• ވެލިދޫގެ ގެއެއްގައި ރޯކޮށްފައި ހުރި ކުނިތަކެއް. -- ފޮޓޯ/ އެންޑީ މުހައްމަދު އާނިސް

ރަނގަޅު ފެންވަރެއްގައި ވެލިދޫގައި ކުނި މެނޭޖުކުރުމަށް ނިންމައިފި

ނ. ވެލިދޫ ގައި ރަނގަޅު ފެންވަރެއްގައި ކުނި މެނޭޖުކުރުމަށް ވެލިދޫ ކައުންސިލުން ނިންމައި އެކަމަށް ބޭނުންވާ ތައްޔާރީތައް ވާން ފަށައިފި ކަމަށް ވެލިދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އެންޑީ އަަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޖައުފަރު (ޖޯބެ) ވިދާޅުވީ ވެލިދޫގައި ކުނި މެނޭޖްކުރުމުގެ ގޮތުން ސަރުކާރުގެ ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯއާ އެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ވެމްކޯއާ ގުޅިގެން ވެލިދޫގައި މިހާރު ހުރި ކުނިކޮށީގައި ހުރި ބައެއް ކުނިތައް ތިލަފުށްޓަށް ގެންގޮސްފައިވާ ކަމަށް ވެސް ޖޯބެ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އެއް ލޯޑް ކުނި ތިލަފުށްޓަށް ފޮނުވައިފިން. އަދި އެއް ލޯޑް ކުނި ތިލަފުށްޓަށް ފޮނުވަންޖެހޭ. ވެމްކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރ. ވަންދޫ އަށް ކުނި ގެންދާނީ އަލަށް އަޅާ ކުނީގެ ތެރެއިން އެކި ކެޓަގަރީތަކަށް ކުނި ބަހާލައިގެން. މިގޮތަށް ކުނި ގެންދާނީ ކައުންސިލުން ގޭގެއިން ކުނި ނަގައިގެން ކުނި ކޮށްޓަށް ގެންދިއުމަށް ފަހު،" އެމްޑީޕީ މެޖޯރިޓީ ކައުންސިލް އޮންނަ ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

ވެލިދޫގައި ކުނި މެނޭޖްކުރުމަށް ނިންމާފައި ވަނީ ގޭގެއިން ފީ ނަގައިގެން ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެ އެވެ. އެގޮތުން ކައުންސިލުން ބުނީ ގޭގެއިން ނެގުމަށް ނިންމާފައިވާ ފީއާ ބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަންއެއް ވެސް މިހާރު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. ގޭގެއިން ކުނި ނެގުމަށް ނިންމާފައި ވަނީ ވެލިދޫ ކައުންސިލުން ގަންނަ ވެހިކަލްތަކެއް ބޭނުންކޮށްގެންނެވެ. އެގޮތުން މިކަމަށް ދިވެހި މުވައްޒަފުންތަކެއް ނެގުމަށް ވެސް ވެލިދޫ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ޖޯބެ ވިދާޅުވީ މީހުން ނުޅޭ ފަޅުގެއަކުން ކުނި އުކާލުމަށްޓަކައި 75ރ. ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ގެއަކުން މަހު ފީ އެއްގެ ގޮތުގައި ނެގުމަށް ނިންމާފައި ވަނީ 150ރ. ކަމަށެވެ. އަދި ވެލިދޫގައި ހުރި ގޭބީސީގެ މައުލޫތު އެއްކުރުމަށް ފަހު އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ފޮނުވުމަށް ނިންމާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނ. އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު ރަށް ވެލިދޫގައި ކުނި މެނޭޖްކުރުމަށް ވެމްކޯއާ ގުޅިގެން ކުރިޔަށް ގެންދާއިރު ވެމްކޯއިން ގަބޫލްކުރާ ފެންވަރަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ