• ޖެޓީކައިރި ގިރާލައި ފަސްގަނޑު ދަމައިގަނެފައި

ފޮއްދޫ ޖެޓީ ހިތްގައިމު، އެކަމަކު ތިމާވެއްޓަށް އޭގެ ގެއްލުން!

ނ. އަތޮޅު ފޮއްދޫ އަކީ އަތޮޅުގެ އެހެން ރަށްރަށާއި އަޅާ ބަލާއިރު ނިސްބަތުން މީހުން މަދު، އެކަމު ހިތްގައިމު ރަށެކެވެ. ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ހިތްގައިމު ގޮނޑުދޮށެއް އޮތް އެއްރަށަކީ ފޮއްދޫ އެވެ.

ފޮއްދޫ އަށް ލަފާ ފުރުމުގެ ދަތިކަމަކީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުގެ ލިސްޓްގެ އެންމެ ކުރީގައި އަބަދުވެސް އޮތް ކަމެކެވެ. ބަޖެޓްގައި ތަފާތު ގޮތް ގޮތަށް ހިމަނަމުން ގޮސް ލަފާ ފުރުމަށް ހިތްގައިމު ޖެޓީ އެއް ލިބުނީ ނިމިދިޔަ ސަރުކާރުގަ އެވެ.


ފޮއްދޫ އަކީ ފަތުރުވެރިކަމުގެ ވިޔަފާރީ އަށް އަތޮޅުގެ އެހެން ރަށްރަށަށް ވުރެ ބޮޑަށް ހުޅުވިފައިވާ ރަށަކަށްވާއިރު، ލިބުނު ޖެޓީ ފަރުމާ ކޮށްފައިވަނީ ރިސޯޓެއްގެ އެރައިވަލް ޖެޓީއާ އެއްގޮތަށް ޓީ ޖެޓީއެއް ގޮތަށެވެ. ބަލައިލަން ޖެޓީ ހިތްގައިމު ނަމަވެސް ޖެޓީ އެޅުމުން ރަށުގެ ތިމާވެއްޓަށް ލިބުން ގެއްލުން މާ ބޮޑެވެ. ޖެޓީ އަޅައި އަހަރަކަށްވެފައިވާއިރު ޖެޓީ ހިމެނޭ އިރުމަތީ ފަރާތު ގޮނޑުދޮށް ދަނީ އިންތިހާ އަށް ގިރަމުންނެވެ.

އެ ސަރަހައްދުގައި ގޮނޑުދޮށް ގިރަމުން ގޮސް ރުއްގަސްތައް މޫދަށް ވެއްޓި ޖެޓީއާއި ރަށާ ދެމެދުން ފަސް ދަމައިގެން ގޮސް ޖެޓީ ރަށުގެ ފަސްގަނޑާ ވަކިވާން ވަނީ ފަށާފައި އެވެ. މިހާރު ވެސް އެތަނުން މީހުން ފައިބަނީ ބަސްތާ ޖަހާ ފަސްގަނޑު ހިފަހައްޓައިގެންނެވެ.

ބައެއް މީހުން ބުނާ ގޮތުން ރަށް ގިރުމުގެ އެއް ސަބަބަކީ ޖެޓީގައި ޖަހާފައިވާ ހަތަރެސްކަން ތަނބުތަކެވެ. ރިސޯޓްތަކުގައި އެފަދަ މަސައްކަތްކޮށް ދިރާސާކުރާ ފަރާތްތަކުން ބުނީ ހަތަރެސްކަން ތަނބުގެ ސަބަބުން އޭގައި ބާނިތައް އެޅި ފަސޭހައިން ފަޅުތެރެ ގަދަވާ ކަމަށެވެ. އޭގެ ބަދަލުގައި ޖެޓީގައި ވަށް ތަނބުހުރިނަމަ ތަނބުގައި ރާޅުއަޅައިން އުފެދޭ ބާނިތައް މަދުވާނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެ އެވެ. އަނެއް ބަޔަކު ބުނާގޮތުން ބޭރުގައި އެއްވެސް ކަނޑުތޮށްޓެއް ނެތުމުން ވެސް ރަށްގިރުމަށް މެދުވެރިވެ އެވެ.

ސަރުކާރުން އެފަދަ މަޝްރޫއުތައް ހިންގާއިރު ތިމާވެއްޓާ ބެހޭ ދިރާސާތައް ވެސް ހަދާނެ އެވެ. ނަމަވެސް މިހާރު އޮތް ހަގީގަތަކީ ފޮއްދޫ އިރުމަތީ ފަރާތު ގޮނޑުދޮށް އިންތިހާ އަށް ގިރަމުންދާކަމެވެ. މިކަމަށް އިތުރު ދިރާސާތައް ހަދައި އަވަސް ހައްލެއް ނުލިބިއްޖެނަމަ އަނެއްކާ ވެސް ލަފާފުރުމަށް ބޮޑުތަނުން ހުރަސްއެޅޭނެ އެވެ. އަދި ރަށުން ބޮޑުބައެއް ކުޑަވެގެންދާނެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ