• ދިގު ވާހަކަ

(ހުކުރު ދުވަހުގެ ބަޔާ ގުޅޭ 14-12-26)

ދެ މީހުުން އިނދެގެން އުޅޭތާ އަދި މިވީ ކުޑަ ދުވަސްކޮޅެކެވެ. ރިފްގާ އާއި ޝާފިއު ކައިވެނިކޮށްގެން އަހަރެއް ނުވަނީސް އޭނާ ބަނޑުބޮޑުވެއްޖެ އެވެ. ދެމީހުންނަކީ ވަރަށް ލޯބިން އުޅޭ ދެމަފިރިންނެވެ. އަބަދު ވެސް އުޅެނީ އެއްކޮށެވެ. ޝާފިއު އުޅޭ ގޮތުން ބަައެއް ފަހަރު ރިފްގާ އަށް އުނދަގޫ ވެސްވެ އެވެ. މާބޮޑަށް ބަލައިގެން އުޅޭތީ އެވެ. ބަނޑުބޮޑުވި ފަހުން ޝާފިއު ދޭ ސަމާލުކަން އިތުރުވި ކަހަލަ އެވެ.

************************************************

އޮފީސް ނިންމާލިތަނުން ޝާފިއު އަށް ރިފްގާ ގުޅައިފި އެވެ.

"ޝާފިއު ހިނގާބަލަ ފިހާރަޔަށް ދާން" ރިފްގާ ފޯނުން ވާހަކަ ދައްކަމުން ބުނެލި އެވެ.

"ކޯޗެއް ގަންނަން؟" މީގެ ދެ ދެ ދުވަސް ކުރިން ދެ މީހުން ޝޮޕިން އެއް ނިންމާލުމުން ޝާފިއު ހައިރާންވެގެން އަހާލި އެވެ.

"ތަރުކާރީ ކޮޅެއް. ބަށިކޮޅަކާއި ކިއުކަންބާ ކޮޅެެއް އެބަޖެހޭ ގަންނަން. މަންމަ ވެސްވީ ބޭރުގަ،" ރިފްގާ ބޭނުންވާ ސާމާނު ކުޑަ ގޮތަކަށް ޝާފިއު އަށް ކިޔައިދިނެވެ.

"ރިފް ހުރޭ ގޭގަ! ޝާފިއު ގަނެލަފާނަން. ބޭނުންވާ އެއްޗިހީގެ ލިސްޓެއް ޓެކްސްޓްކޮށްލާ" ރިފްގާ ބަނޑުބޮޑު ހާލުގައި ބާޒަށްދާކަށް ޝާފިއު އެހާ ހިތްހަމައެއް ނުޖެހެ އެެވެ.

"ދެން! ރިފް ވެސް ބޭނުންދާން. އެހެން ނޫނަސް ޝާފިއު އަކަށް ނޭނގޭނެ ތާޒާ އެއްޗެހި ވަކިކުރާކަށް. ރިފް  ގޭގަަ އޮވެ އޮވެ ވަރަށް ފޫހިވެސްވެއްޖެ" ރިފްގާ ބޭނުންވީ ކޮންމެ ގޮތެއް ވެސް ހަދާފައި ބޭރަށްދާށެވެ

ދެ މިހޫން ބާޒަރުން އައިސް ގޭ ދޮަށަށް ސައިކަލު މަޑުކޮށްލައިފި އެވެ.

"ޝާފިއު އެއްޗިހި ހިފައިން މައްޗަށް އަރާ ރިފް އެބައަންނަން މީނަ ފިހާރަޔަށް ގޮސް އެއްޗެއް ގަނެލައިގެން" ރިފްގާ ފޮނުވަން ޝާފިއު ބޭނުންނުވި ނަމަވެސް ކައިރި ފިހާރައެއްވީމަ އޭނާ އެއްބަސްވި އެވެ.

"ސޭޓް މަސް މިރުސް އެބަހުރިތަ؟" ރިފްގާ ފިހާރަށަށް ވަދެ އަހާލި އެވެ.

އެ ފިހާރައިގައި މަސް މިރުސް ނެތުމުން ރިފްގާ ދިޔައީ ޖެހިގެން އިން ގޯޅީގައި އިން ފިހާރަޔަކަށެވެ. ފިހާރައިން ނިކުމުގެ ތަންކޮޅަކަށް ހިނގައިގަތްތަނުން ފަހަތުން މީހަކު އައިހެން ހީވި އެވެ. ޝާފިއު ކަމަށްް ހީކޮށް ފަހަތް ބަލާލި އެވެ. އެކަމަކު މީހަކު ނެތެވެ. އަނެއްކާ ވެސް އޭނާ ހިނގައިގަތެެވެ. މި ގޮތަށް ދެތިން ފަހަރު ހީވުމުން ރިފްގާ ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ގެއެއްގެ ދޮރުމައްޗަށް އެރުނުތަނުން މީހަކު އޭނަ އަތުގައި ހިފާ އެތެރެ އަށް ދަމައިގަނެފި އެވެ. އެވަގުތު އަތުގައި އޮތް ދަބަސް މަގުމައްޗަށް ވެއްޓުނެވެ.

***********************************************************

ގަރާޖެއް ކަހަލަ ތަނެއްގެ ތެރެ އެވެ. ރިފްގާ އިނީ ގޮނޑިއާލާ ބަނދެފަ އެވެ. އަނގަމަތީ ވެސް އިނީ ފޮތިގަނޑަކުން އައްސާފަ އެވެ. ލައިގެން ހުރި ހެދުން ވެސް ހުރީ ކިލާވެ، ކޮންމެ ވެސް ވަރަަކަށް ވީދިފަ އެވެ.  އެތަނަށް އާދެވުން ގޮތެއް ހަނދާނެއް ނުވިއެވެ. އެންމެ ފަހުން އޭނާ ހަނދާނުގައި ހުރީ ގެ އެއްގެ ތެރެ އަށް މީހަކު އޭނާ އަތުގައި ހިފާ ވެއްދި ހަނދާނެވެ. އަދި ފަހަތުން ބޮލުގައި ވަރަށް ބާރަށް ޖެހުމާއެކު އޭނާ ވެއްޓުން ހަނދާނެވެ. ނަމަވެސް ފަހުން މަޑުމަޑުން ކޮންމެ ވެސް ވަރަކަށް ހަނދާން އާވަމުންދިޔަ އެވެ. މީހަކު އޭނ އެތެރެ އަށް ވެއްދިކަމެވެ. އަދި ބިންމަތީ ދަމަމުން ގެންގޮސް ގޮނޑީގައި ބަންނަން އުޅުން ހިސާބަށް ތަންތަން ކޮޅު ހަނދާނަށް އަންނަމުން ދިޔަ އެވެ. އޭރު ވެސް އޭނާ ހުރީ ދެބަވެފަ އެވެ.

ކޯޓެއް ލައިން ހުރި މީހަކު އައިސް ރިފްގާއާ ދިމާލަށް ދަބަހެއް ހޫރުވާލައިފި އެވެ. ރިފްގާ ދަބަހަށް ބަލާލި އެވެ. އޭނާ ގެއިން ނުކުންނަމުން ގެނައި ދަބަހެވެ. ރަނގަޅަށް ހޭވެރިކަންވީއިރު ރިފްގާ ވަރަށް ބޮޑަށް ކަރުހިއްކައި ގަނެއްޖެ އެވެ.

"ފެން!ފެން!" ވަރަށް އުނދަގުލުން ދުލުން ފޮތިގަނޑު ފޭކޮށްލައި ފެނަށް އެދެނެވެ.

އޭރު އެތަނުގައި ކައްކަން އުދާފަ ހުރި ފެންކުރައެއް ހުއްޓެވެ. ފެން އެތި ކެކިގެންގޮސް އުނދުނަށް އެޅުމުން އުނދުން ވެސްް ނިވިއްޖެ އެވެ. ކޯޓުލައިން ހުރި މީހާ އެކުރައިން ދަގަނޑުތައްޓަކަށް ފެން އަޅައިފި އެވެ. އަދި ފޮތިގަނޑަކާލައި އެ ތަށި ހިފައިން އައިސް ރިފްގާ ކުރި މަތީގައި ބަހައްޓައިފި އެވެ. އެއްއަތުން އިސްތަށިގަނޑުގައި ހިފާފައި އަނެއް އަތުން ފޮތިގަނޑު ނައްޓުވާލައިފި އެވެ.

"ޕްލީސް ތިހެން ނުހަދަަބަލަ! ރަހުމްކޮށްބަލަ" ފޮތިގަނޑު ނައްޓުވާލުމާ އެކު ރިފްގާ އާދެހުގެ ވާހަތައް ފެށި އެވެ. އެކަމަކު އެމީހާ ރިފްގާ ދައްކާ ވާހަކައަކަށް އެެއްވެސް ސަމާލުކަމެއް ނުދެ އެވެ. ބިންމަތީ ބަހައްޓާފައި ހުރި ހޫނު ފެންތަށި އިސްތަށިގަނޑަށް ބާރުކޮށްލުމަށް ފަހު ރިފްގާގެ އަނގަަމައްޗަށް އަޅާލައިފި އެވެ. އޭނާ މަރަށް ތެޅުން ކަހަލަ އެވެ. ކިތަންމެ ބާރަށް ހަޅޭއްލެވި ނަމަވެސް އެ އަޑުތައް އަހާނެ މީހަކު ނެތެވެ. މުޅި އަނގަމަތި އެއްކޮށް ހުރީ ފިހިފަ އެވެ. އަދި ރިފްގާ އަށް އިތުރު ވާހަކައެއް ދެއްްކޭނެ ހިތްވަރެއް ނެތެވެ. ތުންފަތް އެއްކޮށް ހުރީ ފޮޅުއަރާފަ އެވެ.

************************************************

ޝާފިއު ރިފްގާ ނުފެނިގެން މުޅި ސަރަހައްދު ހޯދައިފި އެވެ. ކައިރި ހިސާބުގަނޑުގައި ހުރި ހުރިހާ ފިހާރައެއް ބަލައިފި އެވެ. ކުރިން ވަތް ފިހާރަތަކަށް ވެސްް އެތައް ފަހަރަކު ވަދެވިއްޖެ އެވެ. ލިބެނީ ހަމަ އެއްޖަވާބެކެވެ. ފޯނަށް ގުޅާ ގުޅާ ފޯނެއް ނުނަގަ އެވެ. ރިންގްވެ އެވެ. ގެ އަށް އައިސްބެލިއިރު ރިފްގާ ފޯނު އޮތީ ޗާޖަށް ޖަހާފަ އެވެ. ކަންބޮޑުވެފައި ހުރި ޝާފިއު އަށް ފޯނު ފެނުމާ އެކު އިތުރަށް ހާސްވި އެވެ. އަދި އަވަހަށް ފުލުހުންހުންނަށް ގުޅާ ރިފްގާ ގެއްލުނު ކަމުގެ ރިޕޯޓް ކޮށްފި އެވެ.

********************************************

ފުލުހުންގެ މައި އިމާރާތަށް ކަމިޝަނަރު ޒައްޔާން ވަދެއްޖެ އެވެ. ޒައްޔާން ވަދެގެން ދިޔައީ ވަރަށް ބާރަށެވެ. އޭނާ ވަދުމާ އެކު ފެންނަ ކޮންމެ މީހަކު ސެލިއުޓް ނަގަމުންދިޔަ އެވެ. ކަމިޝަނަރު ފުރަތަމަ އައިސް ވަނީ އެސިސްޓެންޓް ކަމިޝަނަރު ޝާހުގެ ކެބިންނަށެވެ.

"ޝާހް! މިހާރު މާލެތެރޭގެ ކަންކަން މި ވަނީ ކިހިނެއްތަ؟" ޒައްޔާން ޝާހު އާއި ސުވާލު ކޮށްލި އެވެ.

"ސާރ އަށް އިނގޭ ވަރަށް އަޅުގަނޑަށް ވެސް އެނގެނީ. ފުރަތަމަ ގެއެއްގަ ރޯވުން. ދެން މީހަކު މަރުންވުން. އެއްވެސް ކަމެއްގެ އިތުރު ޑެވެލޮޕްމެންޓެއް ނުލިބޭ. ހަމަހުރި ހިސާބެއްގައި ސްޓަކްވެފަ ހުރީ. އަޅުގަނޑުމެންގެ ޓީމުން މިދިޔަ ހަ މަސް ދުވަސް އެއްކޮށް މިދިޔައީ ވަރަށް ބުރަކޮށް. ނަތީޖާ އެއް ނުނިކުންނާތީ ރައްޔިތުން ވެސް ވަރަށް ކަންބޮޑުވޭ. އަދި މީޑީޔާގެ ސުވާލުތައް ވެސް އޭހާ ގިނަ" ޝާހު ފައްޗަށްކަށް އޭނަގެ ހިޔާލު އަމުނާލި އެވެ.

"ސީދާ ރައީސް ވެސް އެތައް ފަހަރަކު މިކަންކަމާ ގުޅައިފި. މިނިސްޓަރު ވެސް މިކަމާ ވާހަކަ ދެއްކި އަދަދެއް ނޭނގޭ. ފޮރިންސިކް އަށް ނުވަންޏާ ސީދާ ބޭރުގެ އެހީ ވެސް ހޯދުމަށް ރައީސް އެދިލެއްވި" ދެ މީހުން އެސިސްޓެންޓް ކޮމިޝަނަރުގެ ކެބިން އިން ނުކުމެ ހިނގައި ގަނެއްޖެ އެވެ.

އެދިޔަ ގޮތަށް ވަނީ ބޮޑު ކޮންފްރެންސް ހޯލަކަށެވެ. އެކި ރޭކިންތަކުގެ އޮފިސަރުން އެތާ ތިއްބެވެ. ބައެއް އޮފިސަރުން ޔުނީފޯމްގައި ތިބިއިރު ޓައީ އަޅައިން ތިބި މީހުންނާއި ބައެއް އަންޑަކަވާ އޮފިސަރުން ވެސް އެތާ ތިއްބެވެ. ޒައްޔާން އާއި ޝާހް ވަނުމާ އެއްކޮށް ސެލިއުޓްނަގައި އެންމެން ކޮޅަށް ތެދުވެއްޖެ އެވެ. އެމީހުންނަށް ހާއްސަކޮށްފައިވާ ގޮނޑީގައި ގޮސް އިށީނދުމާ އެކު ބާކީ ތިބި އޮފިސަރުން ވެސް އިށީނދެއްޖެ އެވެ.

(ނުނިމޭ).

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ