ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުކޮށް ކައުންސިލަރުންކުރާ ކަންކަމުގެ ވާހަކަ ދެއްކުން ރަނގަޅުބާ؟

ކޮންމެ ހަމަހުން އެއްމެހުން ރައްޔިތުންނާ ބައްދަލުކޮށް، ކައުންސިލް އަދި ކައުންސިލަރުންކުރާ ކަންކަމުގެ ވާހަކަތައް ރައްޔިތުންނާ ހިއްސާ ކުރުމަކީ ކައުންސިލަރުންގެ މައްޗަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ. އަދި މިފަދަ ބައްދަލުވުން ތަކަކީ ރައްޔިތުންނަށް ކައުންސިލަރުން ޖަވާބުދާރީ ކުރުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ނަމަވެސް ވެލިދޫ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުން މުޅިން ފެނުނީ އެހެން މަންޒަރެކެވެ.

އާބާދީ 2700 މީހުން ހިމެނޭ އިރު ވެލިދޫ ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރަން ބޭއްވި ބައްދަލުވުމުގައި ފެނިގެން ދިޔައީ އެންމެ އާބާދީ ކުދި ރަށްރަށުން ވެސް ނުފެންނަ ކަހަލަ މަންޒަރެކެވެ. ބައްދަލުވުމުގެ ހާޒިރީ 20 މީހުންނަށް ނާރާއިރު ޖަހާފަ ހުރި ގޮނޑިތައް ހުރީ ފަޅަށް ހުސްކޮށެވެ. މިއީ އަތޮޅުގެ އެންމެ ތަރައްގީ އެންމެ އާބާދީ ބޮޑު، އެންމެ ހޭލުންތެރި ކަމަށް ދައުވާ ކުރާ ރަށުގެ ހާލަތެވެ.

ކައުންސިލަރުންގެ ޒިންމާއެކޭ އެއްގޮތަށް ރައްޔިތު މީހާގެ ޒިންމާ އާއި އާންމު ހެލުންތެރިކަމަކީ ތަހުޒީބީ ދުނިޔެއްގައި އަޅުގަނޑުމެން ދިރިއުޅެމުން އަންނައިރު އަށަގަންނަވަންޖެހޭ މުހިއްމު ސިފަތަކެކެވެ. ހަމައެކަނި ހޮޓާ ރެސްޓޯރަންޓްތަކުގައި ކައުންސިލަރުންކުރާ ކަންކަމުގެ ވާހަކަ ދައްކާ އެމީހުންގެ ކިބައިން ފެންނަ ނުރަނގަޅު ކަންކަން ފާހަގަކުރުމަކީ ރަަސްމީ ކަމަކަށް ނުވާއިރު، ރައްޔިތުންގެ ބައްދަލުވުމަށް ގޮސް ސީދާ ކައުންސިލަރުންނާއި ރަސްމީ ހައިސިއްޔަތުން ސުވާލުކޮށް، އެ ކައުންސިލަރުން ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންނަށް ލިބިދޭ ހައްގަކަށްވާއިރު، އެ ހައްގުގެ ބޭނުން ނުހިފާން ޖެހޭ ސަބަބެއްް އެބައޮތްތޯ އެވެ؟ އަދި އެ ހައްގުގެ ބޭނުން ނުކޮށް ކައުންސިލަރުންގެ ވާހަކަ ދެއްކުމުގެ ހައްގު ރައްޔިތު މީހާ އޮންނާނެތޯ؟ މިއީ އަމިއްލަ ނަފްސަށް ސުވާލުކޮށްލަންޖެހޭ މުހިއްމު ސުވާލެކެވެ.

ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގާއިމްކޮށް ސީދާ ރައްޔިތު މީހާ އަށް ކައިރިން ހިދުމަތް ލިބޭނެ ނިޒާމަކަށް އަޅުގަނޑުމެން އެދޭއިރު އެ ނިޒާމުގެ ލިބިދޭ އެންމެހާ ހައްގުތަށް ލިބިގަތުމަކީ ރައްޔިތު މީހާގެ ވެސް ޒިންމާ އެކެވެ.

ހޭލުންތެރި ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށް އަޅުގަނޑުމެން ދެކޭއިރު މިފަދަ ކަންކަމަށް ފަރުދީ ޒިންމާ އިސްކޮށް، ކައުންސިލަރުން ޖަވާބުދާރީ ކުރުމަށް އަޅުގަނޑުމެން އަތުކުރި އޮޅާލުން މުހިއްމެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ