• ދިގު ވާހަކަ

 (15-12-14) ހޯމަ ދުވަހުގެ ބަޔާ ގުޅޭ

ކޮޓަރި އަށް ވަތް އިރު މުޅިތަނަށް ހުރީ އަންނައުނުތައް އުކާފަ އެވެ. ދާއެއްޗެހި އަޅާ ވަށިގަނޑު ފުރިބާރުވެގެން މުށިގަނޑުމަތީ ވެސް ހުރީ އަންނައުނެވެ.

"ހަމް ކޮން އިރަކު އެންމެ ފަހުން އެއްޗެހި ދޮވުނީ؟" އަރޫ އަހާލި އެވެ.

"އެންމެ ފަހުން އަރޫ އައިދުވަހު. ތިކަހަލަ ކަމެއް ކުރާނެ ޓައިމެއް ނުވޭ"

އެގެ އަށް އަރޫ އެންމެ ފަހުން އައީ މަހެއްވަރު ކުރިންނެވެ. ހަމްދާން އަމިއްލަ އަށް އެއްޗެހި ދޮންނަނީ މަދު ފަހަރަކު އެވެ. އަރޫ އަށް ނުދޮވެވިއްޖިއްޔާ ގޭގެ މަސައްކަތްތައް ކުރާނީ ހަމްދާންގެ އޮފީހު މަސައްކަތު މީހާ އެވެ.

"އަޅާ ނުލާ އަރޫ އެބަ ދޮވެލަން"

"އާން!"

ގޭގަ އުޅޭ ވަގުތަށް ވުރެ ގެއިން ބޭރުގައި ހަމްދާން އުޅެންޖެހޭ ވަގުތުތައް ވަރަށް ގިނަ އެވެ. ސަބަބަކީ ނޫސްވެރިޔެއްކަމުން އޭނާ އަބަދު ވެސް އެލާޓްގައި ހުންނަން ޖެހުމެވެ. އަދި ހަމްދާން އަތުޖެހެން ހުއްޓާ ނޫހުގެ އެޑިޓަރު ޗީފް އެސައިމެންޓެއް އެހެން މީހަކަށް ނުދޭތީ ވެސް ގިނަ ވަގުތު މަސައްކަތުގައި އުޅެން އޭނާ އަށް ޖެހެ އެވެ.

**********************

ބްރޭކްް ގަޑި އަށް ހަމްދާނާއި އިޝްފާގު އޮފީހުން ނުކުތީ ކޮފީ އެއް ބޯލާށެވެ. އަބަދު އޮފީހުގައި އިނުމުގެ ބަދަލުގައި މާހައުލު ބަދަލުކޮށްލުމުން ސިކުނޑި ތަނަވަސްވެގެން ދާނެ ކަމަށް ދެ މީހުން ވެސް ދެކެ އެވެ.

"ކޮންތާކަށް ދާނީ؟" އިޝްފާގު ހަމްދާންކައިރީ އަހާލި އެވެ.

"މަށަށް ކޮންމެ ތަނެއް ވެސް އޯކޭ. އެކަމަކު މިގަޑީގަ ރާނބާ ސަޅިވާނެ"

"އާން އޯކޭ" އިޝްފާގު ސައިކަލަށް އަރާ ސްޓާޓްކޮށްލަމުން ބުންޏެވެ.

އާދައިގެ މަތިން އިޝްފާގު އޯޑަރު ދިނީ އެކްސްއެލް އަކަށެވެ. ކޮފީ ބޯން ދިޔަ ނަމަވެސް އިޝްފާގު އެކްސްއެލް ނޫން އެއްޗެއް ނުބެ އެވެ. އެހެންވެ އަބަދު ވެސް ހަމްދާން އެކަމަށް ޖޯކު ޖަހަ އެވެ.

"ތި ނޫން އެއްޗެއް ނުގެނެވޭނެ ދޯ" ހަމްދާން ބުނެލި އެވެ.

"ކަލޭ ވެސް ކަޅު ކޮފީ ނޫން އެއްޗެއް ނުބޮމެއްނުން. މިއާ ނުލާ މަށަކަށް ނޫޅެވެނޭ. އެހެންވީމަ އެކްސްއެލް އާ ނުބެހޭތީ،" ފޮނި ހިނިގަނޑެއް ޖަހާލަމުން އިޝްފާގު ބުނެލި އެވެ.

"ރާއްޖެ އެކްސްއެލް އެތެރެ ނުކުރާއިރު ކަލޭ ދެން ކޯޗެއް ބޮނީ؟"

"އަސްލު ކުރިން ބޮނީ ރެޑްބުލް. އެކަމަކު ފަހުންއެކްސްއެލް  ބުއި ފަހުން އެނގިޖެއް މީތި މާ ސަޅިކަން. އެހެން ނޫނަސް ރެޑްބުލް މާ އަގު ވެސް ބޮޑު. ތިޔެއް ނޫނޭ ޗީފް ކީކޭތަ ބުނީ،" ވާހަކަ ބަދަލުކޮށްލަމުން އިޝްފާގު ބުންޏެވެ.

"ޗީފް މާ ބޮޑު އެއްޗެއް ނުބުނޭ. އެކަމަކު އޭނާ ވެސް ބޭނުމެއް ނުވާނެ ދޯ އަހަރެން އޭނަ އަށް ވުރެ ކުރިއަރައިންދާކަށް" ހަމްދާން އިޝްފާގުގެ ސުވާލަށް ޖަވާބުދިނެވެ.

"އެކަމަކު ކަލެ އަށް ޗީފް ވަރަށް ރަނގަޅެއްނު"

އިޝްފާގު އެހެން ބުނިތަނުން ހަމްދާން ނިތްކުރިން ފަހެއް ބަލާލަން އިޝާރަތްކޮށްލި އެވެ. އޭރު އެތަނަށް ވިޝާން އާއި ސުދޭޝް އަދި ޝާނިއު ވަދެއްޖެ އެވެ. އެ ތިން މީހުންނަކީ ވެސް އިޝްފާގުގެ ކްލާސްމޭޓުންނެވެ.

"ކަލޭ މަށާދިމާކޮށްލަންދޯ އެ މީހުން މަށަށް ތި ދެއްކީ. އަސްލު އައިޝާއާ ހެދި ވިޝާން އުޅެންފެށި ފަހުން އަހަރެން އެމީހުންނަކާ އެހާ ޕާޓެއްނޫން. އެހެން ނޫނަސް އެއީ ސްކޫލްގައި އުޅުންއިރު ވެސް ހަމައެކަނި ސްކޫލަށްދާއިރު ދިމާވާ ބައެއް،" އިޝްފާގު ބޭނުންވީ އޭނާ އާ އެމީހުންނާ މާ ބޮޑު ގުޅުމެއް ނެތްކަން ހަމްދާނަށް ވިސްނައިދޭށެވެ.

ހަމްދާނަށް އިޝްފާގު ވެސް ކިޔެވީ އެއް ސްކޫލަކުންނެވެ. އެހެންވެ ސްކޫލްތެރޭގެ ވާހަކަތައް ހަމްދާނަށް ވަރަށް ރަނގަޅަށް އެނގެ އެވެ.

"ތެޔޮނާށި ކާޅު ޖަހައި ނުގަތީ ހަމަކިރިޔާ ދޯ" ހަމްދާން އަނެއްކާ ވެސް އިޝްފާގު ރޭރު އަރުވާލަން ބުންޏެވެ.

"ތި ވާހަކަ ބާއްވަބަލަ. ކަލެ އަށް އެޑިޓަރުކަން ދީފިއްޔާ ގަބޫލް ކުރާނަންތަ؟" އިޝްފާގު ވާހަކަ އޮޅުވާލަންވެގެން ކުރީގެ މައުލޫ އަށް އަނެއްކާ ވެސް ވާހަކަ އަނބުރާލި އެވެ.

"ދެން އެހިސާބަށް ދިޔައިމަ ދޯ އެނގޭނީ" ހަމްދާން އަށް އަނގައި އެއްޗެއް ބުނެވުނީ އެ ހިސާބަށެވެ. މަގުމަތިން އަޑުގަދަވިވަރުން އިތުރު ވާހަކަ އެއް ދެއްކޭ ވަރެއްނުވި އެވެ.

ކެފޭގެ ބެލްކަނިން މަގުމަތި ބަލާލި އެވެ. އޭރު ދެ ޕާޓޭން ހެސްކިޔާފަ ޒުވާބު ކުރަނީ އެވެ. އެތަނުން އެކަކު އަނެެއް މީހަގެ ގިރުވާނުގައި ހިފާ ފާރުގައި ހިތްޕާލައިފި އެވެ.

"ކަލެއް ވިއްކަން ދިން ސްޓަފް ކޮބާ؟ އަދި ވެސް ލާރިނުލިބެނީ" ގިރުވާނުގައި ހިފައިން ކުރި މީހާ ބުންޏެވެ.

"އަހަރެން ކޫލް ޑޫޑް އަތަށް ވިއްކަންދީފަ ވީ" އަނެއް މީހާ ބުންޏެވެ.

އޭރު ވެސް އެ މީހުން ތިބީ ހަމަޔަކު ނޫނެވެ. ވާހަކަ ދައްކާ ރާގައި ލޮލަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

"ކޮން ކޫލް ޑޫޑްއެކޭ ކިޔާކަށް. އަހަރެން ދިނީ ކަލޭ އަތަށްދޯ ވިއްކަން. މަދަމާ އަށް އަހަރެންގެ ސްޓަފް ނޫނީ ލާރި ނުދީފިއްޔާ ކަލޭ ދެން މި މާލެތެރެއަކުން ނުފެންނާނެ" އެނޭގެ ގިރުވާނުން ދޫކޮށްލައި ސައިކަލަށް އަރަމުން ބުންޏެވެ.

މި ހުރިހާ ކުޅިގަނޑެއް ބަލަން ހަމްދާންމެން ތިބީ މަތީގަ އެވެ.

"އަހަން ވަރަށް ހިވޭ ކަމެއް ނުބައިކޮށް ވާން އުޅޭހެން،" އިޝްފާގު ހަމްދާނާ ދިމާލަށް ބުނެލި އެވެ.

"ކަލޭ އަށް އަބަދު ވެސް ހީވާނެ. އެކަމަކު ވާހަކަ ހުރިގޮތުން މަށަށް ވެސް ހިވޭ ފައިޓެއް ދުވާލާނެހެން،" ހަމްދާނަށް ވެސް އިޝްފާގު ވެސް ހީވީ އެކައްޗެކެވެ.

ދެ މީހުންނަކީ ވެސް ރަނގަޅު ދެ ނޫސްވެރިން ކަމުން ބައެއް ކަންކަމުގައި ދެ މީހުންނަށް އެއްބަސްވެ އެވެ. އެކަމަކު ވެސް ހަސަދަ ބައެއް ފަހަރު ބޮޑުވުމުގެ ސަބަބުން އެކަކަށް ވުރެ އަނެކަކު މޮޅުވާން އަބަދު ވެސް މަސައްކަތް ކުރެ އެވެ.

*******

އެއްކަލަ ޕާޓޭ ދިޔައީ މަގުމަތިން ހިނގާފަ އެވެ. އޭރު ގަޑިން މެންދަމުން އަލިވެ ދޭއްޖަހައިފި އެވެ. އޭގަޑީ ވެސް އޭނާ ހުރީ ހަމަޔަކު ނޫނެވެ. އޭނަ ފަހަތުން މީހަކު އަންނެހެން ހީވެގެން ފަހަތް ބަލާލައިފި އެވެ. އެކަމަކު މީހަކު ފެންނާކަށް ނެތެވެ. އަނެއްކާ ވެސް ތަންކޮޅަކަށް ދިޔަތަނުން މީހަކު ފަހަތުން އަންނަހެން ހީވި އެވެ. ސިއްސައިން ގޮސް ފަހަތް ބަލާލިއިރު އެކަކު ވެސް ފެންނާކަށް ނެތެވެ.

އޭނާ އަށް މީހަކު ނު ފެނުނަސް އޭނަގެ ފަހަތުން މޫނު ނިވާކޮށްގެން ހުރި މީހަކު އައެވެ. ބަލާލާ ކޮންމެ ފަހަރަކު އޭނާ ކޮންމެ ވެސް ތާކަށް ވަދެ ފިލަ އެވެ. އެހެންވެ އޭނާ އަށް މޫނު ނިވާކޮށްގެން ހުރި މީހާ ނުފެނުނީ އެވެ.

"ކާކު؟" މާކައިރިން މީހެއްގެ ހިލަމެއްވީހެން ހީވެގެން އޭނާ ގޮވާލި އެވެ.

ކޮންމެ ވެސް ވަރަކަށް ބިރުންހުރެ ޖެހިގެން އޮޮތް ގޯޅިތެރެ އަށް އަވަހަށް ވަދެއްޖެ އެވެ. ގޯޅިއަށް ވަތްތަނުން މީހަކު އޭނަގެ އަނގަމަތީ އަތްއަޅައިފި އެވެ. އެ މީހަކު ހުރީ އަތަށް ރަބަރު އަނގި ވެސް ލައްވާފަ އެވެ. އަނގަމަތީ އަތްއެޅުމާއެކު ލޯހުރީ ބޮޑުވެފަ އެވެ. އެވަގުތު މޫނު ނިވާކޮށްގެން ހުރި މީހާ ޖީބުން ނެގި ވަޅިއަކުން ޕާޓޭގެ ބަނޑަށާއި އަރިކައްްޓަށް ވަޅި ޖަހައިފި އެވެ. އަދި އޭނާ ވެއްޓުމުން މުޅި މޫނުގައި އެގޮތް މިގޮތަށް ވަޅިއަޅައިފި އެވެ. އޭރު އޭނާ ރޯމަހެއްހެން ތެޅިނީ އެވެ.

)ނުނިމޭ(

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ