މިހާތަނަށް 2 ދިވެހިންގެ ގައިން ޒިކާ ވައިރަސް ފެނިފައިވޭ!

ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބެލުމަށް މިއަހަރު ކުރެވުނު ޓެސްޓުން މިހާތަނަށް ދެ ދިވެއްސެއްގެ ގައިން ޒިކާވައިރަސް ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ޒިކާ ވައިރަހަށް ޓެސްޓުކުރެއްވި 517 ދިވެހިންގެ ތެރެއިން 2 ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާކަމަށެވެ.

މިދެ މީހުންގެ ގައިން ޒިކާ ފެނުނުކަން ޔަޤީންކޮށްފައި ވަނީ ރާއްޖެއިން ބޭރަށް ލޭގެ ސާމްޕަލް ފޮނުވައިގެން ޓެސްޓް ހަދައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޒިކާ ޖެހުމުން އާއްމު ގޮތެއްގައި ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިން ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުމާއި ގައިގައި ރިއްސުމާއި ބޮލުގައި އަދި ގައިގެ ހުޅުތަކުގައި ރިއްސުން ހިމެނެއެވެ.

މި ވައިރަހަކީ ފުރާނައަށް ނުރައްކާވާ ވައިރަހެއް ނޫން ކަމަށާއި ދިވެހިން ކަންބޮޑުވާ ހާލަތަކަށް އަދި ރާއްޖެ ނުދާކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެއެވެ. ޒިކާ ވައިރަހަކީ ދުނިޔޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިންވެސް ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ