ފޮރިން މިނިސްޓަރު ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ވަފުދާއި ބައްދަލުކުރައްވައިފި

ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުންނާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މާރޗް މަހުގެ 3 – 7 އަށް ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ މިވަފުދުގައި އިސްކޮށް މަސައްކަތްކުރައްވަނީ ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ރޫލް އޮފް ލޯ ޑިވިޝަންގެ ވެރިޔާ މިސް މޯނާ ރިޝްވާމީއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި، އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެއީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެއް ތަނބުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހަރުދަނާ ވެގެންދާއިރު، އެކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އދގެ އެކި އިދާރާތަކާއި ސްޕެޝަލް ޕްރޮސީޖަރސް އެންޑް މެންޑޭޓް ހޯލްޑަރސް ރާއްޖެއަށް ވަޑައިގެން މަސައްކަތްކުރެއްވުމަށް ފުރުސަތު ދެއްވުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ވަފުދެއް ވަޑައިގަތީ ރާއްޖޭގެ ޙާލަތު ބައްލަވައި، އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށެވެ. މިމަސައްކަތުގައި އެވަފުދުން ވަނީ ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކާއި މިނިވަން ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވާފައެވެ. މީގެ ތެރޭގައި ދާދި ފަހުން އެކުލަވާލެއްވި މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ޖަލުތައް އޮޑިޓްކުރާ ކޮމިޓީގެ އިތުރުން މީހުން ބަންދުކުރެވޭ ބައެއް ތަންތަނަށް އެބޭފުޅުން ޒިޔާރަތްކުރެއްވިއެވެ. ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ލަފާ އެރުވުމަށް އިންސާނީ ހައްޤުތަކާއި ބެހޭ ޚާއްސަ މުޝީރެއް ރާއްޖެއަށް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާގެ އިތުރުން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ އެސޯސިއޭޓް އެކްސްޕަރޓް މިސް ޗިއާކީ އޯޓާ ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ