ވެލިދޫގައި ކައުންސިލިންގް ސެންޓަރެއް ގާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: އަސްމާ

ވެލިދޫގައި ޖެންޑަރގެ ކައުންސިލިންގ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ. ވެލިދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭ 9:00 ގައި ނަހުޒާ އިމާރާތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްމާ ވިދާޅުވީ ސިދާ ވެލިދޫން ކައުންސިލިންގް ހިދުމަތް ދެވެން ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. "ވެލިދޫގައި ކައުންސިލިންގް ދެވެން ނުހުންނާތީ ވަރަށް ކަންބޮޑުވޭ، އަޅުގަނޑުމެން މިދަނީ ޖެންޑަރ ތުރޫކޮށް ވެލިދޫގަ ތިބެގެން ކައުންސިލިންގ ދެވޭނެ ނިޒާމެއް ޤާއިމް ކުރަން މަސައްކަތް ކުރަމުން" އަސްމާ ވިދާޅުވި އެވެ. ވެލިދޫ ކައުންސިލުން ކުރަން ނިންމާފައިވާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަސްމާ ވިދާޅުވީ ހޯމް މިނިސްޓްރީގެ ޕީ.އެސް.އައި.ޕީގެ ދަށުން ވެލިދޫގައި ކުޑަކުދިންގެ ޕާރކެއް ތަރަށްޤީ ކުރުމަށް ހުށައަޅާފައިވާނެ ކަމަށެވެ. އަދި ވެލިދޫ އާރޓިފިޝަލް ބީޗްގައި ޕާރކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ރެސްޓް ބޮލޮކްގެ ފަރާތުން ކުރަމުންދާ ކަމަށާއި ކުރީގެ ފެން އަރުވާވަޑާން ސަރަހައްދުގައިވެސް ހެޔޮއެދޭ ފަރާތަކުން ޕާރކެއް ތަރައްޤީ ކުރުމަށް މަޝްވާރާކުރަމުންދާ ކަމަށްވެސް ރައީސް އަސްމާ ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލްގެ ސެކުއުރިޓީ ބެލެހެއްޓުމަށާއި ވެބްސައިޓް ހެދުމަށް އިއުލާން ކޮށްފައިވާނެ ކަމަށް ވެލިދޫ ކައުންސިލުން މައުލޫމާތުދެ އެވެ. ރޭގެ ބައްދަލުވުމުގައި ރައީސް އަސްމާގެ ވާހަކައަށް ފަހު ނައިބު ރައީސް އަހުމަދު ޖައުފަރު ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. ނައިބު ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިޔަށްދާތީ ބަނދަރުގަ ހުރި ލައިޓްތަށް ނެގުމާ ގުޅިގެން އާންމުންނަށް ދަތިވާތީ ވަގުތީ ގޮތުން ބަނދަރުގެ ދެކޮޅުގައި ލައިޓް ޖަހާދިއްލާފައިވާނެ ކަމަށެވެ. މީގެ އިތުރުން ކުނީގެ މައްސަލައަށް އަވަސް ހައްލެއްލިބިގެން ދާނެކަމަށާއި ވެލިދޫގެ އޮޑިދޯނިފަހަރު އެހެލުމަށް ހަދާ ސަރަހައްދުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ޖައުފަރު ފާހަގަ ކުރެއްވެވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވެލިދޫ ކައުންސިލް މެމްބަރ އާދަމް އަލީ ވިދާޅުވީ ނޮޅިކަލާސްގެ ފަރާތަކުން ވެލިދޫގައި ޒަމާނީ ހިނަވާގެއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ހިނަވާގެ އެޅުމަށް ބޭނުންވާ ބިން ކަނޑައަޅައި އަންނަ އޮގަސްޓް މަހު އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ. ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލްކުރުމަށް ބޭއްވި ބައްދަލުވުމުގައި ވެލިދޫގެ ލޭންޑް ޔޫސް ޕުލޭންގައި ހުއްދަލިބި އިއުލާން ކޮށްފައިވާ ބިންތަކާ ބެހޭ މައުލޫމާތާއި ކައުންސިލުން އެކުލަވާލާފައިވާ ކުނި ނައްތާލުމުގެ ޕުލޭންއާ ބެހޭ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރިއެވެ. ނަހުޒާ އިމާރާތުގައި ބޭއްވި މި ބައްދަލުވުމަކީ ލާމަރުކަޒީ ޤާނޫނުގައި ކައުންސިލްތަކުގެ މައްޗަށް ކޮންމެ ހަމަހަކުން އެއްފަހަރު ބޭއްވުމަށް ލަޒިމް ކުރާ ބައްދަލުވުމެކެވެ. އެހެންކަމުން ރޭގެ ބައްދަލުވުމުގައި 2017 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ރިޕޯޓާއި ފުރަތަމަ ހަމަސް ދުވަހުގެ މާލީ ރީޕޯޓް ވަނީ އާންމުކޮށްފައެވެ. މީގެ އިތުރަށް މިބައްދަލުވުމުގައި އާންމުން ކުރި ސުވާލުތަކަށް ކައުންސިލުން ވަނީ ޖަވާބު ދާރީވެފަ އެވެ. މީގެ އިތުރުންވެސް އެކިއެކި ކަންކަމުގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ބައްދުވުންތައް ބާއްވާނެކަމަށް ވެލިދޫ ކައުންސިލުން މައުލޫމާތު ދެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ