އަސްލު ޕީޕީއެމް ދެއްކުމަށް ރައީސް ޔާމީން ފެކްޝަނުން "އަސްލު" ޖަލްސާ ބާއްވަނީ

ދެ ފަޅިކޮށްފައިވާ ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މި ޖަލްސާ ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރަމުން ދަނީ ޕީޕީއެމްގެ "އަސްލު" ޖަލްސާގެ ނަމުގަ އެވެ.

އަހަރީ ދުވަހުގެ ޖަލްސާ ބޭއްވުމާ ގުޅޭގޮތުން ކެބިނެޓުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލް މެމްބަރުން މިއަދު ވަނީ މުލިއާގޭގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގެ ތަފްސީލުތަކެއް އަދި އާއްމެއް ނުކުރެ އެވެ.

ރައީސް ޔާމީން ފެކްޝަނުން ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ތައްޔާރީތައް ވަމުން އަންނައިރު، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުން ބާއްވަން އުޅުނު ޖަލްސާއަށް ވަނީ ހުރަސްއަޅައިފަ އެވެ.

ޖަލްސާ ބާއްވަން އެންމެ ފުރަތަމަ އެ ފެކްޝަނުން އެދުނީ ދަރުބާރުގެ ދޫކޮށް ދިނުމަށެވެ. އެތަން ދޫކުރަން އެއްބަސްވެ ހައުސިން މިނިސްޓްރީން ފައިސާ ބަލައިގަތް ނަމަވެސް ފަހު ވަގުތު ވަނީ ޖަލްސާ އަށް ދަރުބާރުގެ ދޫކުރަން ދެކޮޅު ހަދައިފަ އެވެ. އެހެންވެ ޕާޓީގެ ރަސްމީ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާ ބާއްވަން އުޅުމުން ވެސް ފުލުހުން މެދުވެރިކޮށް ވަނީ ޖަލްސާ ހުއްޓުވައިފަ އެވެ.

މި ހުރަސްތަކާ އެކު ވެސް މައުމޫން ވަނީ ޝީ ބިލްޑިންގުގައި ބޭއްވި ހަފުލާއެއްގައި، ފަސް ވަނަ އަހަރީ ދުވަހުގެ ކޭކު ފަޅުއްވައިފަ އެވެ. ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން ވެސް މައުމޫން އިއުލާންކުރެއްވީ އެ ހަފުލާގަ އެވެ.

ޕީޕީއެމްގައި ރައީސް މައުމޫން އަދާކުރެއްވި ޒިންމާތައް ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުންނެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރުމާ އެކު ޔާމީން ފެކްޝަނުން ވަނީ ޕާޓީގެ ރަސްމީ އޮފީހުގައި ހުރި މުދަލާއި ލިޔެކިޔުންތައް ވެސް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ