ވެލިދޫގައި ފުރަތަމަ އާބާދުވީ ބަނޑައިދިއްދޫ މީހުން!

ދިވެހި ރާއްޖޭގެ ތާރީހަކީ ވަރަށް އޮޅުން ބޮޅުން ގިނަ ތާރީހެކެވެ. ބައެއް ވާހަކަތައް މިއަދުގެ ނަސްލާ ހިސާބަށް އައިސްފައި ވަނީ ތުންތުންމަތިން ދެކެވޭ ވާހަކަތަކެއްގެ ގޮތުގަ އެވެ. މީގެ ތެރެއިން ބައެއް ވާހަކަތަކަށް ބާރު ލިބެނީ ކުރީޒަމާނުގެ ދަތުރުނާމާތަކާއި ތާރީހީ ދުވަސްވީ ލިއުންތަކުގެ ޒަރިއްޔާއިންނެވެ. ނޫނީ ދުވަސްވީ މީހުންނަށް އެމީހުންގެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ވާހަކަތަކަކީ ވެސް ދިވެހި ތާރީހު ދެނެގަތުމަށް ވަރަށް މުހިއްމު ވަސީލަތެކެވެ.

ނ. ވެލިދޫގެ ތާރީހު ދިރާސާކޮށް ބަލާއިރު ވެސް ވާހަކަތައް އައިސްފައިވަނީ މިފަދަ ގޮތަކަށެވެ. ވެލިދޫގައި ދިރިއުޅުން އެންމެ ދުވަސްވީ އެކަކު ކަމަށްވާ އަލީ މުހައްމަދު އަލިފުޅު، (އަލިފުޅުބެ) ދުނިޔޭގައި އެނާ އާ ބައްދަލުކޮށް، ވެލިދޫގެ ތާރީހާ ބެހޭ ގިނަ ވާހަކަތަކެއް ވަނީ އަލިފުޅުބެ ހިއްސާކޮށްފަ އެވެ. އޭރު އޭނާގެ އުމުރުން 92 އަހަރަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ.

އަލިފުޅުބެ ބުނި ގޮތުން ވެލިދޫ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން އާބާދުވީ ދުވަސްވަރުގައި މީހުން ދިރިއުޅުނު ރަށެއް ނޫނެވެ. ވެލިދޫގެ މިއަދުގެ ނަސްލަކީ އެކި ރަށްރަށުގެ މީހުން ހިޖުރަކޮށް ވަރަށް ބޮޑަށް އޮޅުން ބޮޅުން އަރާފައިވާ ނަސްލެކެވެ. އަލިފުޅުބެގެ ވާހަކަައިން އެންމެ ބޮޑަށް އެނގުން އެއްވާހަކަ އަކީ ވެލިދޫގައި މީހުން ދިރިއުޅުމުގެ ކުރިން މިހާރު ފަޅުރަށެއްގެ ގޮތުގައި އޮތް ބަނޑައިދިއްދޫގައި މީހުުން ދިރިއުޅުން ވާހަކަ އެވެ. ތާރީހީ ފަތްފުށްތައް ހާވާލުމުން އަލިފުޅުބެގެ މި ވާހަކަތަކަށް ކޮންމެ ވެސް ވަރަށް ބާރުލ؛ިބޭ ފަދަ ވާހަކަތައް އެބަހުއްޓެވެ. ފަތްތޫރައިގެ 122 ވަނަ ނަންބަރުގައި، އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވި "ހދ. ކުޅުދުއްފުށި އާބާދުވީ ގޮތް" މަޒުމޫނުގައިވާ ގޮތުން "ކަނބޯރަނި" ކިޔާ ފަންޑިތަ ހަދާ އަންހެނަކު ދިއްދޫގައި އުޅުނެވެ. އެހެންކަމުން ދިއްދޫގައި މީހުން އުޅުނުކަމުގެ ދަލީލު އެއޮތީ ވަރަށް ތަފްސީލްކޮށް ފެންނަ ގޮތަށެވެ. ކުޅުދުއްފުށި އާބާދު ކުރުމަށް ދިއްދޫ އިން ފަންޑިތަ ހަދަން ކަނބޯރަނީ ގެންގޮސްފައި ވަނީ ހިޖުރީ ގޮތުން 1819 ވަނަ އަހަަރު އެއަތޮޅު ކޭލަކުނަށް އައި ގަދަ ވިއްސާރައިގެ އަސަރު ކުޅުދުއްފުށްޓަށް ކުރުމުން އެރަށުގެ އާބާދީ ވަރަށް ބޮޑަށް މަދުވެގެންނެވެ. އަލިފުޅުބެ ބުނި ގޮތުން ވެލިދޫ އަކީ ގަސް ގިނަ ދިއްދޫ އަށް ވުރެ ފަޅުބޮޑު ރަށެކެވެ. އެހެންވެ، ދިއްދޫއާއި ވެލިދޫއަކީ ކައިރި ދެރަށަށްވީތީ، ދިއްދޫގައި ދިރިއުޅުން މީހުން ވެލިދޫ އަށް ބަދަލުވީ ކަމަށެވެ. އޭރު އެޒަމަނަކީ ވަލުން ލިބޭ ކާބޯތަކެއްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޒަމާނެއް ކަމުން މިކަން މިގޮތަށްވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އަލ؛ިފުޅުބެ ބުނީ ވެލިދޫގައި ބޮޑެތި ބައިވައިރު ގަސްތައް އޭރުހުރި ކަމަށެވެ. ނަމަވެސް ރަށުގައި މީހުން އާބަދުވެ، އުވަދެވުމުގެ ކަންތައް ބޮޑުވެގެން ގޮސް ރަށުގައި ހުރި ބޮޑެތި ގަސްތައް ކަނޑައި އުވަދަވައިން މީހުން ގެދޮރު ހެދުމަށް ބޭނުން ކުރުމުގެ ސަބަބުން ދުވަސްވީ ބޮޑެތި ގަސްތައް ވެލިދޫގައި ފެންނަން ނެތީ ކަމަށް އަލިފުޅުބެ ހިއްސާކުރި އެވެ. ތުންތުން މަތިން އިވޭ ބައެއް ވާހަކަތަކަށް ބަލާއިރު، ރާއްޖެ އިސްލާމްވުމުގެ ކުރިން ވެސް ވެލިދޫގައި މީހުން ރަށްވެހިވެފައިވާކަން ހާމަވާފަދަ ވާހަކަތައް ވެސް އެބަހުއްޓެވެ. އެގޮތުން ރާއްޖެއަށް އިސްލާމީ ނޫރު ފެތުރުމަށް ފަހު، ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ މީހުން އިސްލާމްވުމަށް ފޮނިވި ފަތަށް އިސްލާމް ނުވި ރަށްރަށުގެ ތެރޭގައި ވެސް ވެލިދޫ ހިމެނޭ ކަމަށް ބައެއް ދުވަސްވީ މީހުން ބުނެ އެވެ. އެފަދަ ވާހާކަތައް ދައްކާ ފަރާތްތަކުން ބުނާ ގޮތުން ވެލިދޫ އަކީ އާފަތަށް އިސްލާމްނުވި ރަށްތަކުގެ ތެރެއިން ރަށެކެވެ. ހަމަ މިވާހަކައާ ގުޅުވައިގެން ތުންތުން މަތިން އަންނަ އެހެން ވާހަކައެއް ވެސް އޮވެ އެވެ. އެއީ ވެލިދޫ އަކީ ދެފަހަރަށް މީހުން އިސްލާމް ދީނަށް ބަދަލުވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށް ދެކެވޭ ވާހަކަތަކެވެ. އެގޮތަށް ވާހަކަ ދައްކާ މީހުން ބުނާ ގޮތުން ވެލިދޫ މީހުން ފުރަތަމަ އިސްލާމްދީން ގަބޫލުކޮށް އިސްލާމް ދީނަށް އުޅެން ފެށުމަށް ފަހު އަނެއްކާވެސް ބުދު ދީނަށް ބަދަލުވި ކަމަށާއި އެއަށްފަހު ރަދުން އަނެއްކާވެސް ވެލިދޫ މީހުންނަށް އިސްލާމް ދީން އުގައްނައިދިނުމުން އެނގުމުން އަލުން އިސްލާމްވީ ކަމަށް ދެކެވޭ ވާހަތައް ވެސް ހިމެނެ އެވެ. ފަހުގެ ތާރީހަށް ބާލާއިރު، ވެލިދޫގައި ނ. މަގޫދޫ މީހުންނާއި ތޮޅެންދޫ މީހުން ދިރިއުޅެފައިވެ އެވެ. އެމީހުން ވެލިދޫ އަށް ބަދަލުކޮށްފައި ވަނީ އިބްރާހިމް ނާސީރުގެ ވެރިކަމުގައި ހުކުރު ކުރާ ވަރަށް 40 ފިރިހެނުން ހަމަނުވާ ރަށްރަށުން މީހުން ބޭލި ދުވަސްވަރު އެވެ. ނަމަވެސް ފަހުން 10 އާއިލާ މީހުން ހަމަވާ ރަށްރަށަށް މީހުން ބަދަލުވުމަށް ނާސިރު ވެރިކަމުގައި ހުއްދަ ދިނުމުން ތޮޅެންދޫ އަދި މަގޫދޫ ގިނަ ބަޔަކު ވަނީ އަނބުރާ އެމީހުންގެ ރަށަށް ބަދަލުވެފަ އެވެ. ނަމަވެސް މިގޮތަށް ބަދަލުވިއިރު، ބަދަލު ނުވާ އައީލާތައް ވެސް އުޅުނެވެ. އެމީހުންނާ ވެލިދޫ މީހުންނާ ކައިވެނިކޮށް މިއަދުގެ ވެލީދުގެ ވަޒަންވެރިންނަކީ މި ރަށްރަށުގެ ނަސްލާވެސް ގުޅިފައިވާ ބައެކެވެ. މީގެ އިތުރުން އަތޮޅުގެ އެހެން ބައެއް ރަށްރަށު މީހުން ވެސް ވެލިދޫގައި ވަޒަންވެރިވެފައިވެ އެވެ. އޭގެ ސަބަބުން މިއަދު ވެސް ވެލީދުއަކީ އަތޮޅުގައި އާބާދީ އެންމެ ބޮޑު ރަށަށް ވަނީ ވެފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • NonFriday 25th August 2017

    V.reethi

  • AhmedSunday 2nd July 2017

    Salhi

މި ލިޔުމަށް ކޮމެންޓްކުރަށްވާ