• ސީޝެލްސްގެ ރިސޯޓް ސަރަހައްދެއް

  • ސީޝެލްސްގެ މާހޭގެ އަތިރިމަތީ ސަރަހައްދެއް

  • ސީޝެލްސްގެ ސަގާފީ ކެއުމެއް

  • ސީޝެލްސްގެ ވެރިރަށް ވިކްޓޯރިއާ

  • ސީޝެލް ކުދިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން: ސީޝެލް މީހުންނަށް ކިޔަނީ ސީޝަލްވާ

  • ސީޝެލްސްގެ ރަށެއްގެ ގޮނޑުދޮށް

ސީޝެލްސް: "ސިފަވެގެންދިޔައީ މީގެ އެތައް އަހަރެއް ކުރިން ރާއްޖެއިން ފެނުން ސާފުތާހިރުކަމާއި އަމާންކަން"

އިންޑިއާ ކަނޑުގައި އޮންނަ އެފްރިކާގެ ގައުމެއްގެ ގޮތުގައި ބަލާ، ސީޝެލްސްއަކީ އަޅުގަނޑުމެންގެ ރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ. މިހާރު އެގައުމަކީ ދިވެހިންނަށް އެހާ ފަރިތަ ގައުމަކަށް ނުވި ނަމަވެސް ޒާމާންތަކެއް ކުރިން އެގައުމަކީ ދިވެހިންނަށް އެނގޭ ގައުމެކެވެ. އަދި ބައެއް ދިވެހިން އަރުވާލާފައިވާ، ދިވެހިވަންތަ އެތައް ސިފަތަކެއް ފެންނަންހުރި ގުދުރަތީ ރީތި ގައުމެކެވެ.

ސީޝެލްސް އަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއް ނަމަވެސް ދެ ގައުމުގައި އެކުލެވޭ ގުދުރަތީ ސިފަތައް މުޅިއަކުން އެއްގޮތެއް ނޫނެވެ. ސީޝެލްސްއާ ރާއްޖެއާ އެންމެ ބޮޑު ތަފާތަކީ އެގައުމަކީ ފަރުބަދަމަތީ ރަށްތަކެއް އެކުލެވޭ ގައުމަކަށްވުމެވެ. ޖުމްލަ 115 ރަށް ސީޝެލްސްގައި އޮތް ނަމަވެސް މީހުން ދިރިއުޅެނީ މަދު ރަށެއްގަ އެވެ. މުޅި ގައުމުގައި ދިރިއުޅެނީ 92،000 މީހުންނެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން މީގެ އެތައް މިލިއަން އަހަރެއް ކުރިން ސީޝެލްސް އުފެދިފައި ވަނީ 42 ރަށް އެކުވެގެން ބޮޑު މާސިންގާ ރަށެއްގެ ގޮތުގަ އެވެ. ނަމަވެސް ކަނޑުގެލޮނުގަނޑު ބޮޑުވެ، ތިރިބިންތައް ފެނުއަޑިއަށް ގޮސް މިއަދު ފެންނަން ހުރި ރަށްތަކަކީ އުސްކޮށްހުރި ފަރުބަދަމަތީ ބައިތަކެވެ. ބުނެވޭ ގޮތުގައި ދުނިޔޭގެ ބައްރުތައް ވަކިވިއިރު އުފެދުނު ސީޝެލްސްގެ ރަށްތަކަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއްރަށްތަކެވެ.

 ރާއްޖޭގެ ރަށްތަކާ އަޅާބާލާއިރު ސީޝެލްސްގެ ގިނަ ރަށްތައް އުފެދިފައި ވަނީ އެއްރަށާއި އަނެއް ރަށް ވަރަށް ދުރުކޮށެވެ. މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށަކީ މާހޭ އެވެ. މާހޭގެ ދިގުމިނުގައި 26 ކިލޯމީޓަރު ހުންނައިރު، ފުޅާމިނުގައި 17 ކިލޯމީޓަރު ހުރެ އެވެ. އެ ގައުމުގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ މާހޭގައި އެވެ. މާހޭގައި 77،000 ވުރެ ގިނަ މީހުން އުޅެ އެވެ.

untitled-1

ރާއްޖެ ގޮތަށް ސީޝެލްސްއަށް ވެސް ކަނޑުފޭރޭ މީހުންގެ އުނދަގޫ ފޯރާފައިވާ ކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެ ގައުމުގައި މީހުން ދިރިއުޅެން ފަށާފައި ވަނީ 18 ވަނަ ގަރުނުގެ ފަހުކޮޅުގަ އެވެ. ބައެއް މީހުން ގަބޫލްކުރާ ގޮތުގައި އަދިވެސް އެގައުމުގެ ހޮހޮޅަތަކުގައި ފޮރުވިފައިވާ ހަޒާނާތައް ހުރެ އެވެ. މިފަދަ ވާހަކަތަކަކީ އަޅުގަނޑުމެންގެ ތާރީހުގެ ތެރެއަށް ފީނާލުމުން ވެސް ފެންނާނެ ވާހަކަތަކެކެވެ.

 ތާރީހީ ނަޒަރަކުން ބަލާލާއިރު، ސީޝެލްސްގައި މީހުން އާބާދުވެފައި ވަނީ 1756 ވަނަ އަހަރު އެވެ. އެންމެ ކުރީ ޒަމާނުގައި އެގައުމުގައި މީހުން ދިރިއުޅުން ތަންތަނުގެ ބައެއް ނިޝާންތައް މާހޭގެ އެތައް މިތަނުން އަދިވެސް ފެންނަން ހުރެ އެވެ. ރާއްޖެ ގޮތަށް ސީޝެލްސަށް ވެސް އިނގިރޭސީންގެ ސް އިސްތިއުމާރުގައި ދުވަސްތަކެއް ވެއަތުކުރަންޖެހުނެވެ. އިނގިރޭސި ވިލާތުގެ އަތްދަށުން ސީޝެލް މިނިވަންވެފައި ވަނީ 1976 ވަނަ އަހަރު އެވެ.

މާހޭގެ ވިކްޓޯރީއާއަކީ އެގައުމުގެ ވެރިރަށް ގޮތުގައި ބަލާ ސަރަހައްދެވެ. ވިކްޓޯރިޔާގައި ދިރިއުޅެނީ 26،450 މީހުންނެވެ. އެރަށަށް ނަންދީފައި ވަނީ އިނގިރޭސީންގެ އިސްތިއުމާރުގައި އިނގިރޭސި ރާނީ އަށް ނިސްބަތްކޮށެވެ. އެފްރިކާ ގައުމުތަކުގެ ތެރެއިން އެންމެ އާބާދީ ކުޑަ ގައުމުގެ ގޮތުގައި ސީޝެލްސް ގުނާއިރު، އެގައުމުގެ ވެރިރަށް ވިކްޓޯރީއާގެ ސަރަހައްދު އަޅުގަނޑުމެންގެ ވެރިރަށް މާލެ އަށްވުރުރެ ކުޑަ އެވެ.

ރާއްޖޭގެ ރަށްތަކާއި ސީޝެލްސްގެ ރަށްތަކާއި އަޅާކިޔާއިރު، މާހޭގަ އެކަނި ވެސް އެތައް ބައިވަރު ގޮނޑުދޮށްތަކެއް ހުރެ އެވެ. ބައެއް ސަރަހައްދުތަކުގައި ރީތި ދޮންވެލި ހުންނައިރު އަނެއްބައި ސަރަަހައްދުތަކުގައި ހުދުކަން މަޑުވެ، ރަތް ކަންވެސް އެކުލެވެ އެވެ. ރާއްޖެއާ އެއް މިންވަރަކަށް މޫދުގެ ކުޅިވަރުތައް ނެތް ނަމަވެސް ރާޅާ އެޅުމާއި ޖެޓްސްކީ ކުއްޔަށް ދިނުންފަދަ ވިޔަފާރިތައް ވެސް ކޮންމެ ވެސް ވަރަކަށް އެގައުގައި އޮވެ އެވެ. ފަތުރުވެރިންގެ މެދުގައި ޑައިވްކުރުމާއި ސްނޯކްލިންގް އޮންނައިރު، ޔޮޓް ފަހަރު ކުއްޔަށް ދޫކުރުމަކީ ވެސް ސީޝެލްސްގެ ރައްޔިތުން ކުރަމުން އަންނަ ވިޔަފާރިއެކެވެ.

އެގައުމުގައި މީހުން އާބާދުވެފައިވާ ގޮތަށްބަލާއިރު، އެކި ގައުމުތަކުން މީހުން އާބާދުވެފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނެ އެވެ. އެފްރިކާ ބައްރުގެ އެގައުމުގެ މިއަދުގެ ނަސްލަކީ ފްރާންސް މީހުންނާއި އެފްރިކާ މީހުން ކައިވެނިކޮށްގެން އުފެދިފައިވާ ނަސްލެކެވެ. އެގައުމުގެ މީހުން ބޭނުންކުރާ ބަހަށް ކިޔަނީ "ކްރްއޯލް" އެވެ. އަދި ސީޝަލް މީހުންނަށް ކިޔަނީ "ސީޝަލްވާ" އެވެ. ބައެއް މީހުން ބުނާ ގޮތުން ކްރެއޯލްއަކީ "ބްރޯކަން" ފްރެންޗް ބަހެވެ. ސީޝަލްވާ މީހުންނަށް ފްރާންސް ބަސް އަދި އިނގިރޭސީ ބަސްވެސް ވަރަށް ފަރިތަކޮށް އެނގެ އެވެ. އެމީހުންގެ ކެއުމަށް ކިޔަނީ "ކްރެއޯލް ކެއު" މެވެ.  ކްރެއޯލް ކެއުމަކީ ދިވެހި ކެއުމާއި ވަރަށް އެގޮތްކަމެއް ހުންނަ ކެއުމެކެވެ. ދިވެހި ރިހަތަކުގެ ރަހައާއި، ފެނުކެއްކި ބަނބުކޭލާއި ކައްޓަލައަކީ އެގައުމުގެ ސަގާފީ ކެއުމުގައި ހިމެނޭ އެއްޗިއްސެވެ.

sasff

ރާއްޖޭގެ ހައްދާ ބައެއް ގަސްގަހާގެހި އެގައުމުން ފެނުންނަމަވެސް ތަފާތު ކަމެއް ހުރެ އެވެ. އެގޮތުން އެންމެ ތަފާތު އެއްޗަކަށް ފެނުނީ އެގައުމުގެ ބަނބުކޭލެވެ. އެގައުމުގެ ބަނބުކެޔޮ ހުންނަނީ ދިވެހި ބަނބުކޭލަށް ވުރެ ވަށްކޮށެވެ. އަދި ރާއްޖޭގައި ހުންނަ އަނބުގައި ހުންނަ ފޮނިކަން އެގައުމުގެ އަނބުގައި ނުހުންކަމަށް އެގައުމުގައި ދިރިއުޅޭ ދިވެހިން ވަރަށް ފަހުރުވެރިކަމާ އެކު ކިޔައިދިނެވެ.

ދިވެހިން ގޮތަށް ސީޝެލްވާ މީހުން ވެސް މަސްވެރިކަންކޮށް އުޅެ އެވެ. މިއަދު ދިވެހިން ތިމާވެއްޓާ ރަހުމަތްތެރި މަސްވެރިކަމެއް ކުރިނަމަވެސް ކުރީ ޒަމާނުގައި ދިވެހިން ދާ އެޅިގޮތަށް ސީޝެލްސް މީހުން ވެސް ދާއަޅައިން މަސްހިފާ އުޅެ އެވެ. އަދި ދާއެޅުމުގައި ބައިވެރިވެރިވާ އެންމެނަށް ބައެއް އަޅަ އެވެ. މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ދާއެޅުމުގައި އޭރު އަމަލުކުރަމުން އައި ގޮތެވެ.

ރާއްޖެ  ގޮތަށް ސީޝެލްގައި ދޮންވެލި ގޮނޑުދޮށްތައް ހުރިނަމަވެސް އެގައުމުގެ ކަނޑުއަޑީގެ ރީތިކަން ރާއްޖެހާ ރީއްޗެއް ނޫނެވެ. އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ކަނޑުއަޑީގެ ޕްލެޓްފޯމް ގުޑައި ސީޝެލްސްގެ ކަނޑުގެ މުރަކައިގެ ދިރުން ވަނީ ވަރަށް ބޮޑަށް ހާލުކުވެފަ އެވެ. ދުރު ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް މުރަކަ ފެނުން ނަމަވެސް ފަޅުތެރޭގައި ހުއިފަޅާފައި ހުންނަ ސަރަހައްދުތައް ވަރަށް ގިނަ އެވެ.

ރާޅުބީއްސާ ހިސާބުގައި އެކި ޒާތްޒާތަށް ހުންނަ ބޮޑެތި ހިލަ ގާތަކުގެ ސަބަބުން އެގައުމުގެ ގޮނޑުދޮށްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. ރާއްޖެ ގޮތަށް ސީޝެލްސްއަކީ ގިނަ އަދަދަކަށް ވެލާ ބިސް އަޅާ މަންޒިލެކެވެ. އަދި އެގައުމުގައި އެއްގަމުގައި ދިރިއުޅޭ ޒާތުގެ ވެލާ ވެސް ދިރިއުޅެވެ. ފަރުބަދަމަތީ މިގައުމަކީ ފެހިކަން ބޮޑު، ދޫނީ ސޫފާސޫފިގެ ދިރުން ބޮޑު ގައުމެކެވެ. ނަމަވެސް ރާއްޖޭގެ ފަޒާއިން އިވޭ އެއް ދޫންޏެއްގެ އަޑު އެގައުމަކުން ނީވެ އެވެ. ސީޝެލްސަކީ އެއްގޮތަކަށް ވެސް ކާޅު އުޅޭ ގައުމެއް ނޫނެވެ. ސީޝެލްސްގެ ފަރުބަދަމަތީ ސަރަހައްދުތައް ލަންކާގެ ކެންޑީ ނޫނީ ނުވަރައްލިޔާއާ ވައްތަރު ނަމަވެސް ލަންކާގައި ދިރިއުޅޭ ބޮޑެތި ޖަނަވާރުތަކެއް އެގައުމުގައި ނޫޅެ އެެވެ. ޖަންގަލީގައި ދިރިއުޅެނީ މުސަޅުފަދަ ކުދި ޖަނަވާރުތަކެވެ. ރާމާމަކުނު ފަދަ ދިރުންތައް ސީޝެލްގައި ނޫޅެ އެވެ.

22222

ސީޝެލް މީހުންގެ ވައްޓަފާޅިއަށް ބަލާއިރު، އެގައުމުން ފާހަގަވި އެންމެ އާދަޔާހިލާފު ސިފައަކީ އެގައުމަކީ މީހުން ކައިވެނިކުރުމަށް އެހާ ބޮޑަށް ބާރު އަޅާ ގައުމެއް ނޫނެވެ. ސްކޫލްގައި ކިޔަވާ 13 އަހަރުގެ ކުދިންވެސް ދަރިން ހޯދައިގެން އުޅުމަކީ އެގައުމުގައި ވަރަށް އާންމު ކަމެކެވެ. އެމީހުންނަށް އެއީ ހަޑިކަމެއް ވެސް ނޫނެވެ. ސްކޫލަށް ކިޔަވަން ދަމުން ދަރިފުޅު ހަވާލުކުރަނީ މާމާއާ އެވެ. އެމީހުންނަށް މިއީ މައްސަލައެއް ނޫން ނަމަވެސް މީގެ ސަބަބުން ނޭދެވޭ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ނަސްލު އޮޅުމާއި ޖިންސީ އެކިބަލިތަކާއި އޭއިޑްސް ފަދަ ބަލިތައް ވެސް ގައުމުގެ ނިސްބަތުން ބޮޑެވެ.

ސީޝެލްސަށް ބަލާއިރު ގިނަ ދުވަސްތަކެއް އެގައުމުގެ މީހުން ދިރިއުޅެމުން އައީ ޒަމާނީ ތަރައްގީއާ ދުރުގަ އެވެ. މިސަބަބާ ހުރެ މިއަދު ވެސް ސީޝެލްގެ ރައްޔިތުން ލޯބިކުރަނީ ގުދުރަތީ ރީތި މާހައުލުގައި ގުދުރަތީ ވަސީލަތްތަކުގެ ފޮނި ލިބިގެން ދިރިއުޅުމަށެވެ. އެގައުމުގެ ރައްޔިތުންނަކީ މަޑުމައިތިރި ވަރަށް ސާފުތާރީހިރު ދިރިއުޅުމަކަށް ލޯބިކުރާ ބައެކެވެ. ގައުުމުގެ މަގުތަކަށް ދަޅު ފުޅި ފަދަ ކުނި އުކައެއް ނުޅެ އެވެ. މިއީ އަޅުގަނޑުމެންގެ ދިވެހިންގެ ކިބައިގައި ވެސް މީގެ ކުރިން ފެނުން ރީތި އާދެއެކެވެ. ޓްރެފިކް ބޮޑުވެ، މަގުގައި ތޮށް ޖެހުނު ނަމަވެސް ބަރުގޮނު އަޅާ އަޑެއް އެއްގޮތަކަށް ވެސް ނީވެ އެވެ. މަގުގެ ދެ ފަޅިން ދުއްވާއިރު، އެއްލޭނުން އަނެއް ލޭނަށް އަރައިގެން ބާރުބާރަށް ދުއްވާފައެއް ނޫޅެ އެވެ. އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް އެމީހުން ދޭ ސަމާލުކަން ދިވެހިންނަށްވުރެ އެތައް ގުނައެއް ރަނގަޅެވެ.

ޒަމާނީ ޑިމެކޮރަސީއެއް އޮތް ނަމަވެސް ސިޔާސީ ގޮތުން އެގައުމަކީ ހަލަބޮލި ގައުމެެއް ނޫނެވެ. ރައްޔިތުންގެ ކިބައިން ފެންނަނީ އެކުވެރިކަމާއި ރަނގަޅު މެހެމާންދާރީ އެކެވެ. މިއީ ޒަމާނުއްސުރެ، އަޅުގަނޑުމެން ދިވެހިންގައިން ފެނުނު ރީތި ގެއްލިފައިވާ އާދަތަކެކެވެ. އަހުވަންތަކަމާއި އިޖްތިމާއީ ގޮތުން އެކަކު އެނެކަކަށް އެހީވުމާއި އަހުވަންތަކަމުގެ ލޯތްބާއި ސާފުތާހިރު ކަމަކީ ދިވެހިން ދިވެހިންގެ ގޮތުގައި ކުރީގެ ލިއުންތެރިން ފާހަގަކޮށް، ތައުރީފު އޮށްސަމުން ގޮސްފައިވާ ކަންކަމެވެ. ނަމަވެސް މިއަދު ޒަމާން ބަދަލުވެ، ޒަމާނީ ކުލަވަރުގައި ދިވެހިން ޖެހި، ރީތި އާދަތައް ދޫކޮށްލައި، ހަލަބޮލި ކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިވެހި ރާއްޖޭގައި އުޅޭކަމީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭނެ ކަންތައްތަކެވެ. މިއަދު އަޅުގަނޑުމެން މިވަނީ ދިވެހިންގެ ކާބަފައިން ދޫކުރި ރިވެތި އާދަތައް އަލުން އަށަގަންނަވާ، ސީޝެލްސްގެ ރައްޔިތުން ކިބައިން ފިލާވަޅު ލިބި، ރީތީ އުސޫލުތަކުގައި ހިފާ، އެމީހުން ޒަމާނީ ޑިމޮކްރަސީގައި ދައްކަމުން އަންނަ ރީތި އާދަތައް ބަލައިގަނެ، އެގޮތަށް އަޅުގަނޑުމެން ހޭނުން މުހިއްމުވެފަ އެވެ. އޭރުން އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ އަހުވަންތަކަމާއި އިޖްތިމާއީ ފޭރާމުގެ ވަރުގަދަ ކަމާއި ހަމަހިމޭންކަމާއި ސާފުތާހިރު ގައުމެއްގެ ގޮތުގައި ރައްދުކުރުމަށް ފަސޭހަވެގެންދާނެ އެވެ.

 

ކިޔުންތެރިންގެ ކޮމެންޓް

  • ޒެނީTuesday 31st January 2017

    ވަރަށް ފުރިހަމަ :)

މި ލިޔުމަށް ކޮމެންޓްކުރަށްވާ