އަހަރެންގެ ގަލަމުން: މަފާޒަކީ ދެވަނައެއް ނެތް ފަދަ "ރަހުމަތްތެރިއެއް"

ސ. މަރަދޫ ހުދުރިހި، އަހުމަދު މަފާޒު ނިޔާވެފައި ވަނީ އުމުރުން 27 އަހަރުގައި، ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ރޭ މެންދަމު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަހު އެވެ. ބައެއް ފަރާތްތަކަށް އެނގިގެން ގޮސްފައިވާ ގޮތާ އަހަރެން މަފާޒު ދަންނަ ގޮތް ވަރަށް ވެސް ތަފާތެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް އޭނާ ސިފަކުރި ނަމަވެސް އަހަރެންގެ ހަޔާތުގައި ދިމާވި ރަހުމަތްތެރިންގެ ތެރެއިން މަފާޒަކީ އެފަދެއް ނެތް ފަދަ ރަހުމަތްތެރި އެކެވެ. އަދި އެފަދަ ރަހުމަތްތެރިއަކާ ބެހޭ ގޮތުން، އެހެން މީހުންނަށް ނޭނގޭ ސިފަތަކުގެ ވާހަކަތައް އަހަރެންގެ ފަރާތުން އެހެން ބަޔަކަށް އަންގައިދިނުމަކީ މަފާޒުގެ ރަހުމްތެރިޔަކަށް ވީހިނދު، އޭނާގެ ރަހުމަތްތެރިކަމުގެ އަގުވަޒަން ކުރުމަށް ލިބޭ ވަރަށް ވެސް ކުޑަ ފުރުސަތަކެވެ.

ކުޑައިރު މާލޭގައި ކިޔެވުމަށް ފަހު، ރަށަށް ދިރިއުޅުން ބަދަލުކޮށް، އަނެއްކާ ކިޔެވުމަށް މާލެ އަށް ދިރިއުޅުން ބަދަލުކުރުންވީ މުޅިން ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަކެވެ. ދޭތެރެ ދޭތެރެއިން މާލެ އައިނަމަވެސް މައިންބަފައިންނާ ދުރަށް، ގިނަ ދުވަސްތަކަކަށް ދިރިއުޅުން ބަދަލުކުރަން ޖެހުމުން ވަރަށް ފުންކޮށް ވިސްނަންޖެހުނެވެ. ސަބަބަކީ އަހަންނަކީ މަންމައާ ނުލާ އުޅެން އުނދަގޫ ކުއްޖަކަށް ވުމެވެ. ރަށުގައި ނިދަނީ އަމިއްލަ ކޮޓަރީގަ އަމިއްލަ އެނދުގަ އެވެ. މާލެ އައިސް ނިދަން ޖެހުނީ ތަޅުންގަނޑުމަތީ ގޮދަޑި އަޅައިގެންނެވެ. ފާހަނައަށް ވަންނަން ޖެހެނީ ކިއުގައި ޖެހިގެންނެވެ. ގްރޭޑް 10 ނިމެންދެންހެން ގިނަ ފަހަރު ކައި އުޅުނީ މަންމަ އަތުން ލައިވައިދިނީމަ އެވެ. ބަތް ނުކާތީ މަންމަ އަބަދު ވެސް އަހަންނަށް ކާއެއްޗެހި ތައްޔާރު ކުރަނީ ވަކިންނެވެ. މަންމައާ ނުލާ ތަނަކަށް ދަތުރު ނުކުރެވޭއިރު، ގެއިން ބޭރަށް ނިކުމެ ބައިގަޑިއިރުވާއިރު، މަންމަ ހޯދަން އަންނާނެ އެވެ. ކިޔަވަން ފިލާވަޅު ދަސްކުރަން އަހަރެން ހޭލާހުންނަންޏާ، މަންމަ ހުންނަނީ ހޭލަ އެވެ.

ބައްޕައަކީ އޭރު ބޯޓު ދަތުރުކުރާ މީހެއް ކަމުން ބައްޕަ ފެންނަނީ އަހަރު އެއްފަހަރު އެވެ. އެހެންވެ ކުރުގޮތަކަށް ބުނަންޏާ، އަހަންނަށް މަންމައާ ނުލާ އުޅެން ޖެހުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި މަންމައާ ވަކިން އެގޮތަށް ކިޔަވަން މާލެ އަށް ފޮނުވަން ޖެހުމަކީ މަންމަ އަށް ވަރަށް އުނދަގޫ ކަމަކަށްވާނެކަން ޔަގީނެވެ. ސަބަބަކީ އަހަންނަކީ މަންމަގެ ލޮލުގެ ކޮއެހެން ގެންގުޅުނު ދަރިއަކަށްވުމެވެ.

މަންމަ އަހަރެން ތަރުބިއްޔަތު ކޮށްފައިވަނީ ދަނޑިމާރު އަޅައި، ވަރަށް ގިނައިން ނަސޭހަތްލައިދީ ގެނެވެ. މަންމަ ދެކެ އޭރު ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. މި ސަބަބުތަކާ ހުރެ ރަށުގައި އުޅުނުއިރު، ގިނަވަގުތު ހޭދަވަނީ ގޭގަ އެވެ. މާގިނަ ރަހުމަތްތެރިތަކެއް ނުތިބެއެވެ. އޭރު އަހަރުމެން ރަށަކީ މަސްތުވާތަކެތީގެ ވަބާ، އިންތިހާ އަށް އޮތް ރަށަކަށްވުމުން ކޮންމެ ކޮންމެ ރަހުމަތްތެރިއަކާ މެދު މަންމަ ހިތްހަމައެއް ނުޖެހެއެވެ. އަދި ރަހުމަތްތެރިންނާ އެއްކޮށް ހުއްޓާ މަންމަ ހޯދަން އައުމުން އެމީހުން އަހަންނާ މަލާމާތްކުރާތީ މަންމަ މާދުރުން ފެންނައިރަށް އަވަހަށް ކޮންމެ ވެސް ބަހާނައެއް ދައްކާ މަންމަ އެތަނަށް އައުމުގެ ކުރިން ގެއަށްދާން ހިނގައިގަންނަމެވެ.

މާލެ އައި ސް ހުރީ މަންމަ އެއްބަނޑު ކޮއްކޮގެ ފިރިމީހާގޭގަ އެވެ. އަހަރެން ކިޔަވަންއައުމުގެ ކުރިން އަހަންނަށް ވުރެ ދެ އަހަރު ދޮށީ ބޭބެވެސް ހުރީ މާލޭގައި ކިޔަވާށެވެ. އެހެންވެ، އެހާބޮޑަށް މާލޭގައި ފޫހިނުވާނެކަން ޔަގީންވި އެވެ. ދައްތަ އަހަންނަށް ވަރަށް ރަނގަޅެވެ. ގޭގެ ރޮށިނުފިހަންޏާ ހޮޓަލުން ރޮށިގަންނަން ލާރި ދެއެވެ. އެހެންވެ، ކެއުމުގެ ކަންކަމާ މާބޮޑަކަށް ވިސްނާކަށް ނުޖެހުނެވެ.

11

ރަށަށް ވުރެ، އުޅެންޖެހުނު ތަންކޮޅު ކުޑަވިނަމަވެސް އެކަންކަމަށް ހޭނި ރަށަށްވުރެ، މާލޭއަށް ހިތްޖެހިއްޖެ އެވެ. ރަށު ސްކޫލްގައި ކިޔެވި ދުވަސްވަރު، އަހަންނަކީ ކިޔެވުމަށް މާބޮޑު ސަމާލުކަމެއް ދިން ކުއްޖެއް ނޫނެވެ. އެހެންވެ، ދައްތަ އަހަރެން ކިޔަވަން ވެއްދީ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) އަށެވެ. އެމްއީއެސް އަށް އަހަރެން ކިޔަވަން ވަނީ އޯލެވަލްގައި ފާސްނުވި، މާއްދާތަކުން ފާސްވުމަށް އިތުރަށް ކިޔެވުމަށެވެ. އެއީ 2004 ވަނަ އަހަރެވެ.

ކްލާސްރޫމް ކައިރިއަށް ގޮސް ސަލާމް ގޮވާލުމުން ޓީޗަރު ސަލާމް ބަލައިގަތެވެ. ކްލާހަށް ބަލާލިއިރު، ފެނުނީ ރަށު ސްކޫލާ މުޅިން ތަފާތު މަންޒެރެކެވެ. އެކިއުމުރުފުރައިގެ ކުދިން ތިބިއިރު، އަހަންނަށްވުރެ، އެތައް އުމުރެއް ދޮށީ ކުދިންވެސް ތިއްބެވެ. މުޅި ކްލާސްރޫމަށް ނަޒަރު ހިންގާލީ އިށީންނާނެ ތަނަކާދޭތެރޭ އެވެ. ކްލާހަށް ވަދުމާއެކު ކުއްޖަކު މާދުރުން އިޝާރާތްކޮށް، އޭނާ ކައިރީ ހުރި ހުސްގޮނޑި ދައްކާލި އެވެ. މަފާޒުއާ އަހަންނާ ދިމާވި އެއީ ފުރަތަމަ ދުވަހެވެ. އެދުވަހަށް ފަހު އަހަރެމެން ދެމީހުންގެ ދެމެދުގައި ވަރަށް ގާތް ރަހުމަތްތެރި ކަމުގެ ގުޅުމެއް އުފެދުނެވެ. އެދުވަހު އަހަންނަށް މަފާޒު މަފާއަށްވި އެވެ. އަދި ހަގީގީ ރަހުމަތްތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ގިނަ ސިފަތަކެއް އަހަންނަށް އޭނާގެ ކިބައިން ފެނި ދަސްވި އެވެ.

މަފާ އަކީ ރަހުމަތްތެރިންނަށް ބަލާ ވަރަށް ހިތްހެޔޮ މީހެކެވެ. އޭނަގެ ފާހަގަކުރެވޭ އެންމެ މަޖާ ސިފައަކީ އެނައަކީ އެހާ އަތްވަށް ނުކުންނަ ހިތްވާ މީހެއް ނޫނެވެ. ނަމަވެސް އަހަންނާ ދިމާވި ފުރަތަމަ ދުވަސްކޮޅު މަފާ ބަލާ ގެއަށް ދިއުމުން ވަރަށް ގިނައިން އެންމެ އަވިބާރު ގަޑީގައި ވެސް ބޭރަށް ނުކުމެ އުޅެ އެވެ. އެކަމަކު އެއް ކަމެއް އަބަދު ވެސް ފާހާގަވެ އެވެ. އޭނަ އަބަދު ވެސް ހިނގާނީ ބިލްޑިންގ ތަކުގެ ހިޔަލުންނެވެ. ހިޔާކޮޅެއް ކިރިޔާވެސް އިނިއްޔާ އެދިމާލުން ނޫނީ އޭނާ ނުހިނގާނެ އެވެ. ބައެއް ފަހަރު މަގުގައި އަހަރެން ހިނގާފަޅި ނޫން އަނެއް ފަޅިން ވެސް އޭނާ ހިނގާފާނެ އެވެ. މާދުރުން ހިނގާތީ އެއްބައި ފަހަރު އޭނާ ކޮނޑަށް އަތްލައިގެން ގެނެސް ކައިރީގައި ވެސް ބަހައްޓަމެވެ. މިކަމެއް ކޮންމެ ދުވަހަކުހެން ތަކުރާރުވާތީ އަހަރެން އޭނަ ކައިރީ ފާރުބުޑުން ހިނގަނީ ކީއްވެތޯ ސުވާލުުކުރީމެވެ. ޖަވާބުގައި ބުނީ މެންދުރު ގަޑީ އޭނާ އެހާ ގިނައިން ބޭރަށް ނުނިކުންނަ ވާހަކަ އެވެ. އަތްވަށް ނުކުތުމުން ހަންގަނޑު ކަޅުވެދާނެތީ އެވެ. އެކަމަކު އަހަރެން ބުނާތީ އަހަންނާއެކު ދަނީ އެވެ. މަފާ ދުވަހަކު ވެސް އެކަމާ ޝަކުވާއެއް ނުކުރެ އެވެ. އެ ދުވަހަށް ފަހު ކޮންމެހެން ދާންޖެހޭތަކަށް ނޫނީ އޭނާ ގޮވައިން އަތްވަކަށް އަހަރެން ނުނިކުންނަމެވެ. އަބަދުވެސް އޭނާ އަކީ ވަރަށް ރީތިކަމަށް ލޯބި ކުރާ މީހެކެވެ. ހެދުން އެޅުމުގެ ވައްޓަފާޅި އަށް ބެލިނަމަވެސް އޭނާގެ ރަހަ ވަރަށް ތަފާތެވެ. ޖިމްއަށްދާއިރުލާ ޒާތުގެ ޓްރެކް ސޫޓް ފަދަ އެއްޗެހި އޭރު ލާ އުޅުނީ އާންމުކޮށް، އަންހެނުންނެވެ. މަފާ ވަރަށް ގިނައިން އޭނާ މަންމަގެ އެފަދަ ޓްރެކްސޫޓް އެއްޗެހި ލާ އުޅުނު އެވެ. އޭނާގެ ފެޝަން "ޓޭސްޓް" ހަމަ އެހާ ވެސް ތަފާތެވެ. ޒަމާން ބަދަލުވެ، މިހާރު މިވަނީ އެއީ ފިރިހެނުންނަށް ހާއްސަ ފެޝަނަކަށް ބަދަލުވެފަ އެވެ.

14686063_10153743657662131_1075741568_n

މަފާ މަންމަ އަކީ އުމަރަށް ވުރެ، ވަރަށް ޒުވާންކޮށް ހުންނަ އަންހެނެކެވެ. ބެލެނިވެރިންގެ ބައްދަލުވުމަށް އޭނާ މަންމަ އަންނަ ކޮންމެ ފަހަރަކު ކްލާސް ކުދިން މަފާއަށް  ތައުރީފުގެ ބަސްތައް ބަނޑުންކޮށްލަ އެވެ. އެއީ އޭނާގެ މަންމަ ދައްތައެއްހާ ޅަކަމަށް ދައްކާތީ އެވެ. މަފާ ކުޑައިރު މަފާ މަންމައާއި ބައްޕަގެ ކައިވެނި ވަނީ ރޫޅިފަ އެވެ. އޭނާ އުޅެ ބޮޑުވީ މަންމައާ އެކު އެވެ. މަފާ އެކޭ އެއްގޮތަށް އޭނާ މަންމަ ވެސް އަހަންނަށް ވަރަށް ރަނގަޅެވެ. އެ ގެއަށްދާ ކޮންމެ ގަޑިއަކު ވެސް ވަދެވޭ ރަހުމަތްތެރިންގެ ލިސްޓްގައި އަހަރެން ހިމެނޭތީ އެވެ. އަބަދު ވެސް މަފާ މަންމަ އަހަރެން ކައިރީ އޭނާ ކިޔަވާތޯ ނަސޭހަތްލައިދުނުމަށް ވަރަށް ގިނައިން ބުނާނެ އެވެ. އެކަމަކު އޭނާ އަކީ އެހާ ކިޔަވާ ހިތްވާ ކުއްޖެއް ނޫނެވެ.

ސްކޫލްގައި އުޅުނުއިރު ވެސް ވަރަށް ގިނަ ކުދިން މަފާ ދެކެ ބިރުގަންނާނެ އެވެ. އަހަރުމެން ކްލާހަކީ މުޅި ސްކޫލްގެ މައްސަލަތައް ބަލާ ކްލާހެވެ. އެކިތަންތަނުން އައިސްތިބި ހުރިހާ ލާނަތް ކުދިން ކްލާހުގައި ގިނަވީމެވެ. ތަފާތު އެކި މައްސަލަތައް އަންނައިރު ތަކުރާރުކޮށް އަންނަ މައްސަލަތައް ވެސް މަދެއް ނޫނެވެ. މައްސަލަތައް އަޑުއެހުމުގެ ޒިންމާ އޮންނަނީ އަހަރެންގެ ބޮލުގައި އެޅިފަ އެވެ. ސަބަބަކީ މީހުންގެ ވާހަކަތައް އަޑުއަހާ މީހަކަށް އަހަރެން ވުމެވެ. ބައެއް ކުދިންގެ މައްސަލަތައް ގިނަވުމުން އެމީހުންނަކީ ތަކުރާރުކޮށް ކަންކަންކުރާ ބައެއް ކަމަށް ބަލާ އެމީހުންގެ މައްސަލަތައް ނުބެލުމަށް ވެސް ނިންމާފައި ހުންނާނެ އެވެ. މިސަބަބާ ހުރެ އިންޓަވަލް ގަޑީ އަތުން ގިނަ ފަހަރަށް ހަރަދުކުރަން ވެސް ނުޖެހެ އެވެ. އިންޓަވަލް ގަޑީ އަހަންނާ މަފާ ފެނިއްޖެނަމަ ބައެއް ކުދިން ކާންހުންނަ އެޕޯލޯގެ އަނެއް ބުރި ނަމަވެސް ދިއްކޮށްލާނެ އެވެ. އަދި ފެންބޯން ގޮސްތިބޭއިރު ކިތަންމެ ބޮޑު ކިއުއެއް އޮތް ނަމަވެސް އަހަރުމެން ފެންބުއިމަށް އެމީހުން ތަންދޭނެވެ އެވެ.

ޖީބުން ގިނަ ފަހަރަށް ހަރަދު ކުރަން ނުޖެހުމުން ކޮފީތަކަށް ދިއުމަށް ފުދޭވަރަކަށް ލާރި އޭރު ވެސް އަތުގައި ހުރެ އެވެ. "ޕޮކެޓް މަނީއެއްގެ" ގޮތުގައި ކޮންމެ މަހަކު 500 ރުފިޔާ އެލަވަންސެއް އޭރު ބައްޕަ އަހަންނަށް ދޭތިވެ، ލާރިއަކަށް އެއްވެސް ގޮތަކަށް ދައްޗެއްނޫނެވެ. ބައެއް ރަހުމަތްތެރިންނަކީ ފައިސާ ހުންނަ މީހެއްނަމަ އެމީހަކާ އެއްކޮށް އުޅެން ބޭނުންވާ އެމީހެއްގެ ފަރާތުން ފައިދާ ހޯދަން އުޅޭނެ މީހުންނެވެ. މަފާގެ ރަނގަޅު ސިފައަކީ އަހަރެން އަތުގައި ކިތަންމެ ލާރިއެއް ހުއްޓަސް އަހަރެން ރެސްޓޯރަންޓަކަށްދާން ނުބުނަނީސް ގިނަ ފަހަރަށް އޭނާ ނުދާނެ އެވެ. އަދި އަހަރެން އަތުގައި ލާރިހުރިނަމަވެސް މަފާ އޭނާ އަތުގައި ފައިސާ ހުރިއްޔާ ބިލްދައްކާނެ އެވެ. އަދި ފައިސާގެ ކަމަކު ދުވަހަކު ވެސް އޭނާ އެދުނު ހަނދާނެއް އަހަރެންނެތެވެ.

އަަހަންނަކީ ވަރަށް ގިނައިން ކޮފީ ބޯ މީހެކެވެ. ނަމަވެސް އެކީގައި އުޅުން އެހެން ކުދިންނާ ހިލާފަށް އަހަރެން ބޮނީ ކަޅު ކޮފީ އެވެ. އެކުގައި ކޮފީތަކަށްދާ ބައެއް ރަހުމަތްތެރިން އަހަންނާ މަލާމަތްކުރާ އެއްސަަބަބު އޮވެ އެވެ. އެއީ ކޮފީއާއެކު އަހަރެން ސިނގިރޭޓް ނުބޯތީ އެވެ. ބައެއް ފަހަރު ސިނގިރޭޓް ނުބޯތީ އަހަރެންމީ ފިރިހެންނަކަށްނުވާ ފިރިހެނެއް ކަމަށް ބުނެ މަލާމަތްކުރާ ފަހަރުވެސް އާދެ އެވެ. އެފަދަ ބަހެއް މީހަކު އެއްލާ ކޮންމެ ފަހަރަކު އަހަރެން އެއަށް ރައްދުދިނުމުގެ ކުރިން މަފާ އަހަރެންގެ ދިފާއުގައި ތެދުވާނެ އެވެ. "ކޮންމެހެން އޭނާ ހަލާކުކުރާކަށް އުޅޭނެ ކަމެއް ނެތް" މިއީ އެފަދަ ދަނޑިވަޅުތަކުގައި މަފާ އަނގައިން އެންމެ ގިނައިން ނުކުންނަ އެއްއިބާރަތްކޮޅެވެ. މިސަބަބާ ހުރެ ސިނގިރޭޓް ނުބޯން އަހަރެން ކަނޑައަޅައިން ހުރި އަޒުމްގައި ހުރުމަށް ޒުވާން ދުވަސްވަރުގައި އެންމެ ބޮޑަށް ހިތްވަރު ލިބުނީ މަފާގެ ފުށުންނެވެ. އޭނާ އަހަރެންގެ ދިފާއުގައި ވާހަކަ އެދުވަހު ނުދެއްކިނަމަ މީހުންގެ މަލާމާތުން ސަލާމަތްވުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށް އަހަރެން ބަދަލުވާން ލަހެއް ނުވީހެވެ. މަފާގެ އަނެއް ރަނގަޅު ސިފައަކީ އެނާ ސިނގިރޭޓްބޯއިރު ވެސް އަބަދު ވެސް އަހަންނާ ދިމާލަށް ދުންނުބުރާނެ ގޮތަކަށް ވަރަށް ބަލާނެ އެވެ.

ބަޔަކު ނުބައިކަމެެއް ކުރިޔަސް އެތަނުގައި އަހަރެން ފެންނަން ހުރިއްޔާ އަވަސް އަވަހަށް މަފާ އަހަރެން އެތަނުން ފޮނުވާލާނެ އެވެ. އެއްބަނޑު އެއްބަފާ މީހަކަށް ބަލާ ފަދައިން އޭނާ އަބަދު ވެސް އަހަންނަށް ބެލި އެވެ.

ނަސޭހަތްދިނުމަކީ އެއީ އޭނާ އެހާ ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް އަބަދު ވެސް އޭނާ އަށް ނަސޭހަތްލައިދިނުމަކީ އަހަރެންގެ އާދެ އެކެވެ. ކިތަންމެ ހިތްހަމަ ނުޖެހޭ ވާހަކައެއް ދެއްކިއަސް އޭނާ އަހާނެ އެވެ. ބޮލަށް ތުރާވެގެން ނޫޅެނެ އެެވެ. އަދި އެއީ ރަނގަޅު ވާހަކަތަކެއްކަން އަމަލު ނުކުރެވުން ނަމަވެސް އޭނާ ގަބޫލްކުރާނެ އެވެ.

މަފާއާ އަހަންނާ ބައްދަލުވީ ގްރޭޑް އަށެއްގަ އެވެ. ކަންދިމާކުރި ގޮތުން އަހަރުމެން ދެމީހުންނަށް އެކީގައި އެއްކުލާހެއްގައި އުޅެވުނީ އެންމެ އަހަރަކު އެވެ. ސްކޫލުުން ބައެއް ކުދިން ކަނޑާލިއިރު، މަފާ ވެސް ސްކޫލާ އަލްވަދާއު ކިޔަންޖެހުނެވެ. ދެން ދުވަސްގަނޑަކު މާލެ އުޅުމަށް ފަހު އޭނާ ދިޔައީ އައްޑޫ އަށެވެ.  ކޮންމެ ގޮަތަކަށް އޭނަ އުޅުނަސް އޭނާއާ އަހަންނާ އޮތް ރަހުމަތްތެރި ކަމަކަށް ބުރޫއެއް ނާރަ އެވެ. ޖަލުގައި އޮތަސް ކޮންމެ ތަނެއްގައި އޮތަސް އޭރު ބަރާބަރަށް އޭނާ އަހަންނަށް ހަބަރު ކުރެ އެވެ.

ސްކޫލް ނިންމާލުމަށް ފަހު އަހަރެން އުޅުނީ ސްކޫލް ކައިރީ އޮންނަ ހިސާބު ގަނޑުކުދިންނާ އެކު އެވެ. މަފާ މާލެ އައުމަށް ފަހު އޭނާ އުޅުނީ މުޅިން އެހެން ހިސާބެއްގަ އެވެ. ވަޒީފާއެއް ހޯދުމަކީ އޭރު ވެސް އުނދަގޫ ކަމެކެވެ. ނަމަވެސް އަހަރެންނަށް ހަވީރުން ވަޒީފާ ލިބުނީ އަހަރެންގެ އުމުރުން އެންމެ 17އަހަރުގަ އެވެ. އެއީ ސްކޫލްގައި އުޅެމުން އަދަބީ ބުސްތާނު މެދުވެރިކޮށް ހެދި ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވެފައި އޮތުމާ އޭރުގެ ހަވީރުގެ އެކްޓިންގ އެޑިޓަރ މުހައްމަދު ޝަހީބަށް އަޅުގަނޑުގެ ހުނަރު ކޮންމެ ވެސް ވަރަކަށް އެނގިފައި އޮތުމެވެ.

ވަޒީފާ އަށް ނުކުތުމަށް ފަހު މީހާ މަސައްކަތުގެ ތެރެއަށް ވަދެވުނީ ހީނުކުރެވޭހާ ވެސް ބާރުމިނުގައި އެވެ. ދުވަހުގެ ގިނަ ވަގުތު ހޭދަކުރެވުނީ މުޅިންހެން އޮފީހުގައި ކޮންމެވެސް އާކަމެއް ދަސްކުރެވޭތޯ އެވެ. އެހެންވެ، އެކީގައި އުޅުން ވަރަށް ގިނަ ބަޔަކާ ވަރަށް ބޮޑަށް ދުރުވެގެންދިޔަ އެެވެ. ނަމަވެސް އޭރު ވެސް މަފާ ދޭތެރެއަކުން ގުޅާލާނެ އެވެ. މާލެ ތެރޭގައި ހިނގާ ބައެއް ކަންކަމުގެ ވާހަކަތައް ފުލުހުން ނުދެނީސް މަފާގެ ފަރާތުން އެނގިގެން އެވާހަތައް ނޫހުގައި ކިތަންމެ ފަހަރަކު ގެނެސްދީފައި ހުންނާނެ އެވެ. ސަބަބަކީ އެދުވަސްރަކީ ޓްވިޓާ ފަދަ ސޯޝަލް މީޑިއާ އެހާ މަޝްހޫރު ޒަމާނަކަށް ނުވުމެވެ. އެހެންވެ ބައެއް ވާހަކަތައް މީހުންނަށް އެނގުމުގައި މިހާރުހާ އަވަހެއް ނޫނެވެ.

ދެމީހުން ދުވަހުން ދުވަހަށް ކުރިން ދިމާވާ ވަރަށް ދިމާނުވި ނަމަވެސް މަގުމަތިން ދޭތެރެއަކުން އޭނާޔާ ދިމާވެ އެވެ. އެކަމަކު ގިނަ ފަހަރު އޭނާ ނިތް އަރުވާލުމުގެ އިިތުރުން އިތުރު އިޝާރާތެއް ނުކުރާނެ އެވެ. ސަބަބަކީ ގިނަ ފަހަރަށް އޭނާ އަށް އަހަރެން މަގުމަތިން ފެންނަނީ އޮފީސް މީހުންނާ އެއްކޮށް ކަމަށްވާތީ އެވެ. އޮފީސް މީހުން ތިއްބާ އޭނާ އަހަރެންނާ އެހޭ ގާތްކަން ދައްކަން އޭނާ ބޭނުމެއް ނުވެ އެވެ. އޭނާ އަހަނަށް އިހުތިރާމްކުރާލެއް ބޮޑުކަމުންނެވެ.

ދުވަސްތައް މިހެން ދަމުން ގޮސް އޭނާ މުޅިން އެހެން ދުނިޔެއަކަށް އަދި އަހަރެން މުޅިން އެހެން ދުނިޔެކަށް ގެއްލިއްޖެ އެވެ. މަތީ ތައުލީމު ހާސިލްކުރުމަށް އަހަރެން ދިޔައީ ލަންކާ އަށެވެ. އޭރު މަފާވީ އިންޑިއާއަށް އޭނާގެ ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެހެންވެ އެކަކު އެނެކަކާ ދިމަލެއްނުވެ އެވެ. އޭރު ސޯޝަލް މީޑިއާ އަށް ބަލާއިރު، އެންމެ މަޝްހޫރީ "އެމްއެސްއެން" އަދި "މައިސްޕޭސް" އެވެ. ނަމަވެސް އަަހަރެންގެ އެމްއެސްއެން އައިޑީ ގެއްލުމުން މަފާއާ އޮތް ގުޅުން މުޅިން ކެނޑިގެން ދިޔަ އެެވެ. ދޮޅުއަހަރު ދުވަހު އަހަރެން ލަންކާގަައި ކިޔަވަން އުޅުމަށް ފަހު މާލެ ބަދަލުވީމެވެ. އެއީ 2011 ވަނަ އަހަރު އެވެ. އެދުވަސްވަރަކީ މާލޭގައި އެންމެ ގަދައަށް މުޒާހަރާކުރި ދުވަސްވަރެވެ. އެހެހެންވެ، ހުސްވަގުތެއް ލިބެނީ ނިދާލަން އެކަންޏެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅި، މުޅި ގައުމު ހަލަބޮލިވުމުން، ދެ ގަޑިން ދެގަޑިން ކާ ބޭހެއްހެން މުޅި ގައުމުގައި އޮތީ އެކި އެކި ސިޔާސީ ހަރަކާތްތަކާއި ނޫސްކޮންފަރެންސްތަކެވެ. އެހެންވެ، ވަޒީފާގެ އިތުރުން އިތުރު ކަމަކަށް ސަމާލުކަން ދޭނެ ވަގުތެއް ވެސް ނުލިބެ އެވެ. ލަންކާގައި ކިޔަވަން އުޅުންއިރު، ރައްޓެހިވެގެން ދެ އަހަރުވަންދެން އުޅުން ލޯބިވެރިވާ ވެސް ދޫކޮށްލަންޖެހުނީ ވަޒީފާގައި އިންތިހާއަށް ބިޒީވެ، އޭނަ އަށް ދޭންވާ ވަރަށް ވަގުތު ނުދެވުމުގެ ސަބަބުން، ދެމީހުންގެ ދެމެދުގައި ޖެހުން މައްސަލަތަކަށް ހައްލެއް ނައުމުން ދެމީހުން އެއްބަސްވެގެންނެވެ.

33

އަހަންނަށް ވަޒީފާ ކިތަންމެހާ ވެސް މުހިއްމެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ވަޒީފާއިން ވަކިވެ، އާއިލާގެ ވިޔަފާރިތެރެ އަށް ވަންނަން ނޫސްެވެރިކަމާ ކުޑަދުވަސްކޮޅަކަށް ދުރަށް ދިޔައީމެވެ. އުމުރުން 17 އަހަރުން ފެށިގެން ވަކިން ދިިރިއުޅެމުން އައީ އަމިއްލަ އަށް ވަކިން ދިރިއުޅެން ބޭނުންވެގެންނެވެ. ބައްޕަ އަަބަދު ވެސް ވަޒީފާ ދޫކޮށްލުމަށް ފަހު އާއިލީ ވިޔަފާރިތެރެ އަށް ވަދުމަށް އެދުނެވެ. އެކަމަކު އަހަންނަށް އޭރު ގަބޫލުކުރުވެނީ އައިލާ ވިޔަފާރިއަކީ އަހަރެން "ރިޓަޔާ" ވުމުން ކުރަން އޮތް ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ގުދުރަތުގެ ނިޔާ މުޅިން ތަފާވުމުން ވަޒީފާ އިން ވަކިވެ، އާއިލާގެ ވިޔަފާރިތެއަށް ވަނީމެވެ. އެކަމަކު އަހަންނަށް ލިއުންތެރިކަމަކާ ދުރަކަށް ނުދެވުނެވެ. އެހެންވެ، އަމިއްލަ ސައިޓެއް ހަދައި ތަފާތު ތަޖުރިބާތަކުގެ ވާހަކަތައް ލިޔަމުން ގެންދިޔައީމެވެ. އާއިލާ ވިޔަފާރިތެރެ އަށް ވަދުމާ އެކު މަސައްކަތްތަކުގެ ސަބަބުން ގިނަ ވަގުތު އުޅެން ޖެހުނީ މާލެއިން ބޭރުގައި ކޮންމެވެސް މަސައްކަތު ސައިޓެއް މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމުގަ އެެވެ. މާލެ އާދެވެނީ ތިން މަހުން އެއް މަހު ކަހަލަ ގޮތަކަށެވެ.

އެގޮތަށް އެއްފަހަރު މާލެ އައި ދުވަސްކޮޅެއްގައި މަފާއާ އަހަންނާ މަގުމަތިން ދިމާވި، އެވެ. ޒަމާން ގަނޑަކަށް ފަހު ދިމާވި ނަމަވެސް ކުރީގެ މަޖާ ވާހަކަތައް މަތިން ހަނދާކޮށް ކޮންމެ ވެސް ވަރަަކަށް މާޒީގެ ވާހަކަތައް ދެކެވުނެވެ. އަދި އަހަރެން ހަވީރުގައި އުޅުންއިރު، އޭނަ އެކި ހަބަރުތައް ދިން ވާހަކައާ އެހެން ގޮސް ޖުމްލަކޮށް ދެމީހުން ބައްދަލުނުވެ ދިޔަ ދުވަސްތަކާއި ބައްދަލުވި ދުވަސްތަކުގެ ހުލާސަ ވާހަކަތަކެއް ދެމީހުން ދެމެދުގައި ދެކެވުނެވެ. އަދި ސަލާން ގަލާން ކޮށްލާ ދެން އަންނަ ދަތުރެއްގައި ކޮފީއަކުން ބައްދަލުވުމަށް ޝަރުތުކޮށް އަހަރެން ފުރީ މަސައްކަތައިގެން ނޫނު އަތޮޅަށެވެ. ދުވަސްކޮޅަކު އެކޮޅުގައި އުޅުމަށް ފަހު އަނެއްކާ ވެސް މާލެ އަންނަން ވެގެން ބޯޓަށް އެރީމެވެ.

ނ. ވެލިދޫން މާލެ އަންނަން އާންމުކޮށް ބޯޓް ފުރާނީ ހޮނިހިރު ދުވަހުގެ ރެ އެވެ. އެއީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ. ނައިފަރުގައި ބޯޓް ޖެއްސުމަށް ފަހު މާލެ އާދެވެނީ ގާތްގަނޑަކަށް އަށް ގަޑިއިރު ނޫނީ ނުވަގަޑިއިރުންނެވެ. ކަނޑުމަތީގެ ބައެއް ސަރަހަދުތަކަށް 3ޖީ ލިބުން ނަމަވެސް ކަނޑުމަތީގެ ބައެއް ސަރަހައްދުތަކުން ނެޓްވޯކް ނުލިބޭތިވެ، ފޯނުގެ ބޭނުން ގިނަ ފަހަރު ހިފެނީ ގޭމް ކުޅެން އެކަންޏެވެ. ދެން ފަސޭހައިން ނެޓްވޯކް ލިބޭނީ މީހުން ދިރިއުޅޭ ރަށެއް ކައިރިން ދަތުރުކުރަންޏާ އެވެ.

މާލެ އަތޮޅަށް ވަދެވުމާ އެކު ފޯނަށް ނޯޓިފިކޭޝަން އަންނަން ފެށީ ބަރިބަރި އަށެވެ. އޮންލައިން ނޫސްތައް ހަވާލިއިރު، މީހާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެ ރޭ މެންދަމު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަހު މަފާ ނިޔާވި ހަބަރެވެ. މާލޭ އަށް ބޯޓް ވެއްދުމާ އެކު އަވަހަށް ގެއަށް ދަބަސް ލުމަށް ފަހު ދުވައިގަތީ އާ ސަހަރާއާ ދިމާލަށެވެ. ސަހަރާކައިރިޔަށް ދިޔައިރު، މުޅި ސަރަހައްދު އޮތީ މީހުން ޖަމާވެ، ފުރިބާރުވެފަ އެވެ. އޭރު ވެސް ހުރީ އެ ހަބަރު ގަބޫލްކުރަން އުނދަގޫވެފަ އެވެ. މިހާ ހުރީ މާޔޫސްވެފަ އެވެ. މީހުންތައް ކޮށްޕަމުން ގޮސް އެތެރެ އަށް ވަތްއިރު، މަފާ މަންމައާ އޭނާގެ އާއިލާ ފެނުމުން މުޅިން ހަބަރު ކަށަވަރުވެގެންދިޔަ އެވެ. ދެން އަވަސް ވެގަތީ މޫނު ބެލޭތޯ އެވެ. ކަންދިމާކުރި ގޮތުން މީހުން ގިނަވެ، ކިއު ބޮޑުކަމުން އަހަނަށް ލައްވާލިއިރު، މޫނު ނިވާކޮށްފި އެވެ. އަހަންނަށް އެ ރަހުމަތްތެރިޔާގެ މޫނު ފެނުމުގެ ނަސީބުން މަހުރޫމްވީ އެވެ. ކިތަންމެ ދެރަވި ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އަމިއްލަ އަށް ސިކުނޑިއަށް ވިސްނައިދެވޭތޯ ބެލީ ޖަނާޒާއިގެ ބައިވެެރިވުން އެއީ އަހަންނަށް މިންވަރު ކުރައްވާފައިވާ މިންވަރު ކަމެވެ.

މިއަދު އަހަރެންގައިގައި ހުރި ބައެއް ރަނގަޅު ސިފަތައް އަށަަގަތުގެ ފަހަތުގައި ވަނީ މަފާ އެކުވެރިކަމެވެ. ނޫންނަމަ، މަގު އޮޅި އަހަރެންނަކީ ދުންފަތުގެ އިސްތިއުމާލުކޮށް އެހެން ބައެއް ކަންކަމަށް އަަރައިގަންނަ މީހަކަށް ވުމަކީ މާ ދުރުކަމެއް ނޫނެވެ.

މިހާރު ވެސް މަސްއޮޑި ސަރަހައްދުންދާ ކޮންމެ ފަހަރަކުހެން މަފާ މަތިން ހަނދާވެ އެވެ. އޭނާ އާ އެއްކޮށް ތަންކޮޅެއް ގިނައިން އުޅެވުންނަމަ، އެފަދަކަމެއް ދިމާނުވެދާނެއޭ ހިތަށް އަރަ އެވެ. އެކަމަކު ވެފަ އޮތްކަމެއް ބަދަލެއްނުކުރެވޭނެ އެވެ. އޭނާގެ ހަނދާން އަބަދުވެސް މަފާގެ ހަގީގީ ރަހުމަތްތެެރިއެއްގެ ހިތުން ފިލާ ނުދާނެކަން ޔަގީނެވެ.

ދުވަސްގަނޑަކަށް ފަހު، މަފާގެ އެހެން ރަހުމަތްތެރިއެއް ކަމަށްވާ ނިސްފުއާ ދިމާވި އެވެ. ނިސްފުގެ ފަރާތުން އަހަންނަށް އިވުނީ ހިތަށް އުފާކަން ގެނުވާފަދަ ވާހަކަތަކެކެވެ. އެއީ މަފާ ނިޔާވުމުގެ ކުރިން ވަރަށް ބޮޑަށް އިސްލާހުވެ، ނަމާދުކުރަން އިސްކަންދީ ދީނުގެ ކަންކަމުގައި ވަރަށް ބޮޑަށް ޝާމިލްވެ، އުޅުން ހަބަރެވެ. ގެއްލިގެން އެދިޔައީ އަހަރެންގެ ހަޔާތުގައި ދެވަނައެއް ނެތްފަދަ ރަހުމަތްތެރި އެކެވެ. އަހަރެންގެ ދުއާއަކީ މަފާއަށް ސުވަރުގޭގެ ބާއްޖެވެރިކަން މިންވަރުކުރެއްވުމެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • ާާެއައްމަޑޭFriday 28th October 2016

    މަފާ އޭ ވަރައް ރަނގަޅު ރައްޓެއްސެއް...

  • ޝަމް ބެSaturday 15th October 2016

    He is a friend of my brother and used to visit our home whenever he is at addu.His well-disciplined behavior and good personality pleased all of us. The last time we met was at Orchid Magu, Male He was going for a ride with his girlfriend, yet stopped his bike and chat with me. Asked about my bro n conveyed his regards to my mum n all. I may not even know if he had ignored me! What an outgoing personality . May allah grand him Jannath.

މި ލިޔުމަށް ކޮމެންޓްކުރަށްވާ