މަސީހް އާއިއެއްކޮޅަށް ދެވޭ ވޯޓަކީ ގައުމަށް ދެވޭ އަނިޔާއެއް- ވައްޑެ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގާއިރު، މަސީހް މަޖިލީހުގައި ބެހެއްޓުމަށް ވޯޓު ދެއްވުމަކީ އެމެމްބަރެއްގެ އަމިއްލަ ނަފްސަށާއި އަދި އެމެމްބަރެއްގެ ރައްޔިތުންނަށާއި މުޅި ގައުމަށް ދެވޭ އަނިޔާއެއް ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓްލާން ޖެހޭ ކަމަށާއި "ޗިސްޗިސްކޮށްލިޔަސް، ފިސްފިސްކޮށްލިޔަސް، ޖަލަށް ގެންގޮސް މަރާލިޔަސް" މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް މި ވޯޓު ޔަގީން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާއެކު މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، އަދުލު އިންސާފް ނެތް ތަނެއްގައި އަމާން ކަމައް ނޯންނާނެ ކަމަށާއި އަމާންކަމެއް ނެތް ތަނެއްގައި ރައްޔިތުން ނުތިބޭނެ ކަމަށެވެ. އެހެންކަމުން ނަމޫނާ ރައީސްއަކަށްވެ ގައުމު އިސްކުރަން ޖެހޭނެ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަގުމަތީގައި ޕީޕީއެމް އޮފީހުގެ ނަމުގައި އޮފީހެއް ހުޅުވި ތަން. ކޮބާތޯ ފުލުހުން؟ ކޮބާތޯ ސިފައިން؟ އެބޭފުޅުންގެ ހިމާޔަތް ހޯދައިގެން މަސައްކަތް ކުރެއްވީ. މީތޯ ނަމޫނާ ދެއްކެވުމަކީ؟ ބަޔަކަށް ރަނގަޅު ގޮތެއް ދައްކާކަމުގައި ވަންޏާ ފުރަތަމަ ތިމާ އިސްލާހް ވާން ޖެހޭނެ" ވައްޑެ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވައްޑެ ވަނީ ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޔާމިން ހޮވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ޕީޕީއެމްގެ ރައީސް މައުމޫނަށް "ނަގާހޫރަލީ" ކަމަށެވެ. ރައީސް މައުމޫން އާމެދު އެފަދަ އަމަލެއް ހިންގި މީހަކު އެހެންއެއްވެސް މީހަކަށް ރަހުމެއް ހަމްދަރުދީއެއް އޯގާތެރި ކަމެއް ހުންނާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ