• ދިގު ވާހަކަ

(12.12.2014) ހުކުރު ދުވަހުގެ ބަޔާ ގުޅޭ ***************************

މަސައްކަތް ނިންމާލުމަށް ފަހު ހަމްދާން ގެ އަށް ދާން އޮފީހުން ނިކުތެވެ. މަގުން މާދުރަށް ނުދެވެނީސް ތަންކޮޅެއް ކުރީގެ ރައްޓެއްސެއް ކަމަށްވާ ވިޖުދާން އާ ބައްދަލުވި އެވެ.

"ހަމްޓީ މަޑުކޮށްބަލަ!" ވިޖުދާން ހަމްދާން އަށް ސްކޫލް އުޅުންއިރު ކިޔާނަމުން ގޮވާލި އެވެ.

"ވިޖޫ! ކަލޭ ވާނެ ތިހެން ގޮވަން. މިތަނުން އޮފީސް މީހަކަށް ތި އަޑު އިވިއްޖިއްޔާ ކަންތަކާ ޖެހޭނެ. މިއީ ދިމާކުރާނެ ކަމެއް ނުފެނިފަ ތިބޭ ބައެއް އުޅޭތަނެއް.." ވިޖޫ ސައިކަލު ކައިރި އަށް މަޑުކޮށްލަމުން ބުންޏެވެ.

"ހިނގާ ކޮފީ އެއް ބޯން.."

"ވަރަށް ބިޒީކޮށް އުޅެފަ މިއައީ އެހެން ފަހަރަކުންދޯ.." ހަމްދާން ވަރުބަލިވެފައި ހުރިވަރުން ބުނެލި އެވެ.

"އާން އޯކޭ! ކަލޭ އަރާ މަ ގެއަށް ވައްޓާލަ ދީފާނަން.."

ސްކޫލްގައި އުޅުންއިރު ވެސް ހަމްދާން ތަންތަނަށް ލައިދެނީ ވިޖުދާން އެވެ. އޭނާ އާއި ހަމްދާން ސްކޫލް ނިންމުމަށް ފަހު ބައްދަލުނުވާތާއެތަށް ދުވަހެއް ވެއްޖެ އެވެ. އެހެންވެ ދެ މީހުުން ސައިކަލުގައި ދިޔައިރު ވެސް ދިޔައީ ކެނޑިނޭޅި ވާހަކަ ދައްކަމުންނެވެ.

ވިޖްދާން ހަމްދާން ގޭ ކައިރި އަށް ބާލަފައި ގޮސްފި އެވެ. ސިޑިން އަރައިން ގޮސް ދޮރުގައި ހިފާލިއިރު ދޮރު ހުރީ ތަޅުނުލަ އެވެ. އަވަހަށް ގެ އަށް ވަދެ ގޭގެ އެތަން މިތަނަށް ނަޒަރު ހިންގާލައިފި އެވެ. މީހެއްގެ ހިލަމެއް ނުވި އެވެ.

"މީހަކު ވަތްނަމަ ތަންތަން ހާވާފަ ހުންނާނީ.." ހަމްދާން ހިތާހިތުން ކިޔާލި އެވެ.

ކޮޓަރި އަށް ވަދެ އަލަމާރި އާއި ކަބަޑުތައް ވެސް ބަލައިިފި އެވެ. ހުރިހާ އެއްޗެއް ހަމަ އެވެ. ތަޅުލާފައި ހުރި އެއްޗެއްވިއްޔާ ހުރީ ތަޅުލާފަ އެވެ. ގޭގެ ދޮރުފިޔަވާ އެހެން ހުރިހާ ތަނެއް ވެސް ހުރީ ހަމްދާން ދިޔައިރު ހުރި ގޮތަށެވެ.

ހަމްދާން ގޮސް ކޮމްޕިއުޓަރު ކައިރީ އިށީނދެއްޖެ އެވެ. ކުއްލި އަކަށް ބަދިގެ ތެރެއިން އެއްޗެއް ވެއްޓިއްޖެ އެވެ. އަވަހަށް ގޮޮސް ބަލާލައިރު ކުޑަދޮރުކައިރީ އިން ޑަސްބިން އޮތީ ބަންޑުން ގޮސްފަ އެވެ. ކުޑަދޮރު ނުލައްޕާ ހުރިއްޔާ ބުޅަލުގެ އުނދަގޫ ވަރަށް ގިނައިން ޖެހެ އެވެ. އެހެންވެ ހަމްދާން މާ ބޮޑު ކަމަކަށް ނުހަދަ އެވެ. ބަދިގެ ތެރެ ސާފުކޮށް ނިންމާލުމަށް ފަހު އަނެއްކާ ވެސް ގޮސް ކޮމްޕިޓަރު ކައިރީ އިށީދެއްޖެ އެވެ.

ގޭތެރޭގައި މީހެއް އުޅޭހެން ހަމްދާނަށް ފުރަތަމަ ވިސްނުނަސް އިތުރު މީހަކު އެގޭގައި ނޫޅޭނެކަން ހަމްދާންނަށް އިނގެ އެވެ. މާލެ އަށް ހަމްދާން ކިޔަވަން އައިސް ކުރިން އުޅުނީ ދައްތައެއްގެ ގޭގެ އެވެ. އަދި ފަހުން ރާއްޖޭން ބޭރުން ކިޔަވައިން އައިސް އޭނާ ވަކިން އެކަނި އެޕާޓްމަންޓެއް ހިފި އެވެ.

ހަމްދާން އިނީ ކޮމްޕިޓަރު ކައިރީ އެއްޗެއް ލިޔާށެވެ. ކުއްލި އަކަށް ފަހަތުން މީހަކު އޭނާގެ ކަރުގައި ވަޅި ޖައްސާލައިފި އެވެ. އޭނާ ސިއްސައިން ދިޔަ ނަމަވެސް މާ ބޮޑަކަށް ތެޅޭކަށް ނުކެރުނެވެ.ވަޅީގެމިޔަ ހުރީ  ލަގޮނޑި މަތީ ޖެހިފަ އެވެ.

"އިތުރަށް އެންމެ ގުޑުމެއް ގެނަޔަސް މި ވަޅީގައި ހުރި ތޫނުކަން ދައްކާލަނަން..." ބަރު އަޑަކުން އަންހެނަކު ބުނެލި އެވެ.

ހަމްދާނަށް އެއީ އަންހެނެއްކަން އެނގުމުން ހިތް ކުޑަކޮށް މައިތިރިވި އެވެ. އެ އަށް ފަހު އެއް އަތުން ވަޅީގައި ހިފާ އަނެއް އަތުން އަހެން ކުއްޖާގެ އިސްތަށިގަނޑުގައި ހިފާ އުނގު މައްޗަށް ވައްޓާލައިފި އެވެ. ހަމަ އެބާރު މިނުގައި އުނގުން ބިންމައްޗަށް ކޮށްޕާލައިފި އެވެ.

"އައްދޯ"

"އަރޫފާ ކައިރީ ކިތައް ފަހަރު ބުނާނަނީ އަހަރެން ކައިރީ ނުބުނެ މިގެއަށް ނާންނާށޭ. ކިހިނެއް މި ގެއަށް ވަނީ؟" ރުޅިއައިސްފައި ހަމްދާން ބުނެލި އެެވެ. އޭރު އަރޫފާ އޮތީ ޓައިލްސް މައްޗަށް ޖެހިފަ އެވެ.

"ހަމް ތަޅުނުލާ ދަންޏާ ވަންނާނެ ދޯ؟" އަރޫފާ ކުރިން ވާހަކަ ދެއްްކި ބަރު އަޑުދޫކޮށްލައި އޭނާގެ ހަގީގީ އަޑުން، ލޯބިން ބުނެލި އެވެ.

"ދެންހެވޭ އެއް ވެސް އެއްޗެއްގަ އަތްލިންތަ؟" ހަމްދާން ވެސް ރާގު ބަދަލުކޮށްލަމުން ބުނެލި އެވެ.

"ނޫން! ވަޅީގެ އިތުރުން އެއްވެސް އެއްޗެއްގަ އަތް ނުލަން. ދެން ވަޅިނަގަން އުޅެނިކޮށް ޑަސްްބިން ވެއްޓުނީމަ ކުޑަދޮރު ހުޅުވިން..." އަރޫފާ އޭނާ ކަންތައް ކުރިގޮތް ކިޔައިދިނެވެ.

"ބުނަން ވާހަކައެއް. އަރޫ އަކީ އަހަރެންގެ ބިޓުވިޔަސް މި ގެ އަށް ވަގަށް ވަދެވެގެން ނުވާނެ. މި ގެއަށް އަންނަންޏާ މީގެ ފަހުން ގުޅަންވާނެ. އަރޫ އަށް ހަމަ ރަނގަޅަށް އެނގޭނެ އޮފީސް އެއްޗެއް މަދުވެއްޖިއްޔާ އަހަރެން ހެސް ކިޔާފަ ރުޅި އަންނާނެކަން"

"ސޮރީ!" ދެން އެހެނެއް ނުވާނެ.." ހަމްދާން ކޮނޑުގައި ފަހަތުން ބައްދާލަމުން އަރޫފާ ބުންޏެވެ.

އަރޫ  ހަމްދާންގައިގައި ބައްދާލުމުން އަނެއްކާ ވެސް އުނގު މައްޗަށް ވައްޓާލައިފި އެވެ. އަރޫ ވެއްޓުމާ އެކު ހަމްދާންގެ ލޮލަށް ބަލާލި އެވެ. އެ އަށް ފަހު ލޯބި ހިނިތުންވުމަކާ އެކު ލަދުވެތި ފާޑަކަށް މޫނު އަނެއް ފަރާތަށް އަނބުރާލި އެވެ. ހަމްދާން ގަދަކަމުން އަރޫގެ މޫނު އަނބުރާލައިފި އެވެ. އެ އަށް ފަހުއަރޫ އަތްދަނޑި މައްޗަށްލާ އުފުއްލާލުމަށް ފަހު ގޮނޑިން ތެދުވެ, ގޮނޑީގައި ބާއްވައިފި އެވެ. ދެން ތެދުވެ އައިސް އަލަމާރީ ފެން ފުޅިއެއް ނަގައި ބޯލުމަށް ފަހު ކޮޓަރިއާ ދިމާލަށް ހިނގައި ގަތެވެ. އަރޫ ވެސް ގޮނޑިން ތެދުވެ ހަމްދާން ފަހަތުން ކޮޓަރައި އަށް ދިޔަ އެވެ.

)ނުނިމޭ(

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ