އަޅުގަނޑުގެ ހިޔާލު: ގައުމުގެ ހަތަރުވަނަބާރު ނޫސްވެރިންގެ ހައްގު ކޮބާ؟

ރާއްޖޭގެ ބާރުތަކަށް ބަލާއިރު ދިވެހި ރާއްޖެގައި މި އޮތް ނިޒާމަކީ ރިޔާސީ ނިޒާމެއްގައި ބަރުލަމާނީގެ ސިފަތައް ވެސް އެކުލެވިގެން އުފެދިފައިވާ ނިޒާމެކެވެ. ގައުމު ހަމައަކަށް ނޭޅުމުގައި މަސްހުނި ނިޒާމުގެ ދައުރު ވެސް ކުޑައެއް ނޫނެވެ. މިހާރު މި އޮތް ނިޒާމަކީ ރާއްޖެއަށް އެންމެ ފައިދާކުރާ ނިޒާމެއް ނޫންކަން ގައުމުގެ ކަން މިދާ ގޮތުން ބުނުމުގެ ޖާގާ މިވަނީ މަގުފަހިވެފަ އެވެ. ހައްގާއި ގާނޫނާއި ގަވާއިދުގެ ވާހަކައަކީ މި ރާއްޖޭގެ މީހުންނަށް އާ ވާހަކަތަކަކަށް ނުވާނެ އެވެ. އަދި ޑިމޮކްރަސީގެ ވާހަކަތަކަކީ ވެސް އާ ވާހަކަތަކަކަށް ނުވާނެ އެވެ. މިހާރު ގައުމުބައްޓަންވެފައިވާ ގޮތުން ހައްގުތައް ރައްކާތެރިކުރަންޖެހެނީ ވަކިބާރުތަކެއްގެ އެވެ.

ގައުމުގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަމަށްވީއިރު ސިޔާސީ ފަރާތްތައް ވެސް އެކަން އެގޮތަށް ގަބޫލުކުރެ އެވެ. ނަމަވެސް ބަހާ އަމަލުދިމާ ނުކުރުމުގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކީ އެފަދައެއް ނެތްވަރުގެ ނަމޫނާ ބައެކެވެ. ގައުމުގެ ހަތަރުވަނަ ބާރަކީ ނޫސްވެރި ކަމަށްވާއިރު، މިނިވަން ނޫސްވެރިކަމެއް ކުރުމަށް ނޫސްވެރިންނަށް އެކަށީގެންވާ ބާރުތައް ލިބިދޭފަދަ ގާނޫނެއް މިގައުމަކު ނެތެވެ. ނޫސްވެރިކަން ކުރުމަށް ގައުމުގެ އެހެން ބާރުތަކުން ކިތަންމެ، ފިއްތުންތަކެއްކުރިމަތި ކުރިވި ނަމަވެސް، އެ ހައްގުތައް ބަޔާންކޮށްދޭ ވަކި ގާނޫނެއް ނެތްކަމީ ނޫސްވެރިކަމަށް އަހައްމިޔަތުކަން ދެވިފައިވާ ނެތްކަމުގެ ހެއްކެކެވެ.

ކުޑަކުޑަ މިސާލަކަށް އަޅުގަނޑު ބަލާލާނަމެވެ. ނޫސްވެރިޔަކު ނަގާ ފޮޓޯ، ރިކޯޑްކުރާ ވީޑިއޯ ފުލުހުން ބޭނުވެއްޖެ ހިނދެއްގައި ފުހެލުމަށް މަޖުބޫރުކުރުވެ އެވެ. އެއީ ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއެޅުމެއް ނޫންތޯ އެވެ؟ އެކަމަކު ހަތަރުވަނަ ބާރުގެ ހައްގު އެހިސާބުން ނިގުޅައިގަނެވި، އެކަމަށް ކުރެވޭނެ މާ ބޮޑު ކަމެއްނެތެވެ. މީގެ އަނެއް ކޮޅު ބަލާލަމާތޯ އެވެ؟ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައިފިނަމަ ވަރުވަރުން ގައިވަދުތަކާ ކުށްވެރިވާ ގާނޫނުތައް ހުރެ އެވެ. އެކަމަކު ގައުމުގެ ހަތަރުވަނަ ބާރަށް ފުލުހުން ވެސް ބޭނުންވެއްޖެ ހިނދެގައި ހުރަސް އަޅަންވީ އެވެ. އެމީހުން ދެކޭ ގޮތުގައި އަޅުގަނޑުމެން ކުރާ މަސައްކަތަކީ ކުޅޭކުޅޭ ކަމެކެވެ.

ދުނިޔޭގައި ފައްކާވެފައިވާ ޑިމިކްރަސީތަކުގައި ނޫސްވެރިންގެ ހައްގުތަކަކީ ހިމާތްކޮށްފައިވާ، ގައުމުގެ ހަތަރުވަނަ ބާރަށް ވީހިނދު އެ ބާރުގެ ބޭނުން ހިފޭވަރުގެ ބައެއްގެ ގޮތުގައި ބަލައިގަނެވޭވަރުގެ ބާރުތަކެއް ލިބިގެންވާބައެކެވެ. އެކަމު މި ރާއްޖޭގައި ނޫސްވެރިކަން ކުރުމަކީ ބިރުވެރި، ބޮޑެތި ޖުރީމަނަތައް އޮންނަ މުސާރަ ކުޑަ، ފުރާނަ އަތަށްލައިގެން ކުރަންޖެހިފައި ގައުމީ މަސައްކަތެކެވެ.

ނޫސްވެރިންނަށް ލިބިދޭންޖެހޭ ހިމާޔަތެއް ބާރެއް މިރާއްޖޭގައި ހަމަނެތީ އެވެ. މިއީ ގައުމުގެ ހާލަތު ބޮސްލުންލައިގެން ގޮސް ކައިރި މުސްތަގުބަލެއްގައި މި ގައުމަށް ހަމަޖެހުމެއް ނާންނާނެކަމުގެ ފާލެކެވެ. ނޫސްވެރިންނަކީ ހަތަރުވަނަ ބާރުގެ ގޮތުގައި ސިޔާސީ ފަރާތްތަކާއި ސަރުކާރު ޖަވާބުދާރީކޮށް، ގައުމުގައި ހުރި އެކިމައްސަލަތައް ރައްޔިތުންނާ ހިސާބަސް ފެންމަތިކޮށްދޭ ފަރާތެވެ. ނަމަވެސް އެ ފުރުސަތު މިހާރު މި ގައުމުގައި ފަހިވެފައި ނެތުމަކީ ގައުމު ހަމައަކަށް އެޅުވުމަށް ނޫސްވެރިންނަށް އެކަށީގެންވާ ފުރުސަތު ނެތްކަމުގެ އަލިގަދަ ހެއްކެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST