ބައްޕާފުޅު ދޫކޮށް ޤައްސާން މައުމޫނު، ރައީސް ޔާމީންގެ ފަހަތުގައި! ސިއްރަކީ ކޮބާ؟

ބައްޕާފުޅު، ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ދޫކުރައްވައި ޤައްސާން މައުމޫނު، ރައީސް އަބްދުﷲ ޔާމީންގެ ފަހަތަށް އަރައިވަޑައިގެންފި އެވެ.

ބައްޕާފުޅު، ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ކުރިއަށްގެންދެވިއިރު، ރައީސް އަބްދުﷲ ޔާމީންވެސް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ކުރިއަށްގެންދެވި އެވެ. ނަމަވެސް ބައްޕާފުޅު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތް، ޤައްސާން މައުމޫނު ބައިވެރިވެވަޑައިގެންނެވީ، ރައީސް އަބްދުﷲ ޔާމީން ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

ޕީޕީއެމް ދެ ފަޅިކޮށް، ވަކިވަކިން ކައުންސިލް ބާއްވަމުންދާއިރު، މީގެކުރިން ދެ ކައުންސިލްގެ ބައްދަލުވުންތަކުގައި ވެސް ޣައްސާން ބައިވެރިވެވަޑައިގަންނަވަ އެވެ. އެހެންވެ ބައްޕާފުޅާއި ބޭބޭފުޅުގެ ހިޔާލު ތަފާތުވުންތަކުގައި، އޭނާ ހުންނެވީ ކޮން ފަޅިއެއްގައިތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ނަމަވެސް އެ ސުވާލުތަކުގެ ޖަވާބު ލިބިގެންގޮސްފައިވާއިރު، ޤައްސާން ހުންނެވީ ރައީސް ޔީމީންގެ ފަހަތުގަ އެވެ.

ޕީޕީއެމް ދެ ފަޅިކޮށް ހިންގަން ފެށި ފަހުން، ދަރުބާރުގޭޣައި ބޭއްވި ހަފުލާއެއްގައި ޣައްސާނަކީ ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ވަނީ ތައުރީފް ކުރައްވައިފަ އެވެ. ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް އިންތިހާބުގައި "ކޮންމެވެސް ރަނގަޅު ދާއިރާއަކުން ޣައްސާން މަޖިލީހަށް އެތެރެ ކުރާނަން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވުމާ އެކު، ތުލުސްދޫ ދާއިރާ އަށް ޣައްސާން ހޮވުމުގެ ކެމްޕޭން، ރައީސް ޔާމީން ފެކްޝަނުން ވަނީ ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި އެ ކެމްޕޭން ކުރިއަށް އެބަގެންދެ އެވެ.

ނަމަވެސް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ގަބޫލުކުރާގޮތުގައި، ޤައްސާން މައުމޫނު ބައްޕާފުޅާއި ދެކޮޅަށް މަސައްކަތްކުރައްވަނީ އިތުރުގޮތެއް ނެތިގެންނެވެ. އެގޮތުން ޤައްސާން މައުމޫނުވެސް ހުންނެވީ "ނަގޫ ފިތިފައި" ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އެ ވާހަކަތަކަށް ބާރުލިބިދޭ ކަމަކީ، އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކއިުމެންޓްރީ އެވެ. އެ ޑޮކިއުމެންޓްރީގައިވެސް ޤައްސާންގެ ނަން ހިމެނިގެންދާއިރު، އެ ހިޔާނާތުގައި އޭނާ ބައިވެރިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ