• ބަރޯއެއްގައި ހަައްސާނު އިށީނދެލައިގެން

 • ހައްސާނު ފޯނެއްގައި

 • ހައްސާނު ކުނި ހުސްކުރަނީ

މޭނާ ހައްސާނާ އެކު މުޅިން ތަފާތު ދަތުރެއް

ހަވީރު ނޫހުގައި ހަތް އަހަރު ދުވަހު ނޫސްވެރިކަން ކުރުމަށް ފަހު ނޫސްވެރިކަމާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ދިއުމަށް ނިންމީމެވެ. ބައްޕަގެ އެދުމުގެ މަތިން އާއިލާގެ ވިޔަފާރީގައި އެހީވުމަށް ކޮންސްޓްރަކްޝަން ކުންފުނީގެ ކަންތައްތައް ބެލުމަށް، ނ. ރަންދެލި ރިސޯޓް ޕްރޮޖެކްޓަށް ބަދަލުވީމެވެ. އަހަންނާ މޭނާ ހައްސާނު ދިމާވީ އެތަނުންނެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ރަށްހުޅުވުމަށް ކައިރިވެފައިވާއިރު ބޮޑު މާސިންގާ ދެ ކުނިގޮނޑު ރަށުގައި ހުއްޓެވެ. އޭރު އަހަރުމެން ކުންފުނިން އައީ ރަށުގެ ފަޅުތެރެއަށް އެޅިފައިވާ ކުނިތައް ނަގާ ސާފު ކުރަމުންނެވެ. ނަމަވެސް ޖޫން ޖުލައިގެ ވިއްސާރައިގައި ކުނިގޮނޑުތައް ގިރާލައިގެން ފަޅުތެރެ އަށް ބަންޑުންޖެހުމުގެ ސަބަބުން ކުނިގޮނޑަށް ގޮތެއް ނުހަދައި މޫދު ސާފުކުރުމަކީ އުނދަގޫ ކަމެއް ކަމަށް ޕްރޮޖެކްޓް މެނޭޖަަރު ހުސެއިން ސުޖާ އަށް ދެންނެވީމެވެ.

"ކުނީގެ މައްސަލަ ހައްލުވަނީ ދިވެހިން ގެނެސްގެން. ކުނި ނުފެންނަ މީހުން ގޮވައިގެން އަހަންނަކަށް ދެނެއް ނޫޅެވޭނެ. މިހުރިހާ ބޭރު ސްޕަވައިޒަރުން ފޮނުވާލާފައި ދިވެހިން ގެނެސްގެން މިކަން ވަނީ. އެހެން ރަށްރަށަކު ވެސް މިގޮތަށް އެތައް މިތަނަށް ކުނި އަޅާފައެއް ނެތް،" ގިނަ ރިސޯޓް ޕްރޮޖެކްޓްތަކެއްގައި އިސްވެ މަސައްކަތްކޮށްފައިވާ ސުޖާ ވިދާޅުވި އެވެ.

އޭގެ ހަފުތާއެއް ފަހުން ސުޖާ އެދިގެން ކުނިގޮނޑު ހުރި ސަރަހަށްދަށް އަހަރެން އައިމެވެ. ގޮނޑުދޮށަށް ފައިބާފައި ހުރި ކުނިތައް އެކްސްކަވޭޓަރު ޑްރައިވަރުލައްވާ އެއްގަން ކުރުމަށް މަސައްކަތް ކުރަނީ އެވެ. އެކަމުގައި ވަރަށް ފޯރީގައި އިރުޝާދުދޭން ހުރީ އެކަހަލަތާކުން ދުވަހަކު ވެސް ފެންނާނެ ކަމަށް އުންމީދު ކުރި މީހެއް ނޫނެ އެވެ.

"ހާލިދު ކުންފުނީގަދޯ މަސައްކަތްކުރަނީ،" ބަރު އަޑަކުން އެމީހާ ސުވާލުކޮށްލި އެވެ.

އެއީ މޭނާ ހައްސާނު ކަމެއް އަހަނަކަށް ނޭނގުނެވެ. ހައްސާނުގެ ލަވަތައް އަހަނަށް ވަރަށް ގިނައިން އަޑުއިވެ އެވެ. އޭނާގެ ލަވަތަކުގައި ދިވެހިވަންތަ އަމިއްލަ ގޮތެއް ހުރެ އެވެ. ނަމަވެސް އޭނާއާ ބައްދަލުވުމުގެ ފުރުސަތެއް މީގެ ކުރިއަކުން ލިބިފައެއް ނެތެވެ. އެހެންވެ އޭނަ އެއީ ކާކުންކަން ނޭނގުނީ އެވެ.

ނޫސްވެރިއަކަށް އުޅުންއިރު އެފަދަ މަޝްހޫރު މީހުންނާ ދިމާވެފައި ހުރީ ކޮންމެ ވެސް ކަހަލަ ހަފުލާއަކުންނެވެ. ނުނީ އިންޓަވިއުކޮށް އުޅުނީ އެޕޮއިންޓްމެންޓަށް އެދިގެން މޭޒުކައިރީގަ އެވެ. ލަވައިގެ ދުނިޔޭގައި އެހާ ފުންނާބު އުސް ފަންނާނަކާ އެގޮތަށް ކުނިގޮނޑަކުން ދިމާވުންވީ ހައިރާންކުރުވި ކަމަކަށެވެ. ހައްސާނަކީ ލަވަކިއުމުގެ ފަންނުގެ އިތުރަށް މީހުން ގޮވައިން މަސައްކަތްކުރަން ދަންނަ، ހީވާގި މީހެއްކަން އެނގުނީ އެހާ ހިސާބުންނެވެ.

ސުޖާ ވިދާޅުވީ ވަރަށް ތެދު ވާހަކަ އެކެވެ. ހައްސާނުގެ މާލިމީ ކަމުގައި ބާޖުގައި ކުނި ގެންގޮސް ރަންދެލި ގޮނޑުދޮށް ސާފުކޮށްލީ ހީނުކުރާހާ ވެސް އަވަހަށެވެ.

ރަންދެޔަށް ހައްސާނު އައީ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރުގެ މަގާމަށެވެ. ނަމަވެސް އޭނާގެ މަސައްކަތުގެ ވައްޓަފާޅި ހުންނަނީ އެންމެ އާދައިގެ މަސައްކަތު މީހުން ވެސް އުޅޭ ގޮތަށެވެ. ކުނި ހުސްކުރާ ބާޖުގެ ކޮޅުގައި ގޮނޑިއެއް ޖަހައިން ދޭހާ އަތްވަކާއި ވެހޭހާވާރެއްގައި ހައްސާނު އައީ މަސައްކަތްކުރަމުންނެވެ. އަދި ނުނިދައި އަނެއްދުވަހު އިރުއަރަންދެން މަސައްކަތްކުރަންޖެހުނަސް އޭނާ ހުންނަނީ އެކަމަށް ވެސް ތައްޔާރުވެ އެވެ.

ހައްސާނު އައުމުގެ ކުރިން ރިސޯޓް ހުޅުވުމަށް ކަނޑައެޅި ދެ ތާރީހު ފަހަނާއަޅާ ވަނީ ގޮސްފަ އެވެ. އެކަމަކު އޭނާ ރަންދެލި ޕްރޮޖެކްޓާ ގުޅުންވީ ރަށްހުޅުވުމުގެ މަސައްކަތް އިތުރަށް އަވަސްކޮށްދިން ކަމަކަށެވެ.

ހައްސާނަކީ ވަރަށް ސަމާސާކުރާ މީހެކެވެ. ދެ މީހުންގެ އުމުރުން ކިތަންމެ ބޮޑު ތަފާތެއް ހުރި ނަމަވެސް ރަހުމަތްތެރިއެއްހެން އޭނާ މަޖާކޮށް ޖޯކު ޖަހާނެ އެވެ. އެހެންވެ އަހަރެން ވެސް އޭނާ އަށް ޖޯކު ޖަހަމެވެ. އަބަދު ވެސް “ކުނި ފަތަހަކުރި ވެރިޔާ” އޭ ކިޔާ އޭނާ އަށް ތައުރީފުކޮށް ހަދެމެވެ. އެގޮތަށް ސަމާސާކުރާއިރު ލަވަކިޔާ އެހެން ބަސް ބަހުން ވާހަކަދައްކާ ހެދުމަކީ ހައްސާނުގެ އާންމުކަމެކެވެ.

ހައްސާނު ކިޔެވީ ގްރޭޑް ތިނަކާ ހިސާބަށެވެ. އެކަމަކު އޭނާ އަކީ އިނގިރޭސި ބަހަށާއި ހިންދީ ބަހަށް ވެސް ވަރަށް ފަރިތަ މީހެކެވެ. އެހެން ބަސްތައް ވެސް ކޮންމެ ވެސް ވަރަކަށް އޭނާ އަށް އެނގެ އެވެ. ހައްސާނުގެ ބަހުންނަމަ އެންމެންނަކީ ވެސް އޭނާގެ “ދޯސްތުން” ނެވެ. އަދި ހުރިހާ އެންމެންގެ ހައްގުތައް ވެސް ރައްކާތެރިކުރަންޖެހޭނެ އެވެ. މިކަމަށް އެބަޔަކު ވާހަކަ ދަަައްކާ ބަސް އެނގުމަކީ މީހުންނާ އެކީ މަސައްކަތް ކުރުމަށް ފަސޭހަ ކަަމެއް ކަމަށް ހައްސާނު ދެކެ އެވެ.

"އަހަރެން މި މީހުން ގޮވައިން ކިތަންމެއިރަކު ވެސް މަސައްކަތްކޮށްފާނަން. އަހަންނަށް އެނގޭ ބަންގްލަދޭޝް މީހުން ގެންގުޅެން. އެމީހުންނަށް ދަޅެއްދީ ސިނގިރޭޓެއް ނުވަތަ (ބަނގާޅީ ރަށު) ބިޑިއެއް ދިނީމަ އަނެއް ދުވަހު މަސައްކަތަށް އަންނަނީ އަންނަ ހިތުން. މިތަނަށް އަންނަ ހުރިހާ ސްޕަވައިޒަރުން ވެސް ބުނާނެ ބަންގްލަދޭޝް މީހުން އޯޓީ ނުކުރާ ވާހަކަ. ގަޑިއަށްނާންނަ ވާހަކަ. އެމީހުން ވެސް އެއީ އިންސާނުން. ރުޅިއައިސްގެ ހަޅޭއްލަވައިގެން އެމީހުންނަށް މަޖުބޫރުކޮށްގެނެއް މަސައްކަތެއްނުކުރުވޭނެ،" ހޮޅުދޫ އަށް އުފަން ހައްސާނު ބުންޏެވެ.

ހައްސާނުގެ ދަށުން އެތައް ސުޕްވައިޒަރުންނެއް މަސައްކަތްކުރި ނަމަވެސް ވެރިއެކޭ ކިޔަފާއި އޭނާ އަމަލީގޮތުން ކަންކަމުގައި ބައިވެރިނުވެ ނުހުރެވެ. “މުޅި އޮޑީގައި ހަސަނުގެ ދެފައޭ” ބުނާ އުސޫލުން މުޅި ރަންދެލީގައި އޭރު އޮތީ ހައްސާނުގެ ދެފަ އެވެ.

ބަނގުލަދޭޝް ލޭބަރުން މަސައްކަތްކުރާއިރު އޭމީހުންނާއެކު ހޭލަ ވެސް ހައްސާނު ހުރެ އެވެ. އަދި ބައެއް ފަހަރު މަޖޫރީއެއްހެން ފޮށިއެއްޗެހި ވެސް އޭނާ އުފުލާ ހަދާނެ އެވެ.

އޭނާ އިސްކޮށްހުރެގެން ރަންދެލި ނިންމުގެ މަރުހަލައިގައި ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.  އޭގެތެރޭގައި ރަށުގައި ހުރި ވަގުތީ ގެތައް ނެގުމާއި ރަށުގެ ގޮނޑުދޮށްތަކަށް ވެލިއެޅުމާއި ގަސް ޖެހުމުގެ އިތުރުން އެރަށަށް ގެންނަ ހުރިހާ ސަޕްލައި އުފުލައި ބާލަނީ ވެސް ހައްސާނުގެ އިރުޝާދުގެ ދަށުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ހައްސާނަކީ "އޯލް އިން ވަން" މީހެކެވެ.

ކުރާކޮންމެ ކަމެއް ވެސް އޭނާ ކުރަނީ ސަމާސާކޮށް މަޖާ ކުރަމުންނެވެ. މަސައްކަތު ސައިޓަށް އައިސް ނަށާއި ލަވަ ކިޔާވެސް ހަދާނެ އެވެ. އަދި ސައިޓުގައި މައްސަލައެއް ޖެހުނަސް ހައްސާނު ބަލާނީ ސަމާސާއެއްގެ ތެރެއިން މައްސަލަ ހައްލުކޮށްލެވޭތޯ އެވެ.

ހައްސާނު ބުނެގެން އޭނާޔާ އެކީ ކެންޓީނަށް ކާންދިޔަ ދުވަހެކެވެ. މޭޒުމަތީ ތަށްޓަކަށް އަޅާފައި ކަރާ ފޮތިތަކެއް ހުއްޓެވެ. އެއިން ކަރާ ފޮށްޗެއް ކުޑަ ކަރައެއް ހަތަރު ފަޅި އަށް ފަޅާލީމަ ވާވަރުވެ އެވެ. ހައްސާނަށް ކަރާ ފޮތިފެނުމުން ކަރާ ފޮތިކުރި ބަންގްލަދޭޝް ވޭޓަރަށް ގޮވައިފި އެވެ. އަދި އެތަނުން ކަރާ ފޮށްޗެއް ނަގައިގެން މުޅި އަނގަމައްޗަށާއި ގަޔަށް ފައިބާ ގޮތަށް ކައިހުސްކޮށްލައިފި އެވެ.

"މިހާ ބޮޑުކޮށް ކޮށީމައި މީތި ކެވޭނެ އިތުރުގޮތެއް ބުނެބަލަ. މީގެ ކިހާ ބައެއް އިސްރާފުވެއްޖެ. އެހެންވީމަ ދެން ފަހަރަކުން ރީތިކޮށް ތުނިކޮށް ކޮށާފައި މީތި ބަހައްޓާތި،" ހޮޅުދޫ މޭނާ އާއިލާ އަށް ނިސްބަތްވާ ހައްސާނު ވޭޓަރަށް ނަސޭހަތްތެރިވަމުން ބުނެލި އެވެ.

އަބަދު ވެސް މަޖަލުގެ ތެރޭގައި އުޅޭ ހައްސާނަށް މިހާރު ގަބޫލުކުރެވެނީ ލަވައަކީ އޭނާ މަސްތުވާތަކެއްޗާ ގާތްކުރުވާ އެއްޗެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރުމަށް ފުލުހުން ނިންމާފައިވާތީ އޭނާ ވަނީ ލަވައިގެ ދުނިޔެއާ އަލްވަދާއު ކިއުމަށް “ހައްޔަރު ކުރުމުގެ ކުރިން” މިނަމުގައި މިދިޔަ މަހު ރާޅުގަނޑު ސަރަހައްދުގައި ޝޯއެއްދީފަ އެވެ. އަދި މީގެ ކުރިން ވެސް އޭނާ ޖުއްބާލައި ތުނބުޅި ދިގުކުރުމަށް ފަހު ލަވަކިއުން ހުއްޓާލައިން ދުވަސްކޮޅަކު އުޅުނެވެ. ނަމަވެސް ހައްސާނު ބުނާގޮތުން މިފަހަރަކީ އޭނާ ލަވަކިއުމާ މުޅިން އަލްވަދާއު ކިޔާނެ ފަހަރެވެ.

ހައްސާނަކީ ރުޅިގަދަ މީހެއް ނަމަވެސް އޭނާ އަކީ ސިނގު ރުޅި އަންނަ މީހެއް ނޫނެ އެވެ. އޭނާ އަކީ ވަރަށް ތަފާތު މީހެކެވެ. އަދި މަސައްކަތުގެ ވައްޓަފާޅި ދަންނަ ހިންގުންތެރިއެއްކަން އަހަރެން އޭނާއެކުކުރި ދަތުރުން އެނގުނެވެ.

ކިޔުންތެރިންގެ ކޮމެންޓް

 • އާދަމް އިބްރާހީމްMonday 20th October 2014

  އަލްއަޚް، މޭނާ ޙައްސާނަކީ، ވަރަށް އުފެއްދުންތެރި، ކުލަދާނަ، ހިތްވަރުގަދަ އިޖުތިމާޢީ މީހެއް. ރީތިއަޑެއްގެ ވެރިއެއް. ރަނގަޅުކޮށްލަންޖެހޭ ކަމަކީ އެއްގޮތެއްގައި ދެމިހުރުން. އެގޮތުން، އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައިވާތީ، އަޅުގަނޑުމެން މަރުވެދަންދެން ދެމިތިބެންވާނީ ފުރިހަމަ މުސްލިމުންގެ ގޮތުގަ. މިކަން ކޮންމެ ހުކުރުދުވަހަކު ހުކުރު، ޚުތުބާގަވެސް ހަނދާންކޮށްދޭ!

 • އައިޝަތު ޢަލީ Monday 30th June 2014

  މި ޕޭޖް މޫވް ކުރާވަރުންވެސް އެއްޗެއްކިޔޭވަރުތަ، މޮޅުކޮށްލަންވެސް ކަންކަން ކުރިޔަސް މީ ދެން ފުކެއްބޮޑުވަރު ކަންނޭންގެ،

 • ޤާރޫންMonday 30th June 2014

  ތީ އެންމެ ރަނގަޅުތަން އުޅެން... 24/7 ހަމައިން ނެއްޓި ނުނެއްޓޭވަރަށް ޖައްސައިގެން ހުއްޓަސް ކާކަށް ރޭކާލާނީވެސް!!! ހަމައިން ނެއްޓީލާއިރު ނަށާވެސް ހަދާނެ... ލަވަވެސް ކިޔާނެ...

 • އާސިފް (ޑޯން)Sunday 29th June 2014

  ގެއލިގެން ވަރަށް ހޯދައިފިން ރިޝޭ އަދި ކިރިޔާ މިއިނގުނީ އުޅޭތަން

 • muraadhSunday 29th June 2014

  Thibunaa hen hassaanakee varah aadhayaa hilaaf molhu meeheh... adhi hingun theri kulhadhaana beyfulheh... alhugandu menge ummeedhaky hassaanah rangalhu dhiriulhumeh dhekkevun...

 • އަލިSaturday 28th June 2014

  ޒާހިދު ވެސް މަޝްހޫރު ނަމަ މިފަދަ ތައުރީފު ރައްދުވާނެ

 • ޒާހިދުSaturday 28th June 2014

  ލޮލް..އަހަރުމެން ކުރި ކަމެއް ނެއްދޯ . ހުރިހާ ކަމެއް ކުރި ނަން މިވީ މޭނާ ހައްސާނު ދޯ ..!!

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST