ހޮސްޕިޓަލް އެޅުމަށް ކަނޑައެޅި ބިން ކުޑަވެ، ވެލިދޫ ސްކޫލް ދަނޑު ސަރަހައްދު ހޮސްޕިޓަލް އަޅަން ދޭން ނިންމައިފި

ނ. ވެލިދޫގައި ހޮސްޕިޓަލް އެޅުމަށް ފުރަތަމަ ޕްރޮޕޯސްކުރި ބިން ކުޑަވެ، ސްކޫލް ފުޓްބޯޅަދަނޑު ސަރަހައްދު، ހޮސްޕިޓަލެއް އެޅުމަށް ދޭން މިއަދު ނިންމައިފި އެވެ.

ވެލިދޫ ކަައުންސިލުން މިގޮތަށް ނިންމާފައި ވަނީ މިއަދު 1:30 ހާއިރު އައިލެންޑް ޑެވެލޮޕްމަންޓް ކޮމެޓީއާ މަޝްވަރާކުރުމަށް ފަހު، ހާޒިރުވި ނުވަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ވެލިދޫ ކައުންސިލްގެ އުތުރު ފަރާތުން ހޮސްޕިޓަލް އެޅުމަށް ފުރަތަމަ ޕްރޮޕޯސްކުރި ބިމުގެ ބޮޑުމިން 25،000 އަކަފޫޓަށް ވުރެ ބޮޑެވެ. ހެލްތް މިނިސްޓްރީން ބޭނުންވީ 160،000 އަކަ ފޫޓްގެ ބިމެކެވެ. ނަމަވެސް ވެލިދޫގައި އެވަރު ބޮޑު ބިމެއް ނެގެން ނެތުމުން މިހާރު ދޭން ނިންމި ދަނޑު ބިމުގެ ބޮޑުމިނަކީ 110،557.66 އަކަ ފޫޓް އެވެ.

ވެލިދޫ ކައުންސިލުން ބުނީ މިހާރު ކަނޑައެޅި ބިން ހެލްތް މިނިސްޓްރީ އަށް ކަމުދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިނިސްޓްރީން އެ ބިން ފައިނަލް ކުރުމަށް ފަހު، ވަރަށް އަވަހަށް ކުރެހުން ކުރަހަން ގެޒްޓްގައި ހިމަނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވާ ކަމަށް ވެސް ވެލިދޫ ކައުންސިލުން މައުލޫމާތުދިނެވެ.

މި ހިނގާ 2019 ވަނަ އަހަރު ބަޖެޓްގައި ވެލިދޫގެ ސިއްހީ ދާއިރާ އަށް ހިމަނާފައިވާ 10 މިލިޔަން ރުފިޔާގެ ބަޖެޓުން އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރުމަށް އެދުމަށް ވެލިދޫ އައިލެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ވަނީ ނިންމާފަ އެވެ. އަދި މި ނިންމި ނިންމުން ވެލިދޫ ކައުންސިލުން ވަނީ ހެލްތް މިނިސްޓްރީއާ ހިއްސާ ކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެލިދޫގައި ހޮސްޕިޓަލެއް އެޅުމަށް ވައުދުވެ ވަޑައިގަންނަވާފަ އެވެ.

Advertisement

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ