ޕާޓީ ހިންގަން ބޭނުންވާ ލިޔެކިޔުންތަކެއް ނުލިބުނު، އެތަކެތި ހޯދުމަށް މައްސަލަ ފުލުހަށް ހުށަހަޅައިފިން: ޔާމީން ފެކްޝަން

ޕީޕީއެމްގެ އޮފީސް ހިންގަމުންދިިޔަ މާރާތުގެ ތަޅު ހަލާކުކޮށްލައި އެ އިމާރާތުގައި ހުރި ހުރިހާ ލިޔެކިޔުމަކާއި، މުދަލެއް ނެރުނު ނަމަވެސް ޕާޓީ ހިންގުމަށް ބޭނުންވާ މުހިންމު ލިޔެކިޔުންތައް ލިބިފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބުނެފިއެވެ.

ޕާޓީގެ މުސްތަޝާރު ޔާމީންގެ ފެކްޝަނުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ފެކްޝަންގެ ތަރުޒަމާން އަލީ އާރިފް ވިދާޅުވީ ކޯޓު އަމުރާއި އެއްގޮތަށް ޕާޓީ ހިންގުމަށް މުސްތަޝާރު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެގޮތުން ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީ ހިންގުމަށް ބޭނުންވާ ލިޔެކިޔުންތަކާއި، ޕާޓީގެ މުދާ ހޯދުމަށް ޕާޓީގެ ރައީސްގެ ކިބައިން ވަރަށް ގިނައިން އެދުނު ކަމަށެވެ. ނަމަވެސް އެ ތަކެތި ހަވާލުކުރުމަށް ޕާޓީގެ ރައީސް އިންކާރުކުރެއްވުމުން، ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެ މަތިން ތަޅު ހަލާކުކޮށްލުމަށް ފަހު ޕާޓީ އޮފީހަށް ވަނުމަށް މަޖުބޫރުވީ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

އަލީ އާރިފް އެހެން ވިދާޅުވި ނަމަވެސް ޕީޕީއެމް އޮފީހުގެ ތަޅު ހަލާކުކޮށްލައި މުދާ ނެރުމުގެ އަމުރެއް ސިވިލް ކޯޓުން ރައީސް ޔާމީން ފެކްޝަނަށް ދީފައިވާކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގަ މިހާތަނަށް ސިވިލް ކޯޓުން ނެރެފައިވަނީ 24 ގަޑިއިރުގެ ތެރޭގައި މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބޭއްވުމުގެ އަމުރެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކޮށްފައި ވަނީ އެ އަމުރެއެވެ. މުދަލާ ގުޅޭ އަމުރެއް ނެރެފައެއް ނުވެއެވެ.

ނަމަވެސް އަލީ އާރިފް ވިދާޅުވީ ފުލުހުންގެ ހާޒިރުގައި ޕާޓީ އޮފީހުގެ ހުރި މުދާތައް ނެރުނީ ޕާޓީ ހިންގުމަށް ކޯޓު އަމުރުގައި މުސްތަޝާރަށް އަންގާފައިވާތީ ކަމަށެވެ. އަދި އެތަކެތި ގެންގޮސް ބެލިއިރު، ޕާޓީ ހިންގުމަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ޕާޓީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ފެކްޝަނުން ހިންގާފައިވަނީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.

"ޕާޓީގެ އޮފީހުގައި ހުރި ހުރިހާ ކޮމްޕއިޓަރެއްގެ ކަހަލަގެ ގޮތަށް ހާޑް ޑިސްކްތައް ހުރީ ނަގާފައި. ހާޑް ޑިސްކެއް ނެތް. ދެން ހުރި ހާޑް ޑިސްކެއްގައިވެސް ހުރިއްޔާ ހުރި އެއްޗެއް ފޯމެޓްކޮށްލާފަ. ޕާޓީގެ ޑާޓާ ބޭސްއެއް ނެތް. އެހެންވީމަ ޕާޓީގެ ވަރަށް ގިނަ ލިޔެކިޔުންތަކެއް ގެއްލިގެންގޮސްފައި މި ވަނީ،" އަލީ އާރިފް ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވީ ޕާޓީގެ މުދަލުގެ ތެރެއިން އެ ފަރާތްތަކާއި ހަވާލުކޮށްފައިވާ ތަކެތި ނޭނގި ނެރިފައިވާތީ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ އެއީ ޕާޓީގެ އާންމު މެމްބަރުންގެ ހައްޤަކަށްވާތީ ކަމަށް އަލީ އަރީފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ