ޔޫއޭއީ އާއި އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ހިޒް ހައިނެސް ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ބައްދަލުކުރައްވައިފިއެވެ.

އަބޫދާބީގައި ބޭއްވެވި މި ބައްދަލުވުމުގައި މިއަދު ނިމިގެން ދިޔަ އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވުމުގައި ދެއްކެވި ލީޑަރޝިޕަށް މަރުޙަބާ ދެންނެވިއެވެ. ދެބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖެއާއި ޔޫ.އޭ.އީ އާއި ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުންނާއި ތަރައްޤީގައި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އޯ.އައި.ސީ އާއި އ.ދ. ފަދަ ޖަމާޢަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ. މިނިސްޓަރ ޝާހިދު މިއަދު ވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޑރ. ޔޫސުފް ބިން އަޙްމަދު އަލްޢުތައިމީން އާއި ބައްދަލުކުރައްވާފައެވެ. އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އެޖަމާޢާތުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ޙާސިލްކުރުމަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލްއަށް އަރުވައި، އޯ.އައި.ސީގެ ހުރިހާ ހަރަކާތްތަކެއްގައި ދިވެހިރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާއި މިނިސްޓަރ ޝާހިދު ވަނީ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ފަލަސްތީން، އިންޑިއާ، ބަންގްލަދޭޝް، ރުމޭނިއާ، އުރުދުން، ކުވައިތު، ކޮސޯވޯގެ އިތުރުން އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރުންނާއި އަބޫދާބީގައި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި ސަޢޫދީޢަރަބިއްޔާގެ ސްޓޭޓް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އާއި މިސްރުގެ ޚާރިޖީ ވަޒީރުގެ ނައިބުގެ އިތުރުން އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމަށް އިރާޤާއި ސަރބިއާއިން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުން މިއަދު އަބޫދާބީގައި ނިންމާލާފައިވަނީ އަބޫދާބީ ޑެކްލަރޭޝަން އާއި އެހެން ބައެއް ރިޒޮލިއުޝަންތައް ޤައުމުތަކުން ބަލައިގަތުމަށްފަހުއެވެ. އަހަރަކު އެއް ފަހަރު އޮންނަ އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް މީޓިން އަކީ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އަހަރީ ބައްދަލުވުމެކެވެ. އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުން އޮންނާނީ 2020 ވަނަ އަހަރު ނައިޖަރގައެވެ.

އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދުއާއި އެމަނިކުފާނުގެ އަރިހުގައި އަބޫދާބީއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން އެނބުރި މާލެ ވަޑައިގަންނަވާނީ 3 މާރޗް 2019 ގައެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ