ވެލިދޫ ކައުންސިލްގެ އެދުމުގެ މަތިން ރެސްޓް ބްލޮކްސް އިން ކަނޑުތޮށި ފެހި ކުރުމަށް އެހީވެ ދީފި

ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ވެލިދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު، ބަނދަރުގައި ހިމެނޭ ކަނޑުތޮށި ފެހި ކުރުމަށް ވެލިދޫ ކައުންސިލުން އެދިގެން ރެސްޓް ބްލޮކްސް ޕްރައިވެޓް ލިމިޓެޑް ( އާރްބީ) އިން އެހީ ވެދީފި އެވެ.

އާރްބީން ބުނީ ކަނޑު ތޮށި ފެހިކުރުމުގެ ގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ރުއް ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ކަނޑު ތޮށީގައި މެދު ސައިޒުގެ ފަސް ރުއް މިހާރު ވަނީ ޖަހާފަ އެވެ. މި ރުއް ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ ވެލިދޫ ކައުންސިލްގެ އެދުމުގެ މަތިން އާރްބީގެ ބެލުމުގެ ދަށުންނެވެ. އަދި މަސައްކަތް ކުރިޔަށް ދިޔަ ވަގުތު ކައުންސިލްގެ މެމްބަރުން ބައިވެރިވި އިރު، ރުއް ޖެހުމަށާއި ރުއް ނެގުމަށް ބަނދަރު ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ވެހިކަލްތައް ބޭނުން ކުރުމަށް އެކުންފުނިން ވަނީ ދީފަ އެވެ. މިކަމުގައި ރެސްޓް ބްލޮކްސް މުވައްޒަފުންނާއި ޑިރެކްޓަރުންގެ އިތުރުން އެ ސަރަހައްދަށް އައި ބައެއް އާންމު ފަރާތްތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްފީފަ އެވެ.

އާރްބީން ބުނީ ރުއް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ރުއްތައް ހެދެންދެން އާރްބީން ފެން ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ކޮންމެ ރުކެެއް ދޭތެރޭ ފިތުރޯނު ގަސް އިންދުމަށް ނިންމާފައިވާ ކަމަށް ވެސް އާރްބީން މައުލޫމާތުދެ އެވެ. އާރްބީން ވަނީ 2014 ވަނަ އަހަރުގެ ފަހު ކޮޅު ވެލިދޫ ފަސް ގަނޑު ފެހިކުރުމުުގެ މަސައްކަތް ވެސް ފަށާފަ އެވެ. އެގޮތުން މިހާރު ވަނީ އެ ސަރަހައްދުގައި ގަހާ ރުއް އިންދާ ކާމިޔާބު ޕްރޮޖެކްޓަކަށް ހަދާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ