ނޫސްވެރިންނަށް ސަރުކާރުން ކުރިމަތިކުރާ ގޮންޖެހުންތައް ހުއްޓާލަން މައުމޫން ގޮވާލައްވައިފި

ނޫސްވެރިންނަށާއި މީޑިއާތަކަށް ސަރުކާރުން ކުރިމަތިކުރަމުންދާ ގޮންޖެހުންތައް ހުއްޓާލައި، މިނިވަންކަމާ އެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ގިނަ އަދަދެއްގެ ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބާރު އެޅުމުގައި އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރުމަށް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިކުރުވަމުންދާ ކަން ޕީޕީއެމްގެ މެމްބަރުން ކަންބޮޑުވުމާ އެކު ފާހަގަކުރާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެގޮތުން އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމަށް ގާނޫނު ހަދައި، ގާނޫނުއަސާސީގެ ބާރު ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުމޫން ތުހުމަތު ކުރެއްވި އެވެ.

"އަބުރާ ބެހުމުގެ ނަމުގައި ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު ލިބޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ ވަކި ބަޔަކު ހިންގަމުންދާ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ފޮރުވައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުން ކަމަށް ގަބޫލުކުރެވެ އެވެ،" މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރާއި އާދަމް ޒަރީރު ހައްޔަރުކޮށް ދައުވާ އުފުލީ ނޫސްވެރިންގެ ޒިންމާ އަދާކުރަނިކޮށެވެ.

މީގެ އިތުރުން އަބުރުގެ ގާނޫނުގެ ދަށުން "މިހާރު"ގެ ނޫސްވެރިޔާ ފަޒީނާ އަހުމަދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާއިރު، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މައުމޫން ވިދާޅުވީ މީހަކު ބުނި އެއްޗެއް ބުނި ގޮތަކަށް ރިޕޯޓު ކުރުމަކުން ފަޒީނާއަށާއި މީޑިއާ އަށް އަދަބު ލިބެން ނުޖެހޭނެ ކަމަށެވެ.

"އެހެންކަމުން ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލަމެވެ. ނޫސްވެރިކަމަށް އަނދިރި ދުވަސްތަކެއް ކުރިމަތިވެފައިވާކަމީ ހުރިހާ ރައްޔިތުންނާއި ޕީޕީއެމް މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ،" މައުމޫން ވިދާޅުވި އެވެ.

ހަމައެއާއެކު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ އަށް ވީނުވީއެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަރަށް މަސައްކަތް ކުރަމުން ނުދާތީ މައުމޫން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެހެންވެ މައުމޫން ވަނީ މިނިވަންކަމާއެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދީ ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާ އިންޒާރުތައް ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ