• ނ. ވެލިދޫ

"ނަރަކަ ވެލިދޫ" އަކީ ކޮބައިކަމެއް ވަރަށް ގިނަ މީހުންނަކަށް ނޭނގެއެވެ. ގިނަ މީހުން ހީކުރަނީ "ނަރަކަ ވެލިދޫ" އަކީ މިލަދުންމަޑުލު ދެކުނުބުރި، ނ.އަތޮޅު ވެލިދޫއަށް ކިޔާނަމެއް ކަމަށެވެ. އެހެން ހީކުރާ މީހުން، ވެލިދޫ ރައްޔިތުންނަށް ނިސްބަތްކޮށް ތިއީ ނަރަކަ ވެލިދޫ މީހެކޭ ބުނެއުޅެ އެވެ.

ނަމަވެސް އެމީހުން އެހެން ބުނާއިރު، ވެލިދޫ މީހުންނަށް ނަރަކަ ވެލިދޫ އަކީ ނ.ވެލިދޫ ނޫންކަން ބުނެދޭކަށެއް ނޭނގެއެވެ. ސަބަބަކީ ފަހަކަށް އައިސް ވެލިދޫގެ ބައެއް މީހުންނަށްވެސް "ނަރަކަ ވެލިދޫ" އަކީ ނ.ވެލިދޫ ކަމަށް ގަބޫލުކުރެވިފައި އޮތުމެވެ. ވެލިދޫ މީހުންނަށް މިނަން ކިއީ މީހުން ނުބައިކަމުން ކަމަށް ވަރަށްގިނަ މީހުން ބުނެ އުޅެއެވެ. އެގޮތުން މަސްތުވާތަކެއްޗާއި މާރާމާރީގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ވެލިދޫ މީހުންނަށް "މިހިރަ ނަރަކަ ވެލިދޫ މީހާއޭ” ކިޔައިގެން މުޚާތަބުކުރާ މީހުންވެސް އުޅެއެވެ.

ރާއްޖޭގައި ދެ ވެލިދޫ އެއް އެބައޮތެވެ. އެއީ އަޅުގަނޑުމެންގެ ރަށް، ނ.ވެލިދޫ އާއި އއ.އަތޮޅުގައި، ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ވެލިދޫ އެވެ. ނަމަވެސް މިހާރު އެރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްގެން ހިންގާ ރަށެކެވެ. އެ ރިސޯޓަށް މިހާރުވެސް ނަން ކިޔަނީ "ވެލިދޫ އައިލެންޑް" ގެ ނަމުންނެވެ. ރާއްޖޭގައި ދެ ވެލިދޫ އޮތްއިރު "ނަރަކަ ވެލިދޫ" އަކީ ނ. ވެލިދޫ އަށް ކިޔާ ނަމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.

ބައެއް ބޭފުޅުން ބުނާ ގޮތުން "ނަރަކަ ވެލިދޫ" މިނަމަކީ 1980 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޑްރާމާއެއްގައި ބޭނުންކުރި ހިޔާލީ ނަމެކެވެ. އެނަން އެގޮތަށް ބޭނުންކުރިއިރުއެޑްރާމާގައި ބުނާކަމަށްވަނީ ށ.އަތޮޅު ކައިރީ އޮންނާނޭ ނަރަކަ ވެލިދޫ ކިޔާ ރަށެއް، އެރަށް ބޭރަށް ގޮސް މިވެނި ކަމެއް ކުރާށޭ، މިފަދަ ގޮތަކަށެވެ. އެތައް ފަހަރަކު ރިޕީޓްކޮށް ފޮނުވި މި ޑްރާމާގެ ސަބަބުން ވެލިދޫ މީހުންނާ މުޚާތަބުކޮށް ނަރަކަ ވެލިދޫ ކިޔަން ފެށީ އެވެ.

އޭރު މުޅި ރާއްޖެ އަށް އެންމެ އާންމު މީޑިޔާއަކީ ރޭޑިއޯ ކަމަށްވީއިރު ރެޑީޔޯ އިން ގެނެސްދިން މިފަދަ ޕްރޮގްރާމަކުން މީހުންގެ ބޮލަށް ނުބައި މައުލޫމާތެއް ވަދުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

މިކަމާ ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ އަޑުން އޭރު ފޮނުވި އަޑުއެހުންތެރިންގެ ސުވާލު ހުށަހަޅާ ޕްރޮގްރާމަކަށް ވެލިދޫ މީހަކު ނަރަކަ ވެލިދޫ އަކީ ކޮބައިތޯ އަހާ ސުވާލު ފޮނުވި އެވެ. އެ ޑްރާމާގައި “ނަރަކަ ވެލިދޫ” ކިޔާ އެމުޚާތަބުކުރަނީ ކޮންރަށަކަށްތޯއެވެ. ޖަވާބުގައި ދިވެހިރާއްޖޭގެ އަޑުން ބުނެފައިވާކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ، އެއީ ވަކި ރަށަކަށް ކިޔާ ނަމެއް ނޫން ކަމަށާއި ޑްރާމާގައި ބޭނުންކޮށްފައިވާ ޚިޔާލީ ނަމެއް ކަމަށެވެ.

ވެލިދޫ މީހުންނަށް ލިބިފައިވާ ތަރައްގީ އާއި ވެލިދޫ މީހުންގެ ހިތްހެޔޮކަން، ހަތުރުވެރި ރަށްރަށު މީހުން ތަފާތު އަޑުތައް ފަތުރައިގެން ހަޑިކުރުމަށް ވަރަށް މަސައްކަތް ކުރެއެވެ. އެގޮތުން "ނަރަކަ ވެލިދޫ" މިނަންވެސް ވެލިދޫއަށް ނިސްބަތްކުރަންފެށީ މިގޮތަށެވެ. ވެލިދޫ އަކީ މަސްތުވާތަކެތީގެ މައްސަލަތައް ބޮޑު ރަށެކެވެ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަގީގަތެކެވެ. އެކަމަކު މިއަދު މުޅި ގައުމުގެ ހާލަތަށް ބަލާއިރުވެސް މަސްތުވާތަކެތީގެ މައްސަލަވަނީ ބޮޑު ވަބާއެއްހެން ފެތުރިފައެވެ. އެކަން ހަމައިގައިހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެހެންވީއިރު، މުޅި ދިވެހިރާއްޖެވެސް މިއަދު މިވަނީ ނަރަކައެއްގެ ތެރެއަށް ވެއްޓި ހަލާކުވެފައެވެ.

ވެލިދޫގެ އަވަށްޓެރި ރަށްރަށަށް ބަލައިލިއަސް ހިތް ނުބައީ ވެލިދޫ މީހުން ނޫންކަން ރަނގަޅަށް އެނގޭނެ އެވެ. ވެލިދޫން އަވަށްޓެރި ރަށްރަށު މީހުންގެ ދަރިން ކިޔަވައިގެން ދާއިރު، ގިނަ ކުދިން ގޭގޭގައި ތިބެފައި އެދަނީ ހިލޭ ސާބަހަށެވެ. ނަމަވެސް، ނ.އަތޮޅުގެ ބައެއް ރަށްރަށުގައި ކުއްޖަކު ބަހައްޓައިދިނުމަށް ހާހުން ނަގާ ރަށްރަށްވެސް އެބަހުއްޓެވެ. ވީއިރު ހިތްނުބައީ އަދިވެސް ވެލިދޫ މީހުންތާ އެވެ؟ ދެން މާރާމާރީއަށް ބަލާއިރު އަވަށްޓެރި އަތޮޅުތަކުގައިވެސް މިފަހަކަށް އައިސް ވެލިދޫއަށްވުރެ މާރާމާރީ ހިނގާލެއްވެސް މާގިނައެވެ. އަދި ބައެއް މާރާމާރީގައި މީހުންނަށް ގެއްލުންލިބޭލެއްވެސް މާގިނައެވެ. ޚާއްސަކޮށް ޅ.އަތޮޅުގެ ބައެއް ރަށްރަށުގައި ފަހަކަށް އައިސް ހިނގާފައިހުރި މާރާމާރީތަކަށް ވިސްނާލުމުން މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެވަރުންވެސް އުތުރުގައި އޮތް ނަރަކައަކީ ވެލިދޫ ކަމަށް މީހުން ގަބޫލުކުރަނީ، ވެލިދޫ މީހުންނަށްވެސް ރައްދުދެވޭލެއް މަދުވުމުންނެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • އާދަމް Wednesday 1st April 2015

    އެއްވެސް އަސްލެއް، ޙަޤީޤަތެއްނެތި ބޯދާވާހަކައެއްގެ މައްޗަށް ބިނާކޮށް ނަރަކަ، ޖަހައްނަމަ ފަދަ ނަމުން މުޚާތަބުކުރުމަކީ ކޮށްގެންވާނެކަމެއްނޫން. އަދި ވެލިދޫ ކިޔާ އެހެން2 ރަށެއްއޮންނައިރު ނ. ވެލިދުއަށް އެހެންކިޔުމުގެ ބަދަލުގައި މީހުންއުޅޭ ފަޅުވެފައިވާ އއ ވެލިދުއާއި، ށ. އަތޮޅު ވެލިދޫން ކުރެކޮންމެވެސް އެއްރަށެއް ނަރަކަ ވެލިދުއަށްވުން ގާތްކަން ބޮޑެވެ. ސަބަބަކީ، ބައެއްރަށްރަށް ، ބައެއް ޤައުމު ފަޅުވެފައިވަނީ، އެ ޤައުމެއްގެ އެރަށެއްގައި ދިރިއުޅުނު މީހުންގެ ނުބައިކަމުންނެވެ. ވީމާ، ނ. އަތޮޅު ވެލިދުއަށް އެނަން މުޚާތަބުކުރުން ރަނގަޅެއްނޫނެވެ. އަދި ދިވެހިރާއްޖޭގެ އަޑުން އެއްވެސް އަސްލެއް ނެތި ޑްރާމައިގައި ވިސްނާލުމެއްނެތި، އެންމެ ނުބައިތަނުގެ ނަން ރަށެއްގެ ނަމަށް ނަން އުރަކަށް ބޭނުންކުރުމަކީ ދިވެހިރާއްޖޭގެ އަޑުން ކުރި ވަރަށް ނުރަނގަޅުކަމެކެވެ. އޭގެ ރަނގަޅުގޮތް ބުނެދޭންޖެހޭ ކަމެކެވެ.

  • ނިވް މާރސްThursday 26th February 2015

    މަޣްރިބް ކަރައިގެ ބޭކަލެއް ކަމަށް ބުނެވޭ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ އަތްޕުޅުމައްޗަށް މި ދިވެހިރާއްޖެ އިސްލާމްވި ވާހަކަ އަކީ އެންމެންވެސް ދަންނަވާހަކައެއް. މިގޮތުން ރާއްޖެ އިސްލާމް ވުމާއެކު، ރާއްޖޭގެ ރަސްމީ ދީނަކީ އިސްލާމްދީންކަމަށާ، އެދީނަށް ވަނުމަށް ދަޢުވަތު އެރުވުމުގެ ގޮތުން، ރަދުންގެ ފަރާތުން ރާއްޖޭގެ ހުރިހާ ރަށަކަށް ފަތްކޮޅެއް ފުނުއްވި ކަމށްވޭ. މިގޮތުން ވެލިދޫއަށްވެސް މި ފަތްކޮޅު ފޮނުވުމުން، ފުރަތަމަ ފަހަރު އެ ފަތްކޮޅު ޤަބޫލު ނުކޮށް އަނބުރާ ފޮނުވާލީ ކަމަށް ބުނެވޭ. މިހެންވެ، މިކަމާ ގުޅުވައިގެން "އައި ފަތަށް އީމާން ނުވި ނަރަކަ ވެލިދޫ" އޭ ކީ ކަމަށް ބުނެވޭ.

  • ސާއިދުThursday 26th February 2015

    ދެން ކޮންތަނެއްގެ ބައެއްތަ ތިބުނާހާ ރަނގަޅީ؟؟؟؟؟

  • ޓެލާThursday 26th February 2015

    ވެލިދޫ ދެކެ ޖޭވާ މީހުން ފިށްތާލާ ދެން!

  • އައްސަދުThursday 26th February 2015

    NA ޖޭވިޔަސްތީ ބޮޑުވަރު.. ހަޖަމް ޕްލީސް

  • މުހައްމަދު Thursday 26th February 2015

    ވަރަށް ރަނގަޅު ވާހަކަެއެއް. މީގެ ފަހުން ވެލިދޫ މީހުންނަށް ނިސްބަތްކޮށް "ނަރަކަ" ނުކިޔާތި

  • އަހުމަދުThursday 26th February 2015

    ހަލީމް އެ ބުނަނީ ކަމުގެ ހަގީގަތް ކިޔައިދިނުމަށް. ލިޔުންތެރިޔާ ބުނި އެއްޗެއްގެ މާނަ ތިނެންގެވީ ވަރަށް ނުބައިކޮށް. އަޅުގަނޑަށް މީތި ވަރަށް ސަޅި

  • އިއްބެThursday 26th February 2015

    އަހަރެން މީ ނަރަކަ ވެލިދޫ މީހެކޭ! ލޮލް :)

  • ހަލީމްThursday 26th February 2015

    އެވަރުންވެސް އުތުރުގައި އޮތް ނަރަކައަކީ ވެލިދޫ ކަމަށް މީހުން ގަބޫލުކުރަނީ، ވެލިދޫ މީހުންނަށްވެސް ރައްދުދެވޭލެއް މަދުވުމުންނެވެ." ތިޔަ ބުނަނީ ރައްދުދީ، ތަޅާ މާރާމާރީ ހިންގަން ވީތޯއެވެ. ނަރަކަ ވެލިދޫ އޭ ބުޏާ މިހެއްގެ އަނގަމަތި ފަޅާލަންވީތޯއެވެ. ލިޔުންތެރިޔާ މިފަދަ ކަންކަމަށް ހިތްވަރު ނުދެއްވުން ރަނގޅެވެ.

  • naThursday 26th February 2015

    Kithamme dheraviyas rulhi ayas hama thirashu myhun nnulafaa kamun ehn kiyany...

މި ލިޔުމަށް ކޮމެންޓްކުރަށްވާ