ގުޅުމެއް ދެމި އޮތުމުގެ އެންމެ ބޮޑު އަސްލަކީ ދެފަރާތުގެ ދެމެދުގައި އޮންނަންވާ އިތުބާރު ދެއޮތުމެވެ. ނުވަތަ އެމީހެއްގެ ތެދުވެރި ކަމެކެވެ. އިތުބާރާއި ނުލައި އެއްވެސް ގުޅުމެއް ކުރިޔާށް ނުދާނެކަމީ ކޮންމެ ބޭފުޅާކުވެސް ގަބޫލުކުރާނޭ ކަމެކެވެ.

މުއާމަލާތް ކުރުމަކީ ދެފަރާތުގެ ދެމެދުގައި އިތުބާރު ގާއިމް ކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ކަންތަކެވެ. މައްސަލައެއް ޖެހުމުން އެކަމެއް ހައްލުކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ދެފަރާތުގެ ދެމެދުގައި މަޑުމައިތިރި ކަމާއިއެކު ކުރެވޭ މުއާމަލާތެކެވެ. ފޯނުން ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި އންމެ އެދެވިގެން ވަނީ ދެފަރާތް ބައްދަލުވެ ކުރިމަތީގައި އެކަކު އަނެކަކު ތިބިގެން މުއާމަލާތް ކުރުމެވެ. ހިތުގައި އެކަން ފޮރުވައިގެން ހުރުމުގެ ބަދަލުގައި ހިތުގައިވާ ނުތަނަވަސްކަން ބެޔރުކޮށްލުމަށް މުއާމަލާތް  ކުރުމަކީ އެ ގުޅުމެއް އިތުރަށް ވަރުގަދަވެގެން ދާނޭ ކަމެކެވެ.

ކޮންމެ އިންސާނަކީވެސް ތަފާތު މީހެކެވެ. އުފެދުމުގައިވެސް އަދި ދިރު އުޅުމުގެ މައިދާނުގައިވެސް މެއެވެ. އެހެން ކަމުން އެހެން މީހުންނާއި ތިމާއާއި އަޅުވާ ނުކިޔާށެވެ. ނުވަތަ ތިމާގެ ބައިވެރިޔާ އެހެން މީހުންނާއި އަޅާ ނުކިޔާށެވެ. ތިމާގެ ދިރިއުޅުން އެހެން މީހުންގެ ދިރިއުޅުމާއި އަޅާ ނުކިޔާށެވެ. މީގެ ސަބަބުން އެތައް ގިނަގުނަ މައްސަލަތަކެއް ނިކުމެއެވެ. އަބަދު ބައިވެރިޔާއަށް އަދި އެހެން މީހުނަށްވެސް އިހުތިރާމް ކުރާށެވެ. އިހުތިރާމަކީ ދީގެން ލިބޭނެ އެއްޗެކެވެ.

ދިރިއުޅުމުގެ ދަތުރަކީ އަބަދު އަމާންކަންމަތީ ދެމިގެން ދާނެ ދަތުރެއް ކަމަށް އުންމީދު ނުކުރާށެވެ. މައްސަލަތަކާއި ގޮންޖެހުންތަކާއި ކުރިމަތިނުވާނަމަ އެ ގުޅުމެއްގައި އިތުބާރާއި ލޯބި އެކުލެވެނީ ކޮން މިންވަރަކަށްކަން ނޭނގޭނެއެވެ. މީގެ މާނަ އަކީ ގުޅުމެއްގައި އިތުބާރާއި ލޯބި އޮތް މިންވަރުބެލުމަށް މައްސަލަތަކެއް އުފެއްދުމެއް ނޫނެވެ. މިގޮތަށް މައްސަލަ ޖައްސާނަމަ ބައިވެރިޔާ ވަރަށް އަވަހަށް ފޫހިވާނެއެވެ. އަދި ދެފަރާތުގައި އޮންނަ ލޮއެއްބަށް ހީނަރުކަން އަންނާނެއެވެ.ދިރިއުޅުމުގައި ދިމާވާ މައްސަލަތަކަށް ދެ ބައިވެރިން އެކުގައި މަސައްކަތް ކޮށްގެން ހައްލު ހޯދާށެވެ. މިގޮތަށް ހައްލު ނުހޯދިއްޖެ ނަމަ އާޙިރުގެ ނަތީޖާއަކަށްވާނީ އެ ލޯބި ފަނޑުވެ އެ ގުޅުން ނިމުމެވެ.

އިތުބާރު ކުރުމަކީ ދެފަރާތުގެ ދެމެދުގައި އެއްވެސް ސިއްރެއް ނުބާއްވައި، ކޮންމެ އެއްޗެއްވެސް ބުނުމުގެ ނުވަތަ ކޮންމެ ކަމެއްވެސް ހިއްސާކުރުމުގެ ފުރުސަތު އޮތުމެވެ. އެކަކު އަނެކަކަށް ވަފާތެރިވެވޭނަމަ ދެފަރާތުގެ ދެމެދުގައި އެއްވެސް ސިއްރެއް އޮވެގެން ނުވާނެއެވެ. އެޔާއިއެކު އެކަކު އަނެކަކުގެ ސިއްރުތަށް ދެފަރާޓުގެ ދެމެދުގައި ހިފެހެއްޓޭނަމަ އެ ގުޅުމަކީ އުފާވެރި ގުޅުމަކަށް ވެގެން ދާނެއެވެ.

ނޫނެކޭ ބުނަންޖެހޭ ހާލަތްތަކުގައު ނޫނެކޭ ބުނަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހިތްހަމަ ނުޖެހޭ ކަމެއް ނަމަ ނޫނެކޭ ބުނާށެވެ. ނަމަވެސް ތިމާ ބުނާ އެއްޗަކުން އަނެކާ ތިމާއާއި ދޭތެރެ ދެކޭނެ ގޮތަކަށް ނޫނެކޭ ބުނުމުގެ ބަދަލުގައި އާއެކޭ ބުނެގެން އެ ވަގުތަށް ހިތްހަމަ ޖެހުން ލިބުނަސް ތިމާގެ އަމިއްލަ ނަފްސަށް އެ ވެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ.

އުފާވެރި ދިރިއުޅުމަކަށްޓަކާ މި ހުރިހާ ކަމަކަށް ވިސްނަމާތޯއެވެ. ކޮންމެ ގުޅުމަކީ ވެސް އުފާވެރި ބާއްޖަވެރި، ލޯބިވެތި އަދި އިތުބާރުހިފޭ ގުޅުމަކަސް ހެދޭނީ ދެފަރާތުގެވެސް އެއްބާރުލުމާއިއެކު އެވެ. އެކަކު އަނެކަކަށް ސިއްރުތަށް ހިއްސާ ކުރެވިގެންނެވެ. އެ ސިއްރުތަށް ދެފަރާތުގެ ދެމެދުގައި ހިފެހެއްޓިގެންނެވެ. މިދެންނެވި ގޮތަށް ކުރިޔަށްދާ ލޯބީގެ ގުޅުންތަށް ފުރިހަމަވާނެ ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST