ވަގު ޑޮލަރު ވިއްކުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމްއެމްއޭއިން ފުލުހުންނަށާއި ބޭންކްތަކަށް އަންގައިފި

ވަގު ޑޮލަރު ވިއްކުމާ ދެކޮޅަށް މަސައްކަތް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބެންކް ތަކަށާއި ފުލުހުންނަށް އަންގައިފިއެވެ.

،މީޑިއާއަށް މައުލޫމާތު ދެއްވަމުން މަރުކަޒީ ބޭންކުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ ދަތުރުވެރިންނަށް ހާއްސަ އުސޫލަކުން ކޮންމެ ޓިކެޓަކަށް 500  ޑޮލަރުގެ ރޭޓުން ޑޮލަރު ވިއްކަމުންދާއިރު އެކަމަށް އޮޅުވާލައިގެން ޑޮލަރު ގަންނާތީ އެކަން ހުއްޓުވުމަށް ބެންކްތަކުގައި އެދިފައިވާނެ ކަމަށެވެ. އަދި މުސާރައާއި އެހެނިހެން ގޮތްގޮތުން ޑޮލަރު ލިބޭ ފަރާތްތައް އަގު ބޮޑުކޮށް ޑޮލަރު ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ވެސް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން މި ނިޒާމަށް އޮޅުވާލައިގެން ޑޮލަރު ހޯދަމުންދާތީ ބޭންކުތަކުން ވަނީ އެކަން ހުއްޓުވުމުގެ ގޮތުން ދަތުރުކުރާ މީހާ ޑޮލަރު ގަންނަން އަންނަން ޖެހޭ ގޮތަށް އެ ނިޒާމަށް ބަދަލު ގެނެސްފައެވެ. ހަމައެއާއެކު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 17 ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު އެމްއެމްއޭއިން ހުއްދަ ނުދޭ މީހުންނަށް ބޭރުފައިސާ ގަނެ ވިއްކުމުގެ މުއާމަލާތެއް ނުހިންގޭނެ ކަމަށް އެ އިދާރާގެ ގަވައިދުގައި ބަޔާން ކޮށްފައިވެއެވެ.

ހައްޖު މޫސުމާ ދިމާކޮށް ޑޮލަރުގެ ޑިމާންޑް މަތިވެފައިވާއިރު އީދު ބަންދަށް ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން ޑޮލަރު ހޯދުމަކީ ވެސް ޑޮލަރުގެ ޑިމާންޑް މަތިވާން މެދުވެރިވި މައިގަނޑު އެއް ސަބަބު ކަން މަރުކަޒީ ބޭންކުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ