ކޮރަޕްޝަނާއި ރިޝްވަތާއި ދެކޮޅަށް ދެއްވި ހުތުބާ - އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް ގުބާދު އަބޫބަކުރު މަޤާމުން ވަކިކޮށްފި

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދު އަބޫބަކުރު އެ މަގާމުން ރައީސް އަބްދުﷲ ޔާމީން މިއަދު ވަކިކުރައްވައިފި އެވެ.

ގުބާދު އޮންލައިން ނޫސް، "މިހާރު" އަށް ވިދާޅުވީ މަގާމުން ވަކިކުރެއްވިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އެކަމަކު އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުބާދު ވިދާޅުވީ މަގާމުން ވަކިކުރެއްވީ އޭނާ ޕީއެޗް.ޑީ ނިންމެވިތާ ގާތްގަނޑަކަށް ފަސް ދުވަސް ފަހުން ކަމަށް ވުމުން އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ގުބާދު ޕީއެޗްޑީ ނެންގެވީ އިސްލާމީ އަގީދާ އާއި މުސްލިމުންގެ ފިކުރު ރައްކާތެރިކުރުމާ ގުޅޭ ގޮތުންނެވެ. ޕީއެޗްޑީ ހެއްދެވީ ތުރުކީގެ ޔުނިވަސިޓީއަކުންނެވެ.

ގުބާދު މަގާމުން ވަކިކުރެއްވީ، ރިޝްވަތާއި ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ހުކުރުދުވަހުގެ ހުތުބާ ލިޔުއްވުމުން ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެކަމަކު އެ ވާހަކަތައް އޭނާ ދޮގުކުރައްވަ އެވެ.

ހުތުބާ ފާސްކުރާ ކޮމިޓީގައި ވެސް އިންނަވާ ގުބާދު ވިދާޅުވީ، ކޮރަޕްޝަނާއި ރިޝްވަތުގެ ހުތުރު އަމަލާ ދެކޮޅު ހުތުބާ ލިޔުއްވުމުގައި ވެސް އަދި އެ ފާސްކުރުމުގައި ވެސް އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

ރާއްޖޭގައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް މިހާރުގެ ސަރުކާރަށް ވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ހުކުރު ދުވަހު ދިން ހުތުބާގައި ބުނެފައި ވަނީ، ކޮރަޕްޝަނާއި ރިޝްވަތަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި ހަމަހަމަކަން ގެއްލި އެތައް ބަޔަކަށް ނުޙައްގު އެތަކެއް އެއްޗެއް ލިބެމުންދާ ކަމަށް ހުތުބާގައިވެ އެވެ. މީގެ އިތުރުން ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ޚިޔާނާތުގެ އަމަލުތައް ގިނަވެ އެކަން އާދައިގެ ކަމެއްގެ ގޮތުގައި ދުށުމަކީ ގައުމުގެ މުސްތަގުބަލާއި ތަރައްގީ އަރައިނުގަނެވޭނެ ވަރުގެ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ