• ނ. ޅޮހީ ގެއެއްގެ ރުކެއްގައި އަޅާފައިވާ ކުރުބަލެއްގައި ވެރިފާރާތުން ދީފައިވާ މެސެޖެއް

"ވަގު ކަލޭގެ ނުބޯތި!"

ނުވަސަތޭކައެއްހާ މީހުން ދިރިއުޅެމުން އަންނަ ނ. ޅޮސަށް އަރައިގެން ދިޔައިރު ޝައުގުވެރިކަން އެންމެ ފުރަމަތަ ވެސް ދަމައިގަތީ ތަފާތު ކަމަކަށެވެ. އެ ރަށުގެ ގެއްގެ ގޯތިތެރޭ، މަގުފާރު ކައިރީ ހައްދާފައިވާ ދޮންރުކެއްގައި އަޅާފައިވާ ކުރުނބާ އިހަލަކަށެވެ. މުޅި ރުއްފުރެންދެން އެއްޗެހި އަޅާ ވަނީ ބަރާވެފަ އެވެ. މަގުމަތިން ދަމުން އަތުން ކުރުނބާ ބިނދެވޭހާ ރުއްތިރި އެވެ.

ގޮބޮޅިން ފެށިގެން ގޮސް ކުރުނބަލާ ހަމައަށް ރުކުގައި އެއްޗިހިއަޅާ ފުރިފައިވާއިރު، ކުރުނބާ އިހަލުގެ ކުރުނބަލެއްގައި ވަރަށް ހާއްސަ މެސެޖެއް ވަނީ ލިޔެފަ އެވެ. "ވަގު ކަލޭގެ ނުބޯތި!" މިހެންނެވެ. ރުކަކީ ކިތަންމެ ގިނަ އެއްޗެއް އަޅާ ރުކެއް ނަމަވެސް ރުކުގެ ވެރިފަރާތަށް، ރުކުން ލިބެންވާ ފުރިހަމަ ފައިދާ ނުލިބޭކަން މި މެސެޖުން ވަރަށް ރަނގަޅަށް ދޭހަވެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އާބާދީ ކުދި ރަށްރަށުގައި ވަގުންގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފަ އެވެ. ހާއްސަކޮށް ދަނޑުވެރިންނަށާއި ގޯތިތެރޭ ގެއަށް ބޭނުންވާ ވަރަށް ތަކެތި ހައްދާ ފަރާތްތަކަށް ވަގުންގެ އުނދަގޫ އަންނީ ވަރަށް ބޮޑަށް ކުރަމުންނެވެ. މިފަދަ ކުދި ރަށްރަށަށް ފުލަހަކު އަންނަނީ ހާލަކުން ފަހަރަކު އެވެ. ގޭގެ ރުކުން ކުރުނބާ އަޅައިގެން ވަގަށް ކިތަންމެ ވަރަކަށް ކޭ ނަމަވެސް މައްސަލަ ޖައްސާނެ ފަރާތެއް ނެތެވެ. ދެން ޖެހޭނީ ކައުންސިލަށް ދާށެވެ. ކައުންސިލަށް ވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެވެ. ދެންވީ އަތޮޅު ޕޮލިސް ސްޓޭޝަނަށް ގުޅައިގެން ނޫނީ އަވަށްޓެރި ރަށެއްގައި ހުންނަ ފުލުހުންގެ އިދާރާއަކަށް ގުޅައިގެން މައްސަލަ ޖައްސާށެވެ.

ކޮންމެ ރެޔަކުހެން ގޯތިތެރެއިންކުރާ މިފަދަ ކުދި ވަށްކަންތައް ބެލުމަށް ފުލުހުންނަށް ވެސް އަރާފުރައިގެން އެހެން ރަށަކަށް ގޮސް ބެލުމަށް އުނދަގޫވާނެ އެވެ. ރަށްރަށުގައި ފުލުހުން ނުތިބުމުގެ ސަބަބުން މިފަދަ ކުދިކުށްކުށަށް އަރައިގަންނަ މީހުން ވަށްކަންތައް ކުރަމުން އަންނަނީ އެއްވެސް ފަރުވާލެއް ނެތި އެވެ. ދެން އުފެދޭ ސުވާލަކީ ރަށުގައި ފުލުހުން ތިބޭނަމަ މިފަދަ ވަށްކަންތައް މަދުވެދާނެބާ؟ އެވެ. ހަމަގައިމު ވެސް ރަށުގައި ފުލުހުން ގާއިމުވެފައި ތިބޭނަމަ ރަށުގައި ފޯރި މެރުމާއި އިޖްތިމާއީ ގޮތުން ދިމާވެދާނެ ކޮންމެ މައްސަލަ އަކަށް ސީދާ ރަށުން ފިޔަވަޅު އެޅޭނެ އެވެ. އަދި ކުށަށް އަރައިގަންނަ މީހުން ކުށަށް އަރައިގަތުމަށް ކޮންމެ ވެސް ވަރެއްގެ ޖެހިލުމެއްވެ، މައްސަލަތައް ބެލުމަށް ފަސޭހަވާނެ އެވެ.

މިއަދު ރާއްޖޭއަކީ ތަރައްގީވަމުން އަންނަ ގައުމަކަށްވާއިރު، އަސާސީ ހިދުމަތްތައް ލިބުމުގައި ރައްޔިތުންނަށް ތަފާތުކުރުންތައް ހުރެގެންނުވާނެ އެވެ. އެފަދަ ވަސީލަތްތައް ގާއިމުނުކުރެވޭ ތަންތަން ނަމަ ވަސީލަތް ހުންނަ ތަންތަނަށް ކުދި އާބާދީތައް ބަދަލުކޮށް، އެއްފަސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ. ނުނީ ޅޮހީ ރުކުގެ ވެރިފަރާތްހެން ވަގަށް ގެންދާނެހެން ހީވާ ކޮންމެ އެއްޗެއްގައި "ވަގަށް ނުގެންދާތި" ޖަހައި ތަފާތު މެސެޖްތައް ލިޔެގެން އުޅެންޖެހުމަކީ މިޒަނާނަށް ބަލާއިރު، އެންމެ އެކަށީގެންވާ ދިރިއުޅުމެއް ނޫނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ