފަ އެވެ.

ވަހީދާގެ ދަރިފުޅު ފާތުން އަލީ ފޭސްބުކްގައި ލިޔެފައި ވަނީ އަތްތެރި މަސައްކަތުގެ މައުރަޒުގެ ބައިން އެއްވަނަ، ދެވަނަ އަދި ތިންވަނަ މަންމަ ހޯދާފައިވާތީ ފަހުރުވެރިވާ ކަމަށެވެ.

މިމައުރަޒުގެ ކާބޯތަކެތީގެ ބައިން އެއްވަނަ އަށް ގޮސްފައި ވަނީ ރޯސްކުކުޅު ތައްޔާރުކުރި އޯށަންވިލާ، އައިމިނަތު މުހައްމަދު މަނިކު އެވެ. އަދި ދެވަނަ އަށް ގޮސްފައި ގިތެޔޮ ބޯކިބާ ތައްޔާރުކުރި ޝާހިލް، ސަމީމާ މުހައްމަދު އެވެ. ތިންވަނަ އަށް ހޮވިފައި ވަނީ ޕަފް ޕޭސްޓްރީ ހެދި ޕެރިސްގެ، ހަދީޖާ އިބްރާހިމް އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ