ވެލިދޫ ބަނދަރު އީދަށް ދިއްލާލަނީ

 ނ. ވެލިދޫ ބަނދަރު މަރާމާތުކޮށް ޑިޒައިނަށް ބަދަލު ގެނެސް އިތުރަށް ބޮޑު ކުރުމަށް ފަހު ބަނދަރު ސަރަހައްދު އީދަށް ދިއްލުމަށް ނިންމާފައިވާ ކަމަށް ވެލިދޫ ކައުންސިލުން ބުނެފި އެވެ.

އެންޑީއަށް މައުލޫމާތު ދެމުން ވެލިދޫ ކައުންސިލުން ބުނީ ބަނދަރުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން އީދަށް ބަނދަރު ދިއްލައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކައުންސިލުން ބުނީ އީދަށް ހިންގާ ކުޅިވަރުގެ ބައެއް ހަރަކާތްތައް ބަނދަރު ސަރަހައްދުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އީދަށް ރަށަށް ގިނަ އަދަދެއްގެ މެހެމާނުންއަރާއިރު އެ ސަރަހައްދު ދިއްލާފައި ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ .ބަނދަރުގެ މަރާމަތަށް ބައްތިތަށް ނެގުމަށް ފަހު ބަނދަރު ސަރަހައްދު މިހާރު ދިއްލަމުން އަންނަނީ މާކަރީ ލައިޓް ބޭނުންކޮށްގެންނެވެ. ނަމަވެސް އެއީ ވެލިދޫ ބަނދަރާ އަޅާ ބަލާއިރު އެކަށީގެންވާ އަލިކަމެއް ނޫން ކަމަށް އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން ބުންޏެވެ.

ވެލިދޫ ބަނދަރުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު، ބަނަދަރު ހިމެނޭ ސަރަހައްދުގައި މިހާރު ވަނީ ގާ ޖަހާ ނިންމާފަ އެވެ. އަދި ކަނޑުތޮއްޓަށް އަރާ ބްރިޖާއި ބަނދަރުގައި ހުރި ސިޑިތަކުގައި ޗެންޗޭނު ޖެހުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ މިހާރު ކުރަމުންނެވެ. ވެލިދޫ ބަނދަރަކީ ޒަމާނީ ފެންވަރަކަށް ޑިޒައިންކޮށް، މިހާރު މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ހިތްގައިމު އެއް ބަނދަރެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • ޒާހިރާMonday 21st August 2017

    މަނަދޫ ބަނދަރު މާ ހިތްގައިމު އަދިވެސް

މި ލިޔުމަށް ކޮމެންޓްކުރަށްވާ