ވެލިދޫ ކައުންސިލް މެދުވެރިކޮށް ކުންފުންޏާ ބެހޭ ގިނަ ހިދުމަތްތަކެއް ދިނުމަށް ނިންމައިފި

ނ. ވެލިދޫ ކައުންސިލް މެދުވެރިކޮށް، ވެލިދޫގެ ވިޔަފާރިވެރިންނަށް ކުންފުނިތަކަށް ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ

ވެލިދޫ ސްކޫލް ރިހިމާޅާމުގައި ވިޔަފާރިވެރިންނަށް ހާއްސަކޮށް، ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވީ ވެލިދޫ ކައުންސިލް މެދުވެރިކޮށް ކުންފުނި ރަޖިސްޓްރީ ކުރުމާއި، ސީލް ރަޖިސްޓްރީ ކުރުމުގެ އިތުރަށް ވިޔަފާރިތަކަށް ބޭނުންވާނެ ބައެއް އަސާސީ ހިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ހިދުމަތްތައް ދޭން ފެށުމުން ރަސްމީގަޑީގައި އިކޮނޮމިކް މިނިސްޓްރީގެ ސިސްޓަމަށް ކައުންސިލަށް ވަދަވޭނެ ކަމަށާއި، އެކަންކަން ކުރުމަށް ކައުންސިލްގައި ތިބި ސްޓާފުން ތަމްރީނު ކުރާނެ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވިސާމް ވަނީ ވިޔަފާރިތަކަށް ދިމާވާ ބައެއް މައްސަލަތައް އަޑު އެހުމަށް ފަހު، އެ މައްސަލަތައް ހައްލުކޮށްދެވެން އޮތް އެންމެ ފަސޭހަ ގޮތަކަށް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ އެސްއެމްއީ ލޯން ސްކީމާ ބެހޭ މައުލޫމާތު ވެސް ރޭ ވަނީ ވެލިދޫ ވިޔަފާރިވެރިންނާ ހިއްސާކޮށްފަ އެވެ. އަންނަ ހޮނިހިރު ދުވަހު ވެސް މިފަދަ ސެޝަން އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ