• Photo- MMS website

ސިޔާސީގޮތުން ފާޑު މިކިޔެނީ ކިހާވަރެއްގެ ކަމަކާތޯ؟

ސިޔާސީ މަޝްރަހްގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކީ އަބަދުވެސް ސިޔާސީ ފާޑުކިއުންތައް ކިޔާނެ ބައެއްކަން ޔަގީނެވެ. ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ތަފާތު އެކި ވާހަކަތައް ދައްކަމުންދާއިރު ތިމާއަށް ދެކެވެނީ ސާބިތު ހިފޭ ވާހަކައެއްތޯ ބެލުން މުހިންމެވެ.

މިދުވަސްވަރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުމާއި ވައިގަދަވުމުގެ ސަބަބުން ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ގުދުރަތީ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އަބަދުވެސް ދުނިޔޭގެ އެކި ގައުމުތަކުގައި މަސައްކަތް ކުރަމުންދާއިރު މިފަދަ ގުދުރަތީ ކަންކަމަކީ އިންސާނުންނަށް ބާރުފޯރުވޭ ހިސާބަށް ވުރެ މަތިން އަންނަ ކަންތައްތައްކަން ޔަގީނެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގައި ވެސް އަބަދުމެ ދެކެވޭ ވާހަކައަކީ ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ވާހަކައެވެ.

 އެއްވެސް ބަޔަކު ގުދުރަތީ ހާދިސާއެއް ދިމާ ނުވާނެ ގޮތަށް އަމަލްކުރުމުގެ އެއްވެސް ޕްލޭނެއް އަދި މަޝްވަރާއެއް ވެސް ކޮށްފައިނުވެއެވެ.

ނަމަވެސް ރާއްޖޭގެ މަޝްރަހަށް ނަޒަރު ހިންގާލުމުން ފެނިގެން ދަނީ އިދިކޮޅު ފަރާތްތަކަކީ ވަކި ބާރެއް ލިބިގެން ގުދުރަތީ ހާދިސާތައް ދިމާ ނުވާނެ ބައެއްކަން ސިފަވާ ފަދަ މަންޒަރުތަކެކެވެ.

ވިއްސާރަވުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެނަމަ އޭގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާއަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ.

މޫސުމަށް އަންނަ ބަދަލްތަކުގެ ސަބަބުން ރާއްޖޭގެ އެކި ރައްތަކުގައި ފެންބޮޑުވުމަކީ މިއަދު އެކަނި ހިނގާ ކަމެއް ނޫނެވެ. ނަމަވެސް އިނދިކޮޅު ފަރާތްތަކުގެ ބަސްމަގު މިއަދު ބަދަލްވެފައިވަނީ ގުދުރަތީ މިފަދަ ހާދިސާތަކަކީ ރައީސަކަށް ހުންނަވާ ބޭފުޅަކު ކުރައްވާ ކަންކަމުގެ ގޮތުގައި ސިފަކުރެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އުފަލާއި ހިންހަމަޖެހުމަށްޓަކައި ސަރުކާރުން ގާއިމް ކޮށްފައިވާ ރަސްފަންނަށް އުދައެރުމާ ގުޅިގެން، ރާއްޖޭގެ ރައްޔިތުންގެ ތާއީދު ކުރިން ލިބިވަޑައިގެންފައިވާ ކުރީގެ ނައިބްރައީސް ޑޮކްޓަރ މުހައްމަދު ޖަމީލް އަހުމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ދިވެހި ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ބޭކާރު ކޮށްލަމުންދާ ކަމަށެވެ.

އަދި އެމްޑީޕީގެ މެންބަރުން ކުރަމުންދާ ޓްވީޓްތަކުގައި ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުމާއި، ރަށްތަކުގެ މީހުން ހާލުގައި ޖެހުމަކީ ސަރުކާރުން ކުރަމުންދާ ކަންކަން ކަމުގައި ދަނީ ސިފަކުރަމުންނެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެން ވިސްނާލަންވީ، ގުދުރަތީ ހާދިސާތަކީ އަޅުގަނޑުމެން އިންސާނުންނަށް ބާރު ފޯރުވޭ ކަންކަން ނޫންކަމެވެ.

ފަހުގެ ތާރީހަށް ބަލާއިރު އަވައްޓެރި އިންޑިއާގެ ޗެންނާއީ ސިޓީގައި، ވިސްސާރަވުމުގެ ސަބަބުން ވަނީ ފެންބޮޑުވެ އެތަކެއް އާއިލާތަކެއް ހާލުގައި ޖެހިފައެވެ. އެއީ ފާއިތުވި ސަތޭކަ އަހަރު ތެރޭގައި ދިމާވި ވިއްސާރާއިގެ އެންމެ ބޮޑު ތޫފާނަށްވާއިރު އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، 72،119 މީހަކު ވަނީ ރިލީފް ކޭމްޕްތަކަށް ބަދަލުކޮށްފައެވެ.

 ހަމަ އެގޮތަށް މިހާރު ކުރަމުންދާ ވިއްސާރާގައި އަވައްޓެރި ސްރީލަންކާގެ ގިނަ ސަރަހައްދުތަކެއް ވަނީ ފެންބޮޑުވެފައެވެ. ބައެއް ހިސާބުތަކުގައި އުޅޭ މީހުންރައްކާތެރި ހިސާބުތަކަށް ބަދަލް ކުރުމުގެ މަސައްކަތް މިހާރުވެސް ލަންގާއި ކުރަމުންދާއިރު ކިސަޑު ފޭބުމުގެ ސަބަބުން އަވަށްތައް ވަޅުލެވި ދުއިސައްތަ އާއިލާއެއް ވަނީ ގެއްލިފައެވެ. އަދި ތިންލައްކަ ފަންސާސް ހާސް މީހުން ވަނީ ގެދޮރުނެތި ހާލުގައި ޖެހިފައެވެ.

ވިސްނާލަންވީ ހަގީގަތަކީ ގުދުރަތީ މިފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުމަކީ ސަރުކާރަކަށް ހުއްޓުވޭނެ ކަން ކަމެއް ނޫން ކަމެވެ.

މޫސުމަށް އަންނަ ބަދަލްތަކުގެ ސަބަބުން ދިމާވާ ގުދުރަތީ ހާދިސާތަކުން ރައްކާތެރިވުމާއި، އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ސަލާމަތީ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުތަކުގެ ޒިންމާއަށް ވީހިނދު މިއަދުގެ ސަރުކާރުން ވެސް ގެންދަނީ އެމަސައްކަތް ކުރަމުންނެވެ.

ސިޔާސީ ގޮތުން ފާޑުކިޔާ ފަރާތްތަކުން ބިނާކުރަނިވި ފާޑު ކިއުމުގެ ބަދަލްގައި މިފަދަ ގުދުރަތީ ހާދިސާތަކާ ދިމާކޮށް ވާހަކަ ދެއްކުމަކީ މިއަދު އެބައެއްގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓި ރައްޔިތުން ކުރަމުންދިޔަ އިހްތިރާމް ގެއްލިގެންދާނެ ކަންކަމެވެ.

 ޒަމާނުންސުރެ އެއްބައިވަންތަކަމާއި އެކުވެރިމަކާއެކު އުޅެމުންއައި މި ދިވެހިން މިފަދަ ހުތޫރަތްތެރި ދަނޑިވަޅުގައި ބައިބައިނުވެ އެކަކު އަނެކަކަށް އެހީވުމަކީ އަޅުގަނޑުމެން ކާބަފައިން ދައްކަމުން އައިސްފައިވާ ނަމޫނާއެވެ.

މި ނަމޫނާގައި ހިފައިގެން ގައުމަށް ދިމާވެފައިވާ ގުދުރަތީ ހާދިސާއިން އަރައިގަތުމަށް މަސައްކަތް ކުރަމާތޯއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST