އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގެ ގޮތުން ހާއްސަ މުބާރާތެއް ފަށައިފި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޕްރޮމޯޝަނަލް އައިޓަމް ޑިޒައިންގެ ނަމުގައި ހާއްސަ މުބާރާތެއް ފަށައިފި އެވެ.

މި މުބާރާތާ ގުޅޭގޮތުން އެމްއެމްޕީއާރުސީން ނެރުނު ނޫސްބަޔާނުގައި ބުނީ މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ދިވެހިންގެ އުފެއްދުންތެރިކަން ބައިނަލްއަގްވާމީ ފެންވަރުގައި ޕްރޮމޯޓް ކުރުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގައި ހިއްސާއެއް އަދާކޮށް ދިވެހިންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު މި މުބާާރާތުގެ ސަބަބުން ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި މުބާރާތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ޝިއާރަކީ "މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" އެވެ. މި ޝިއާރުގެ ދަށުން ތިން ދާއިރާއަކުން އުފެއްދުންތައް ހުށަހެޅުމުގެ ފުރުސަތު އެމްއެމްޕީއާރުސީން ހުޅުވާލާފައި ވެއެވެ. އަދި ދެ ދާއިރާއަކުން އެންމެ މޮޅު ފަސް ފަރާތް ހޮވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. އެގޮތުން ފުރަތަމަ ދާއިރާއިން ހޮވޭ އެންމެ މޮޅު ފަސް ފަރާތަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:


 - އެއްވަނަ އިނާމު: ދެ މީހަކަށް ތުރުކީގެ ދެކޮޅު ޓިކެޓް

 - ދެވަނަ އަދި ތިންވަނަ އިނާމު: އައިލެންޑް އޭވިއޭޝަނުން ދަތުރުކުރާ ބައިނަލްއަގްވާމީ މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލަކަށް ދެ މީހެއްގެ ދެކޮޅު ޓިކެޓް.

 - ހަތަރުވަނަ އަދި ފަސްވަނަ އިނާމު: އައިލެންޑް އޭވިއޭޝަންގެ އެތެރޭގެ އުދުހުންތައް ކުރާ އެއް މަންޒިލަކަށް ދެމީހެއްގެ ދެކޮޅު ޓިކެޓް.


ހަމައެއާއެކު ދެވަނަ ކެޓަގަރީއިން ހޮވޭ ފަރާތަށް ދެ މީހަކަށް ތުރުކީގެ ދެކޮޅު ޓިކެޓް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނޭ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ