• Photo: Facebook

"ތަރުބަވީ އިރުޝާދު" ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިއްމު ވޯރކްޝޮޕެއް. އެއީ ކީއްވެ؟

އަޅުގަނޑުމެން މުސްލިމުން ދެބަސް ނުވާނެ ފަދައިން ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މިކަން އަޅުގަނޑުމެނަށް އެނގިގެން ދަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުންނެވެ. އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ މި ޙަދީޘްފުޅުން ދޭހަވާ މާނައަށް ބަލައިލާއިރު މިޙަދީޘްގައި ވަނީ ""ތުއްތު ކުއްޖާ މި ދުނިޔެމައްޗަށް އުފަންވަނީ ފިޠުރަތުގެ ސާފު ގޮތްމަތީއެވެ. އެ ކުއްޖާ ޔަހޫދީއަކަށްވެސް ނަޞާރާއަކަށްވެސް މަޖޫސީއަކަށްވެސް ހަދަނީ އެކުއްޖާގެ މައިން ބަފައިންނެވެ."

ކޮންމެއަކަސް ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާއިރު، އެކުއްޖާއަކީ މައުސޫމް ކުށެއް ނެތް ކުއްޖެކެވެ. އެކުއްޖާއަށް ބަސްމޮށެން ދަސްކޮށްދީ، ކަންކަން ކުރަން ދަސްކޮށްދީ ހެޔޮ ނުބައި ބުނެދެނީ މައިންބަފައިންނެވެ. ނުވަތަ އެކުއްޖާ ބަލައިބޮޑުކުރާ ބައެކެވެ. އާދެ، އެކުއްޖާގެ ބެލެނިވެރިޔާއެވެ. އެހެންކަމުން އެކުއްޖާ ހެދިބޮޑުވާއިރު އެކުއްޖާގެ އަދަބު އަޚްލާޤާއި، އެކުއްޖާގައި ހުރި ސިފަތަކަކީ، ތަރުބިއްޔަތުގެ ތެރެއިން އެކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން އެކުއްޖާއަށް އުނގަންނައިދީ އަށަގަންނުވާ ގޮތެވެ. ނުވަތަ އެބައިމީހުންގެ ސަބަބުން އަށަގަންނަ ކަންކަމެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ދަރިން ބޮޑުވެ އުޅުމާއި އަޚްލާޤް ބިނާވެގެންދަނީ އެކުއްޖާއަށް ކުޑައިރު ދެވޭ ތަރުބިއްޔަތުގެ މައްޗަށެވެ. ތަރުބިއްޔަތު ރަނގަޅުވެއްޖެ ނަމަ، އެދަރިފުޅަކީ ތިމާމެންގެ ލޮލުގެ ފިނިކަންކަމުގައި ވެދެއެވެ. ތަރުބިއްޔަތު ނުބައި ވެއްޖެނަމަ، އެއީ ތިމާމެންގެ ޢުމުރުގެ ބާކީ ދުވަސްތަކުގެ ކަރުނަކަމުގައިވެސް ވެގެންދެއެވެ. މިއީ މިއަދު އަޅުގަނޑުމެނަށް ދޮގުކުރެވެން ނެތް ޙަޤީޤަތްތަކެވެ.

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީއިރު، އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެނީ އިސްލާމްދީނުގެ ފުރިހަމަ އުސޫލުތަކެވެ. އަޅުގަނޑުމެންގެ ދަރީން އިސްލާމްދީނުގެ ރިވެތި ސާދާ މަގުން ތަރުބިއްޔަތުކުރެވިއްޖެ ނަމަ، އެދަރިންނާއިމެދު ހިތާމަކުރާ ބައެއްކަމުގައި އަޅުގަނޑުމެން ނުވާނެއެވެ. ނުވަތަ އެއީ މުސްތަޙިއްލު ކަމެކެވެ. މުޖުތަމަޢުގެ ޒުވާނުންނާއި ކުޑަކުދިން، މިއަދު ވެއްޓިފައިމިވާ، މަސްތުވާ ތަކެއްޗާއި، އެހެންވެސް ނުބައި އިޖްތިމާޢީ އަޚްލާޤްގެ އަނދަވަޅުތަކަކީ އިސްލާމް ދީނާއި އެއްގޮތަށް އަޅުގަނޑުމެންގެ ދަރީންނަށް ތަރުބިއްޔަތު ދެވިފައި ނުވުމުގެ ނަތީޖާއެވެ. ދަރިން ބަސްނާހަނީއެވެ. ނަމާދު ނުކުރަނީއެވެ. ދީންވެރިކަމެއް ދަރިންގެ ކިބައިގައި ނެތީއެވެ. ނުވީތާކަށް އެކުދިން އުޅެމުން ދަނީ ހިތުހުރި ގޮތަކަށެވެ. އާޚިރަތް ހަނދާނެއް ނެތެވެ.

އެހެންކަމުން މިއީ މިއަދު ކޮންމެ މަޔަކާއި ބަފަޔަކު ވިސްނާލަން ޖެހޭ ކަމެކެވެ. މިކަންކަން ޙައްލުކުރަން އަޅުގަނޑުމެންގެ ހަމަ ކޮންމެ މީހަކުވެސް އެދެމުއެވެ. ސުވާލަކީ އެކަން ކުރާނީ ކިހިނެއްހެއްޔެވެ؟ އިސްވެ ދިޔަ ޙަދީޘް ބަސްފުޅަށް ވިސްނާލުމުން މީގެ ޖަވާބު އެބަ ލިބެއެވެ. އިސްލާމް ދީނުގެ ތަރުބިއްޔަތުން ތަރުބިއްޔަތު ދޭންވީއެވެ. މިކަން ކުރެވޭނީ، ދީނުގައި ތަރުބިއްޔަތު ކުރަން އޮތްގޮތް އަޅުގަނޑުމެނަށް އެނގިގެންނެވެ. އަޅުގަނޑުމެނަށް ގޯސްކޮށް ދެވޭ ތަރުބިއްޔަތަކީ ކޮބައިކަން ދެނެގަނެ، އިސްލާމީ ތަރުބިއްޔަތާއި އެއްގޮތަށް އެކަމެއް އިޞްލާހްކޮށްގެނެވެ. އެކުދިން މަދަރުސާތަކަށް ދިއުމުގއ ކުރިން އެކުދިންގެ މުދައްރިސްކަމުގައި ތިބެ، އެކުދިން ހާނުވާ މައިންބަފައިން މިކަން އުނގެނި ޢަމަލުކޮށްގެނެވެ. ގޭގައި ގިނަވަގުތު އެކުދިންގެ ކަންކަމުގައި މަޝްޢޫލުވެ އުޅޭ މައިންނަށް މިތަރުބިއްޔަތު އުނގަންނައިދީގެނެވެ.

އެހެންކަމުން މިހުރިހާ ކަމެއްގެ މައްޗަށް އަލިއަޅުވާލާ، އިސްލާމްދީނާއި އެއްގޮތަށް ތަރުބިއްޔަތު ކުރާނެ ގޮތް އުނގަންނައިދީ، ހޭލުންތެރި ކުރުވުމަށްޓަކައި ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އިން މިހާރު ވަނީ ވޯރކްޝޮޕަކަށް ތައްޔާރުވެފައެވެ. ބައްޕައިން، ދަރިންނާއި އެދަރިންގެ މައިންނަށްޓަކައި މަސްއްކަތުގައި އަވަދިނެތިވެ އުޅޭ އިރު، އެކުދިންނާއި އެކު ގިނަވަގުތު ހޭދަކުރައްވާ މައިންނަށް މިފިލާވަޅުތަކުގެ މުހިއްމުކަން ވަރަށްވެސް ބޮޑެވެ. އެހެންކަމުން 19، 20، 21 މެއި 2016 ގައި ނ.ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިވޯރކްޝޮޕް ވަނީ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްލާފައެވެ. ތަރުބިއްޔަތު ބިނާވެގެން ވަނީ ހެޔޮ ރަނގަޅު ކާވެންޏެއްގެ މަތީގައި ކަމުން، މިވޯރކްޝޮޕް މުހިއްމު ވަނީ ހަމައެކަނި މައިންނަކަށް ނޫނެވެ. އަދުގެ ޒުވާން، ކައިވެންޏާއި ކުރިމަތިލާންވެފައި ތިބި ކޮންމެ އަންހެނަކަށްމެ މިފިލާވަޅުތައް ވަރަށްވެސް މުހިއްމެވެ. ޒަވާޖީ ޙަޔާތް ބިނާކުރަންވީ ގޮތާއި، އެކަން ރާވާ، އެކައިވެނީގެ މަތީގައި ލިބޭ ދަރީން ހެޔޮގޮތުގައި ބިނާކުރުމަށް ޢަމަލުކުރަންވީ ގޮތްތައް އެނގި ތައްޔާރު ވެވޭނީ އޭރުންނެވެ. "ތަރުބަވީ އިރުޟާދު" މިނަމުގައި ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްއާއި، ވެލިދޫ ހިޔާލީ ސްޕޯރޓްސް ކްލަބް، ވެލިދޫ ޕޮލިސް ސްޓޭޝަން،  ގުޅިގެން ހިންގަން ހަމަޖެހިފައިވާ މިވޯރކްޝޮޕްގެ މަޤްސަދަކީ، ވެލިދޫގެ މުޖުތަމަޢުގައި އުފަންވެ ބޮޑަތިވެގެން އަންނަ ދަރީންނަކީ، ހެޔޮލަފާ، ރަނގަޅު ދަރީންތަކަކަށް ހެދުމެވެ. މިވޯރކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ ޑރ.މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފްއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST